ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

ކައުންސިލް އިންތިހާބު އޭޕްރީލް 15 އަށް ފަސްކޮށްފި

ލޯކަލް ކައުންސިލް އިންތިހާބު ބާއްވާ ތާރީހު އަނެއްކާވެސް ފަސްކޮށްފިއެވެ. މިފަހަރު އިންތިހާބު ބަސްކޮށްފައި ވަނީ އޭޕްރީލް 15 ވަނަ ދުވަހަށެވެ. ކުރިންއޮތީ އޭޕްރީ މަހުގެ އަށް ވަނަ ދުވަހު އިންތިހާބު ބާއްވާ ގޮތަށެވެ.

އިންތިހާބު ބާއްވާ ދުވަސް ފަސް ކުރި ކަން އިއުލާން ކުރުމަށް މިއަދު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާ ވިދާޅުވީ، އިންތިހާބު ފަސް ކުރަން ނިންމީ ކުރިން ވޯޓުލާ ދުވަހުގެ ގޮތުގައި ކަނޑައެޅި އޭޕްރިލް މަހުގެ އަށް ވަނަ ދުވަހު އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކުގައި ވަރަށް ގިނަ ހަރަކާތްތަކެއް ބާއްވާތީ އެ ދުވަހަށް ސްކޫލްތައް ނުލިބޭތީ ކަމަށެވެ. އޭނާ ވިދާޅުވީ، 90 ޕަސެންޓް ވޯޓު ފޮށި ބަހައްޓަނީ ސްކޫލްތަކުގައި ކަމަށްވާތީ އާއި، ވޯޓުގެ ކަންތައްތަކުގައި ހަރަކާތްތެރިވާ ގިނަ މީހުންނަކީ ވެސް ކިޔަވައިދިނުމުގެ ދާއިރާގެ މުވައްޒަފުން ކަމަށްވާތީ އިންތިހާބު ބާއްވާ ދުވަސް އޭޕްރީލް 15 އަށް ބަދަލު ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އިންތިހާބާ ބެހޭ ކޮމިޓީއިން ވެސް ނިންމާފައިވާ ކަމަށެވެ.

"ބައެއް ފަރާތްތަކުގެ ކުދި ކުދި ހިޔާލު ތަފާތުވުން އައި ނަމަވެސް، މިކަމާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމުގައި ބައިވެރިވި އެއްވެސް ޕާޓީއަކުން ވެސް ނިންމުމަށް އިންކާރު ކޮށްފައެއް ނުވޭ،" އަމްޖަދު ވިދާޅުވި އެވެ.

އެހެން ނަމަވެސް އެ ބައްދަލުވުމުގައި އިދިކޮޅު މައި ޕާޓީ އެމްޑީޕީން ބައިވެރިވެފައެއް ނުވެ އެވެ.

އެކޮމިޝަންގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ، އިންތިހާބު ބާއްވާ ދުވަސް ފަސްވުމަކީ އިންތިހާބުގެ ސައްހަކަމާމެދު ސުވާލު އުފެދެންޖެހޭ ކަމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ، މި އަހަރު ބާޢްވާ ލޯކަލް ކައުންސިލް އިންތިހާބު ވެގެންދާނީ ރާއްޖޭގެ ތާރީހުގައި ވެސް ބާއްވާ އެންމެ އިންސާފުވެރި ދެފުށް ފެންނަ އިންތިހާބަށް ކަމަށެވެ.

"އިންތިހާބު ބާއްވާ ދުވަސް ފަސްވި ފަސްވުމަކީ ވޯޓުގެ ކަންކަން ހަރުދަނާ ކަމާއެކު ކުރިއަށްގެންދަން ލިބުނު އިތުރު ފުރުސަތެއް. އަޅުގަނޑުމެން ޔަގީންކަން ދެން މި ލޯކަލް ކައުންސިލް އިންތިހާބު ވެގެންދާނީ ރާއްޖޭގައި ބާއްވާ އެންމެ މިނިވަން، އެންމެ ދެފުށް ފެންނަ އިންތިހާބަށް ކަމަށް،" އަކްރަމް ވިދާޅުވި އެވެ.

އިންތިހާބު ބާއްވާ ތާރީހު ލަސްވުމާ ގުޅިގެން ކުރިން އެކުލަވާލި އިންތިހާބާ ބެހޭ ކަންކަން ކުރިއަށްގެންދާ ގޮތުގެ ކަލަންޑަރަށް ބަދަލުތައް ގެންނާނެ އެވެ. އިލެކްޝަނުން ބުނީ ކަލަންޑަރަށް ގެންނަ ބަދަލުތައް އިއުލާން ކުރަމުންގެންދާނެ ކަމަށެވެ. އަދި ދުވަސް ބަދަލުވުމާއެކު ވޯޓާސް ލިސްޓަށް އިތުރު ކުރަންޖެހޭ މީހުން އިތުރު ކުރުމުގެ ކަންކަން ވެސް އުސޫލުތަކުގެ ތެރެއިން ކުރަމުން ގެންދާނެ ކަމަށެވެ. -- ވޯޓާސް ލިސްޓަށް އިތުރުކުރާނީ 8 އާއި 15 އާ ދޭތެރޭ 18 އަހަރު ފުރޭ މީހުންނެވެ. --

އޭޕްރިލް މަހު ބާޢްވާ ލޯކަލް ކައުންސިލް އިންތިހާބު ކުރިއަށްދާއިރު ރާއްޖޭގެ މީޑިއާތަކުގެ އިތުރަށް ކުރިން ވެސް ހަމަޖެހިފައިވާ ގޮތަށް، ބޭރުގެ ފަރާތްތަކުން ވެސް ހަރަކާތްތެރިވާނެ އެވެ.