ކުޅިވަރު

ޗެލްސީ ބަލި ކުރެވިއްޖެ ނަމަ، ލިވަޕޫލްގެ މުޅި ސީޒަން ބަދަލުވާނެ

Jan 31, 2017

މިރޭ ޗެލްސީއާ ދެކޮޅަށް ލިވަޕޫލް ކުޅޭ މެޗުގައި، ޗެލްސީ ބަލި ކުރެވިއްޖެނަމަ ލިވަޕޫލްގެ މުޅި ސީޒަން ބަދަލު ކޮށްލެވޭނެ ކަމަށް ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ބުނެފި އެވެ.

ލިވަޕޫލް ހަތަރު ވަނައިގައި އޮތް އިރު، އެޓީމު އޮތީ ޗެލްސީ އާ 10 ޕޮއިންޓްގެ ފަހަތު އެވެ.

މިމަހުގައި ލިވަޕޫލްގެ ޕާފޯމަންސް ފެނިގެން ގޮސްފައި ވަނީ މުޅިން ދަށް ކޮށެވެ. ލީގް ކަޕްގެ އިތުރުން އެފްއޭ ކަޕުން ވެސް އެޓީމު ވަނީ ކަޓާފަ އެވެ. އަދި އެ ދެމުބާރާތުން ވެސް ކެޓީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުތަކުން ބަލިވެގެން ނެވެ. އަދި އެންމެ ފހުން އަމިއްލަ ދަނޑުގައި ކުޅުނު ތިން މެޗުން ވެސް އެ ޓީމު ވަނީ ބަލި ވެފަ އެވެ.

އެއާ ހިލަފަށް ޗެލްސީ އޮތީ ވަރަށް ފޯމްގަ އެވެ. ނަމަވެސް ކްލޮޕް އަށް އޮތް ހިތްހަމަ ޖެހުމަކީ، ސީޒަންގެ ފުރަތަމަ ހާފުގައި ކުޅުނު މެޗުން ސެލްސީ އަތުން މޮޅުވެފައި އޮތުމެވެ. އަނެއް ހިތްހަމަޖެހުމަކީ، 1923 ގެ ފަހުން އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް އެޓީމު ބަލިވެފައި ނެތުމެވެ.

މިރޭގެ މެޗުން ލިވަޕޫލް މޮޅުވި ނަމަވެސް، އެޓީމަށް ޗެލްސީ އާ މެދު އޮތް ފަރަގު ކުޑަ ކުރެވޭނީ ހަތް ޕޮއިންޓަށެވެ. ނަމަވެސް އެވަރުން ޗެލްސީ އަތު ނުލެވޭނެ ކަން ހުދު ކްލޮޕް ވެސް ގަބޫލު ކުރެއެވެ.

"އެކަމަކު އަހަރެމެންނަށް އިތުރަށް ޕޮއިންޓް ތައް ނަގާލެވޭ ކަށް ނެތް، ... އަހަރެމެން ބޭނުން މި ތިން ޕޮއިންޓް މިތިން ޕޮއިންޓަކީ އެންމެ މަތީ ލެވަލުގައި ވާދަ ކުރުމަށް އަހަރެމެންނަށް ލިބޭނެ މޯޓިވޭޝަނެއް ކްލޮޕް ބުންޏެވެ.

ލިވަޕޫލަށް ފަހު، ޗެލްސީ އަށް އޮތީ ދެ ވަނަ އިގައި އޮތް އާސެނަލް މެޗެވެ. ޗެލްސީގެ ކޯޗް އެންޓޯނިއޯ ކޮންޓޭ ބުނީ އެ ދެމެޗުގެ ނަތީޖާ އަށް ވާ ގޮތަކުން ލީގް ޗެމްޕިއަން ކަން ހޯދުމުގެ ފުރުސަތު ނުގެއްލޭނެ ކަމަށެވެ.

"މިއީ ވަރަށް މުހިންމު ހަފުތާއެއް، ނަމަވެސް އަހަންނަށް އެނގޭ، މި ދެ މެޗަށް ފަހުވެސް ލީގް ޗެމްޕިއަންކަން ހޯދަން 14 މެޗް އެބައޮތް. މި ދެ މެޗުގެ ނަތީޖާ ވަރަށް މުހިންމު ނަމަވެސް ލީގް ޗެމްޕިއަންކަން ހޯދުމުގެ ދަތުރު މި ދެ މެޗުން އެކަނި ނުނިމޭނެ،" ކޮންޓޭ ބުންޏެވެ.

ލިވަޕޫލާއި ޗެލްސީ ބައްދަލު ކުރާ މެޗް ފެށޭނީ ރާއްޖޭ ގަޑިން މިރޭ ދަންވަރު 1:00 ގަ އެވެ.