އާސެނަލްގެ ކޯޗްގެ ގޮތުގައި ހޭދަ ކުރި 20 އަހަރު ތެރޭ އާސެނަލް އިން އޭނާއަށް ފެނުނު އެންމެ މޮޅު ފޯވަޑް ލައިނަކީ، މިހާރު އޮތް އާސެނަލްގެ ފޯވަޑް ލައިން ކަމަށް، ކޯޗް އާސެންވެންގާ ބުނެފި އެވެ.
މިދިޔަ ހަފުތާގައި އެފްއޭ ކަޕްގައި، ސައުތު ހެމްޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި، ތިއޯ ވޮލްކޮޓް، ހެޓްރިކް ހެދިއިރު، ޑެނީ ވެލްބެކް ވަނީ ދެ ލަނޑު ކާމިޔާބު ކޮށްފަ އެވެ. އެ މެޗުގައި އާސެނަލްއިން ނިކުތީ އެލެކްސިސް ސަންޗޭޒް އާއި މެސްޓް އޮޒިލް އާއި އޮލިވާ ޖިރޫޑް ފުރަތަމަ 11 ގައި ނުހިމަނަ އެވެ. ނަމަވެސް އެ މެޗުގައި އާސެނަލްގެ ކުޅުންތެރިން ދެއްކި ކުޅުމާމެދު ވެންގާ ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފަ އެވެ.
ލީގްގައި މިރޭ ވަޓްފޯޑް އާ ދެކޮޅަށް ނިކުތުމުގެ ކުރިން ވެންގާ ބުނީ، އެކި ގޮތް ގޮތުން ހިސާބު ޖެހިއިރު ވެސް، މިއަށްވުރެ މޮޅު އެޓޭކިން ލައިނެއް އޭނަގެ ކެރިއަރުގައި އާސެނަލް އިން ނުފެންނަ ކަމަށެވެ.
"އަދަދުގެ ގޮތުން ބެލިއަސް، އަދި ކޮލިޓީގެ ގޮތުން ބެލިޔަސް މިއީ އާސެނަލް އިން އަހަންނަށް ފެނުނު އެންމެ މޮޅު އެޓޭކިން ޔުނިޓް ހެން އަހަންނަށް ހީވަނީ،" ވެންގާ ބުންޏެވެ.
"އެއްވަރަށް މޮޅަށް ކުޅެފައި އެވަރަށް ލަނޑު ޖަހާނެ ގިނަ ކުޅުންތެރިޔެއް އަހަރެމެން އަތަކު ނެތް،"
ނަމަވެސް ވެންގާ ބުނީ އާސެނަލްގެ ކުރީގެ ތަރިން ކަމަށްވާ ޑެނިސް ބާކޭމްޕް އާއި ތިއަރީ އޮންރީ އާއި ރޮބިން ވެންޕާސީ އާއި ވިލްޓޯޑް އާއި ރޮބަޓް ޕިރެސް އަކީވެސް އެޓޭކިންގައި މޮޅު ކުޅުންތެރިން ކަމަށާއި ނަމަވެސް އެކުޅުންތެރިން އަންނަނީ މިހާރުގެ ކުޅުންތެރިންނަށްވުރެ ފަހަތަށް ކަމަށެވެ.
އޭނާ ބުނީ އާސެނަލްގެ އެޓޭކިން ގައި އަދަދު އެބައޮތް ކަމަށާއި ބޭނުން ވަނީ އިތުރު ކޮލިޓީ ކަމަށެވެ. އާސެނަލް އާއި ވަޓްފޯޑް ބައްދަލު ކުރާ މެޗް ފަށާނީ ރާއްޖޭ ގަޑިން މިރޭ ދަންވަރު 12:45 ގަ އެވެ.