ކުރީގެ ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމް

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފަސްޓް ލޭޑީ

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން ކަމަށާއި އެކަމަކީ ހިތްވަރާއެކު ގާނޫނުގެ ތެރެއިންނާއި މުޖުތަމައުއިން ލިބިގަންނަން ޖެހޭ ހައްގެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އަނބިކަނބަލުން، ފަސްޓް ލޭޑީ، މެޑަމް ފާތުމަތު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

"ފަސްޓް ލޭޑީ ބަށި މުބާރާތް" އިފްތިތާހު ކޮށްދެއްވުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން ފަސްޓް ލޭޑީ ވިދާޅުވީ ފަހަކަށް އައިސް މުޖުތަމައު ތެރޭގައި އަންހެނުންގެ ދައުރު އެތައް ގުނައަކަށް އިތުރުވަމުން އައި ނަމަވެސް އެންމެ ގިނައިން ގޯނާތަކާއި ފުރައްސާރާގެ ހަމަލާތައް އަންނަ ބަޔަކީ އަންހެނުން ކަމަށެވެ. އަދި އެކަންކަން ދިވެހި އަންހެނުންނަށް ދިމާވާން މެދުވެރިވަނީ އަންހެނުންގެ ބާރުވެރިކަން ނިގުޅައި ގަތުމަށް ޖާގަ ދެވޭތީ ކަމަށެވެ. އެކަމަނާ ވިދާޅުވީ އަންހެނުންނަށް އޮތް އަދި ލިބެންޖެހޭ ހައްގުތަކާއި ބާރުވެރި ކަމަކީ އެހެން ބަޔަކު އައިސް އަންހެނުންނަށް ވެދުން ކުރާނެ ހަދިޔާއެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކީ ބަލިކަށި މީހެއް ގޮތުގައި ގަބޫލުކޮށްގެން ނުވާނެ. އަޅުގަނޑުމެންނަކީ ގޯނާތަކާއި ފޮށުމާ ފުރައްސާރާގެ ހަމަލާތައް އެންމެ ގިނައިން އަމާޒުވާ ފަރާތްތައް. އެފަދަ ދަނޑިވަޅުތަކުގައި އަޅުގަނޑުމެން ބަލިކަށިވެއްޖެ ނަމަ ދެން ކަންތައްތައް ވެފައި ހުރި ހިތި ގޮތްތައް ވެސް މި މުޖުތަމައުން ފެނިފައިވޭ. އެހެންކަމުން ހިތް ވަރާއި ކެތްތެރިކަން ހުރެގެން އެ ބާރުތައް ގާނޫނީ ގޮތުންނާއި އާއިލާއާ މުޖުތަމައުގެ ތެރެއިން ހޯދަން ޖެހޭ،" މެޑަމް ވިދާޅުވި އެވެ.

އެކަމަނާ ވިދާޅުވި ގޮތުގައި ދިވެހި އަންހެނުން ބަށި ކޯޓަށް ނިކުމެ ދައްކާ ފޯރިއަކީ އެމީހުންގެ އާއިލީ ޒިންމާ އަދާ ކުރަމުން ވެސް މުޖުތަމައުއަށް ނުކުމެ އެކި ދާއިރާތަކުގައި އަމަލީ ގޮތުން މަސައްކަތް ކުރެވޭނެކަން ދައްކުވާދޭ ހެއްކެއް ކަމަށާއި އެއިން ވާދަވެރި ކަމާއެކު އެކުވެރި ރޫހުވެސް ދައްކުވައިދޭ ކަމަށެވެ. އެކުވެރިކަމާއި އިޖްތިމާއި ގުޅުމެއް ނެތި އެކަކު އަނެކަކަށް އެހީތެރިކަން ލިބުމަކީ ދަތިކަމެއް ކަމެއް ކަމަށް ވެސް އެކަމަނާ މިރޭ ވިދާޅުވި އެވެ.