ހަބަރު

"ކޯޓްތަކުގެ ނިންމުންތަކާ ބެހުމުގެ ހައްގެއް ބޭރުގެ ޖަމާއަތްތަކަށް ނޯންނާނެ"

Jan 30, 2017
6
  • ކޯޓުތަކުގެ ނިންމުންތަކަށް ބޯލެބުން ލާޒިމް
  • ބޭރުގެ ބައެއް ނިންމުންތަކުން އިސްތިގުލާލަށް އަސަރުކުރޭ
  • ކުދި ގައުމުތަކަށް ކުޑަ އިންސާފު ލިބުމަށް ދުލެއް ނުކުރެވޭނެ

ރާއްޖޭގެ ޝަރުއީ ކޯޓުތަކުން ނިންމާ ކަންތައްތަކާ ބޭރުގެ ޖަމްއިއްޔާ ޖަމާއަތްތަކަށް ނުބެހެވޭނެ ކަމަށާއި ރާއްޖޭގައި އޮތީ ތިން ބާރު ވަކިވެފައި އޮތް މިނިވަން ޝަރުއީ ނިޒާމެއް ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ގިނަ އަދަދެއްގެ ކައުންސިލަރުންނާއި އެހެން ވެސް އާންމުން ޕީޕީއެމްއާ ގުޅުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ހަފްލާގައި ރައީސް ވިދާޅުވީ ރާއްޖޭގެ ގާނޫނު އަސާސީ އޮތް ގޮތުން ޝަރުއީ ކޯޓަކުގެ ތިން މަރުހަލާއިން ނިންމުމެއް ނިންމުމުން އެ ކަމަށް އަމަލު ކުރުން އެއީ އެންމެންގެ މައްޗަށް ލާޒިމް ކަމެއް ކަމަށާއި އެ ނިންމުންތަކަށް އަމަލު ނުކުރުމަށް ރާއްޖެއަށް ބޭރުގެ އެކި ޖަމާއަތްތަކުގެ ނުފޫޒުތައް ވައްދައިގެން މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ރައީސް ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަނީ، ކިތަންމެ ކުޑަ ގައުމެއް ނަމަވެސް ބައިނަލްއަގުވާމީ މުޖުތަމައުގައި ކަރާމާތްތެރިކަމާއި ޝަރަފާ އެކު މަސައްކަތް ކުރަން ކަމަށެވެ.

ރައީސް ވިދާޅުވީ ބޭރުގެ ޖަމާއަތްތަކުގެ ނިންމުންތައް ތަންފީޒު ކުރަން ސިޔާސީ ބައެއް ފަރާތްތަކުން ސަރުކާރަށް ގޮވާލާ އިރު އެފަދަ ކަމެއް ތަންފީޒު ކުރުމުގެ ސަބަބުން ރާއްޖޭގެ ސިޔާދަތަށް ކަރާމާތަށް ކުރިމަތިވާނެ ގޮންޖަހުންތަކަށް ނުބަލާ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ ގާޏޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފު ނިންމުންތައް ތަންފީޒު ކުރުމަކަށް މި ސަރުކާރަށް ދޫކޮށެއް ނުލެވޭނެ އެވެ. އަދި ކުޑަގައުމުތަކަށް ކުޑަ އިންސާފު އޮންނަ އުސޫލަށް އާއެކޭ ބުނެގެން ރާއްޖެއިން ނުތިބޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖެއިން ބޭރުގެ ޖަމާއަތްތަކުގައި ތިބެނީ، ރިޒަވޭޝަންތަކާ އެކުގައި ކަމަށާއި އެކަން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ.

"އެހެން ނަމަވެސް އިންސާނީ ހައްގުތަކުގެ ނަޒަރުން ބަލާއިރު ވޯކިން ގްރޫޕަކުން ނިންމަފާނެ ކަންނޭނގެ އިންސާނީ ހައްގުތަކަށް ބަލާ ކަމަށްވަންޏާ ދިވެހި ރާއްޖޭގައި އިންސާނީ ހައްގުތަކެއް ނެތް ކަމަށް. ދެން އަޅުގަނޑުމެންވީތޯ އެހެން ދީންތަކަށް އާ އެކޭ ބުނަން. އެކަމަށް އަތްތަލިބަޑި ޖަހަން. އެއަކަށް އަޅުގަނޑުމެން އަތްތަލި ބަޑިއެއް ނުޖަހާނެ. އެއަށް ބުނާނީ އަހަރުމެން ތިބޭނީ އަހަރުމެން ގަބޫލު ކުރާ ގޮތުގައޭ. އެހެން ވީމާ، ދިވެހިރާއްޖޭގެ ކޯޓުތަކުން ނިންމާ ކަންތައްތަކާ ބެހުމުގެ ޖާގަ އެއްވެސް ފަރާތަކަށް ލިބިގެނެއް ނުވޭ. ބައިނަލްއަގުވާމީ މުޖުތަމައަކަށް ވެސް އެ ހައްގެއް ނޯންނާނެ. އަޅުގަނޑުމެންގެ ގާނޫނު އަސާސީ އަޅުގަނޑުމެންނަށް ލާޒިމް ކުރަނީ ތިން މަރުހަލާގެ ކޯޓުން ނިންމާކަމެއް އެއީ ދިވެހި ހުރިހާ ރައްޔިތުން އެއަށް ކިޔަމަންތެރިވެ ބޯލަބާ އެއަށް އަމަލުކުރުން ލާޒިމް ކަމެއް ކަމުގައި،" ރައީސް ވިދާޅުވި އެވެ.

ރައީސް މިހެން ވިދާޅުވި އިރު ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދޫކޮށްލުމަށް އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަންއިން ވަނީ ގޮވާލާފަ އެވެ.

ފަނޑިޔާރުންނާއި ކޯޓުތަކުގެ ބޭނުމަކީ ރައީސް ވިދާޅުވި ގޮތުގައި މުޖުތަމައުގައި ވަކި އުސޫލުތަކެއް ދަމަހައްޓާފައި ބެހެއްޓުމެވެ. ސިޔާސީ ފަރާތްތަކުން ވެސް އެކަން ގަބޫލު ކުރަނީ އެފަރާތްތަކާ އެއްކޮޅަށް އެ ކޯޓުތަކުން ކަންކަން ނިންމީމައި ކަމަށް ބަލާ ބެލުން މިހާރު ދޫކޮށްލަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. މީގެ ކުރީގެ ސަރުކާރުތަކުން ކޯޓުތަކުގެ ނިންމުންތަކާ ބެހި މީހުން ހައްޔަރުކުރަން އަމުރުކުރިކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އެފަދަ ކަމެއް މި ސަރުކާރުން ނުކުރާ ކަމަށެވެ.

"ކޯޓްތަކުގެ ނިންމުންތަކާ ގުޅިގެން ނޫނީ މީހަކު ހައްޔަރު ކުރީމާ ވެސް އަޅުގަނޑަށް އެކަން އެބަ އަމާޒު ކުރެވޭ. އެހެން އެ ވަނީވެސް މީގެ ކުރިން ރައީސް އޮފީހުން އަންގައިގެން މީހުން ހައްޔަރުކޮށް މި ކަންކަން ކޮށްފައި އޮތީމާ. އެކަމަކު މި ސަރުކާރުން އެކަމެއް އެގޮތަކަށް ނުކުރާނެ. އެއީ އަޅުގަނޑުމެން ކުރާނެ ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖެ ކުޑަގައުމަކަށް ވާތީ ބޭރުގެ ފަރާތްތަކުން ވެސް ރާއްޖޭގެ ކަންކަމަށް ފާޑު ކިޔާނެ ކަމަށެވެ. އެހެން ނަމަވެސް ބޮޑެތި ގައުމުތަކުގައި ހިނގާ އިންސާނީ ހައްގުތަކާ ހިލާފުކަންކަމާ މެދު ބޭރުގެ ޖަމާއަތްތަކުން ދެނީ ބީރު ކަންފަތެއް ކަމަށް ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.

މިނިވަން ފިކުރަކީ ސިޔާސީ ކަންކަމުގައި އޮންނަ ކަމެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި މުޅި ދުނިޔެވެސް ގަބޫލު ކުރާ ހަގީގަތަކީ ރައްޔިތުންނަށް ސިޔާސީ ގޮތުން ރަނގަޅު މަސައްކަތްތަކެއް ކޮށްދެވޭނީ ވަރުގަދަ ނުފޫޒުގަދަ ޕާޓީއަކާ ގުޅިގެން ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި، ރައްޔިތުންނަށް ހިދުމަތް ކުރަން ބޭނުން ނަމަ، ކުރިއަށް އޮތް އިންތިހާބުގައި ޕާޓީއަކާ ގުޅިގެން ވާދަ ކުރުމަށް އެދޭ ކަމަށެވެ. ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ކައުންސިލްތަކުގެ ދައުރު މުހިންމު ކަމަށާއި ކުރިއަށް އޮތްތަނުގައި ކައުންސިލަރުން އެގޮތުގައި މަސައްކަތް ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.