ވިޔަފާރި

ދިރާގުގެ ފައިދާ 16 ޕަސެންޓް އިތުރުވެ ހިއްސާއަކަށް 11 ރުފިޔާ

ރާއްޖޭގެ އެންމެ ބޮޑު ޓެލެކޮމް ކުންފުނި، ދިރާގުގެ މިދިޔަ އަހަރު ސާފު ފައިދާ 16 ޕަސެންޓް އިތުރުވެ، 840 މިލިއަން ރުފިޔާ ސާފު ފައިދާއަށް ލިބިފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ދިރާގުގެ މިދިޔަ އަހަރުގެ ފަހު ކުއާޓާގެ ހިސާބުތައް ނޫސްވެރިންނަށް ހާމަކުރުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ދިރާގުގެ ޗީފް ފައިނޭންޝަލް އޮފިޝާ، ސީއެފްއޯ ރޮބިން ވިލްސަން ވިދާޅުވީ، ދިރާގުގެ އާމްދަނީގެ ގޮތުގައި މިދިޔަ އަހަރު 2.4 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި ސާފު ފައިދާގެ ގޮތުގައި 840 މިލިއަން ރުފިޔާ ލިބުނު ކަމަށެވެ. މިއީ ދިރާގުގެ ހިއްސާ އަކަށް 11.05 ރުފިޔާ ޖެހޭވަރުގެ އަދަދެކެވެ.

ދިރާގުގެ މިދިޔަ އަހަރުގެ ފަހު ކުއާޓާގެ އާމްދަނީ ވަނީ 2015 ވަނަ އަހަރުގެ ފަހު ކުއާޓާގައި ލިބުނު އާމްދަނީއަށްވުރެ 15 ޕަސަންޓު އިތުރުވެފަ އެެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ދިރާގަށް ލިބިފައިވަނީ 643 މިލިއަން ރުފިޔާގެ އާމްދަނީ އެކެވެ. އެ ކުއާޓާގެ ސާފު ފައިދާގެ ގޮތުގައި 187 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

ރޮބިން ވިދާޅުވީ މިިދިޔަ އަހަރު ދިރާގަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތުން ކަމަށެވެ.

ދިރާގުން ބުނީ އެކުންފުންޏަށް ލިބުނު ކާމިޔާބުގެ ފަހަތުގައިވަނީ މިދިޔަ އަހަރުގެ ތެރޭގައި ތްރީޖީ ހިދުމަތާއ، ފޯޖީ ހިދުމަތް އަދި ފައިބާ ނެޓްވޯކް ހަރުދަނާ ކުުރުމަށް ކުރިއަށް ގެންދިޔަ އިންވެސްޓްމަންޓްތަކާއި ކަސްޓަމަރުންގެ ބޭނުންތަކާއި ގުޅޭގޮތުން އެކި ޕެކޭޖްތައް ފަރުމާކުރުމަށް ކުރެވުނު މަސައްކަތްތައް ކަމަށެވެ. މިދިޔަ އަހަރުގެ ތެރޭގައި ދިރާގުންވަނީ އިންޓަނެޓުގެ ހިދުމަތްތައް ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތްތައް އެތައް ގުނައަކަށް ފުޅާކޮށް އަދި މިހާރުވެސް އިތުރު އެހެން ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ދިރާގުގެ 3ޖީގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކޮށްފައިވާ އިރު ރާއްޖޭގެ އާބާދީގެ 60 ޕަސެންޓަށް 4ޖީގެ ހިދުމަތް މިހާރު ވަނީ ފުޅާކޮށްފަ އެވެ. އަދި މުޅި ރާއްޖެއަށް 4ޖީގެ ހިދުމަތް ފުޅާކުރުމަށް ދިރާގުން މިހާރު ވަނީ މިއަހަރު ތެރޭ ފަށައިފަ އެވެ.