ލައިފްސްޓައިލް

ކޮންމެ ފަހަރަކު އަންހެނުން "ކިއުޓް" އޭ ނުބުނާތި!

Jan 31, 2017
2

މިއި ވަރަށް ގިނައިން އަންހެނުންނާ ދިމާލަށް ފިރިހެނުން ބުނާ ބަހެކެވެ. އަނބި މީހާ ނުވަތަ ގާލް ފްރެންޑާ ވާހަކަ ދައްކަމުން ގޮސް ވަކި ހިސާބަކުން "އަޅޭ ހާދަ ކިއުޓް އޭ" ބުނެލަނީ އެވެ. އެއީ ލޯބިން ބުނެލާ ބަހަކަށް ވިޔަސް ބައެއް ފަހަރު ކިއުޓް އޭ ތިބުނަނީ އެންމެ އުންމީދު ކުރާ ވަގުތުގައެއް ނޫނެވެ. ކިއުޓް ނޫން އެހެން ބަހަކަށް އުންމީދު ކޮށްގެން ހުއްޓާ އެހެން ބުނެފިނަމަ އެއީ ބައެއް ފަހަރު ލަދު ގަންނަވާލަން ނުވަތަ ދެރަކޮށްލަން ބުނާ ކަހަލަ އިހުސާސެއް ވެސް ކުރެވިދާނެ ކަމެކެވެ.

މިސާލަކަށް ތަނަކަށްދާން އަންހެނުން ރީތިވެ ނަލަހެދިގެން ނުކުތުމުން ހާދަ ކިއުޓް އޭ ނުބުނާށެވެ. އެތައް ގަޑިއިރެއްގެ ބުރަ މަސައްކަތް އެމީހުން އެކުރީ ތިބާގެ ފަރާތުން ކިއުޓް އޭ ބުނާ އަޑުއަހާކަށް ނޫނެވެ. އެ ހާލަތުގައި އަންހެނުން އުންމީދު ކުރާނީ އެފަދަ ލަފްޒަކަށް ނޫނެެވެ. ކިއުޓްގެ ބަދަލުގައި ވަރަށް ރީއްޗޭވެސް ބުނެވިދާނެ ނޫން ހެއްޔެވެ؟ ތިބާގެ ފަރާތުން ތައުރީފް ލިބޭނެ ކަމަށް އުންމީދުކޮށް އެތައް ވަގުތެއް ހޭދަކޮށް ނަލަހެދިގެން ނުކުތުމުން ކިއުޓް އޭ ބުނުމުން މުޅި ދުވަހުގެ މޫޑުވެސް ހަރާބުވެދާނެ އެވެ. ކޮމްޕްލިމެންޓް ކުރާނަމަ ކުރަންވާނީވެސް އެންމެ ފުރިހަމަ ގޮތުގަ އެވެ.

ކިތަންމެ ކުޑަކަމަކާ ހެދިވެސް އަންހެނުން ރުޅި އައިސްދާނެ އެވެ. ނުވަތަ ސީރިއަސް މައްސަލައެއް ޖެހި ތިބާދެކެ ރުޅި އައިސް ހިންހަމަ ނުޖެހިފައި ހުރެދާނެ އެވެ. އިތުރަށް މައްސަލަ ބޮޑުނުކޮށް އަންހެނުން ރުއްސަން ފިރިހެނުން ގެންގުޅޭ އެއް އުކުޅަކީ ލޯބިން ކޮންމެސް ތައުރީފެއް ކޮށްލުމެވެ. އެއީ ނިކަން ފަސޭހައިން އަންހެނުން އައިސް ހުރި ރުޅިގަނޑު މަޑުވެސްވާ ކަމެކެވެ. އެކަމަކު ރުޅިއައީމަ ހާދަ ކިއުޓް އޭ ފަދަ ލަފްޒެއް އޮޅިގެންވެސް ނުބުނާށެވެ. އެވަގުތު އެހެން ބުނެފިނަމަ ވަރަށް ބޮޑަށް ހިތުގައި ޖެހިދާނެ އެވެ. އޭނަ އަށް އިހުސާސް ކުރެވޭނީ އޭނާގެ އިހުސާސްތަކަށް ތިބާ ގަދަރު ނުކޮށް އެކަމށް ޖޯކު ޖަހާ ކަހަލަ އިހުސާސް އެކެވެ. އެވަގުތު އެންމެ ރަނގަޅުވާނީ އަންހެނުން ދައްކާ ވާހަކައަށް ސަމާލުކަންދީ އެވާހަކަތައް ކަނުލާ އަޑުއެހީމަ އެވެ.

މަސައްކަތުގެ މާހައުލުން އޭނަ އަށް ޕްރޮމޯޝަނެއް ލިބިދާނެ އެވެ. ނުވަތަ ބޮޑު ކާމިޔާބެއް ލިބިދާނެ އެވެ. އުފަލާއެކު އެވާހަކަތައް އެންމެ ފުރަތަމަ ހިއްސާ ކުރާ މީހަކަށް ތިބާވާނެ އެވެ. އެފަދަ ވަގުތެއްގައިވެސް ކިއުޓް އޭ ނުބުނާށެވެ. އޭރަށް އިހުސާސް ކުރެވޭނީ "ތިކުރި ހިތްވަރުވެސް ދެން ރަނގަޅު" ނުވަތަ "އަހަންނަށް މާބޮޑު މުހިންމުކަމެއް ތިއަކު ނެތޭ" ބުނާކަހަލަ އިހުސާސެކެވެ. އެއީ އިތުރު ހިތްވަރާއި ސަޕޯޓްވެސް ބޭނުންވާނެ ވަގުތެކެވެ. ކުރި މަސައްކަތަށް ތައުރީފާއި ސާބަސްވެސްމެ އެވެ.

ނަމަވެސް ކިއުޓް އޭ ބުނާ އަޑުއަހާލަން ބޭނުންވާ ހާލަތްތައްވެސް ހުންނާނެ އެވެ. އެކަން ހަނދާނުގައި ބަހައްޓައްޗެވެ.