ރާއްޖޭގެ ގާނޫނީ ނިޒާމުގައި ހުރި މައްސަލަތައް ހައްލުކޮށް، ބައިނަލް އަގުވާމީ ގާނޫނުތަކާއި މިންގަނޑުތަކަށް ފެތޭ ގޮތަށް ނިޒާމު ފައްކާކުރުމަށް ޓަކާ ކުރާ މަސައްކަތުގެ ދަށުން، މި ފެށޭ ރައްޔިތުންގެ މަޖިލީހުގެ އާ ދައުރުގައި ހެއްކާ ބެހޭ އާ ބިލެއް ހުށަހަޅުއްވާނެ ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވެއްޖެ އެވެ.
އެގާރަ އަހަރަށް ޖަލަށްލާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްސަލާގައި އދ ގެ ވޯކިން ގްރޫޕުން ނިންމި ނިންމުމާ ގުޅިގެން ސަރުކާރުންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަނިލް ވިދާޅުވީ، ރާއްޖޭގެ ގާނޫނީ ނިޒާމް އަދި އެންމެ ފުރިހަމައަށް ފައްކާ ނުވާކަމަށެވެ. އެހެން ނަމަވެސް މި ސަރުކާރު އައި ފަހުން ޝަރުއީ ދާއިރާ ރަނގަޅު ކުރުމަށް ކުރާ މަސައްކަތުގެ ދަށުން އާ ގާނޫނުލް އުގޫބާތެއް ފާސްކޮށް އަމަލުކުރަން ފަށާފައިވާ ކަމަށާއި ދެ ފުށް ފެންނަ ދުނިޔެ ބަލައިގަންނަ އުސޫލުތަކަކަށް ހެދިފައިވާ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ތައާރަފް ކޮށްފައިވާކަން އަނިލް ފާހަގަ ކުރެއްވި އެވެ. މިކަމުގެ ސަބަބުން ޝަރުއީ ދާއިރާގެ ތެރޭގައި ހުރި ޒަމާންވީ މައްސަަތައް ކުޑަ ކުރެވެމުން އަންނަ ކަމަށް އޭޖީ ވިދާޅުވި އެވެ. އެގޮތުން ހެއްކާ ބެހޭ އާ ބިލެއް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވެސް އަނިލް ވިދާޅުވި އެވެ.
ހެއްކާ ހެއްކާ ބެހޭ އާ ގާނޫނެއް މިހާރު ވެސް އޮތް ނަމަވެސް، އެއީ ވަރަށް ކުރީގެ ގާނޫނެކެވެ. އަނިލް ވަނީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ފާއިތުވި ފަސް އަހަރު ޝަރުއީ ނިޒާމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް އެއްވެސް ވަރެއްގެ މަސައްކަތްތަކެއް ކޮށްފައި ނުވާކަމަށް ވިދާޅުވެފަ އެވެ.
"އެހެންވީމަ ނިޒާމުގެ ތެރޭގައި ހުރި މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރެވޭ، އިރާދަކުރެއްވިއްޔާ މި ފެށޭ މަޖިލީހުގެ އާ ދައުރުގައި ހެއްކާ ބެހޭ އާ ބިލެއް މަޖިލީހަށް ހުށަހަޅާނަން،" އޭޖީ ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، ޝަރުއީ ނިޒާމުގައި މައްސަލަތަކެއް ހުރުމަކީ، ޝަރުއީ ބަންދެއްގައި ހުންނަ މީހަކު ދޫކޮށްލަންޖެހޭ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެހެންކަމުން ނާޒިމްގެ މައްސަލާގައިވެސް ކަންކަން ނިމިގެންދާނީ ރާއްޖޭގެ ޝަރުއީ ނިޒާމުގެ ތެރޭން ކޯޓުތަކުން ކޮށްފައިވާ ހުކުމާ އެއްގޮތަށް ކަމަށް އަނިލް ވަނީ ވިދާޅުވެފަ އެވެ.