ރާއްޖެ ކުޅިވަރު

ރެޑްބުލް ކެޗް ދަ ފެރީގެ ޗެމްޕިއަންކަން ދިފާއުކުރަން ފައިހަތު ކުރި އުންމީދުތައް ފެނަށް

މިދިޔަ އަހަރު ބޭއްވި ރެޑްބުލް ކެޗް ދަ ފެރީގެ ފުރަތަމަ މުބާރާތް ކާމިޔާބުކުރެވުމަކީ ހަސަން ފައިހަތު އަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެކެވެ. މިދިޔަ އަހަރު ރެޑްބުލް ކެޗް ދަ ފެރީގެ ޗެމްޕިއަންކަން ހޯދުމާއެކު، ފައިހަތަށް ވަނީ މެންޗެސްޓާގައި އޮތް ރެޑްބުލް ސްޓީޕަލްޗޭސްގައި ވާދަކުރުމުގެ ފުރުސަތު ލިބިފަ އެވެ. އެއީ ފައިހަތަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެކެވެ. އެކަމަކު މި އަހަރުގެ މުބާރާތުގައި ބައިވެރިވެ، މުބާރާތުގެ ޗެމްޕިއަންކަން ދިފާއުކުރަން ފައިހަތި، 22، ކުރަމުންދިޔަ އުންމީދުތަކަށް ވަނީ ހުރަސްއެޅިފަ އެވެ. އަނިޔާގެ ސަބަބުން މި އަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ފައިހަތަށް ވަނީ ގެއްލިފަ އެވެ.

"ފެބްރުއަރީ މަހު ލިބުނު އަނިޔާއެއްގެ ސަބަބުން މި ރޭހުގައި ބައިވެރިވުމަށް ރަނގަޅަށް ތައްޔާރެއް ނުވެވުނު. ދެ ތިން ދުވަހުގެ ތެރޭގައި ތައްޔާރުވެގެން މި ކަހަލަ ރޭހަކަށް ފިޓެއް ނުވެވޭނެ. އެހެންވެ ނިންމީ މުބާރާތުގައި ވާދަނުކުރަން،" ފައިހަތު ބުންޏެވެ.

ފައިހަތު ބުނީ ރެޑްބުލް ކެޗް ދަ ފެރީގެ ޗެމްޕިއަންކަން ދިފާއުކުރަން ފުރުސަތު ނުލިބުމަކީ އޭނާ އަށް ލިބުނު ވަރަށް ބޮޑު ދެރައެއް ކަމަށެވެ.

"ވަރަށް މުހިންމު މުބާރާތެއް މިއީ. މި މުބާރާތަށް މި އަހަރު ވެސް ނިކުމެ، ޗެމްޕިއަންކަން ދިފާއުކުރަން އަޒުމުކަނޑައަޅައިގެން ހުރީ. އެ ފުރުސަތު ނުލިބުމަކީ ވަރަށް ބޮޑު ދެރައެއް،" ފައިހަތު ބުންޏެވެ.

މި އަހަރުގެ ރެޑްބުލް ކެޗް ދަ ފެރީގެ އެއްވަނަ ހޯދާ ދުވުންތެރިންނަށް ޑުބާއީގައި މޭ މަހު އޮންނަ ވިންގްސް ފޯ ލައިފް - ވޯލްޑް ރަންގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ. މިއީ ސްޕައިނަލް ކޯޑް އަށް ލިބޭ އަނިޔާތަކާ މެދު ހޭލުންތެރިކުރުވުމަށް ވިންގްސް ފޯ ލައިފް އިން އިންތިޒާމްކޮށްގެން މިދިޔަ އަހަރު ބާއްވަން ފެށި ދުވުމެކެވެ. މިދިޔަ އަހަރު މި ދުވުމަށް ބޮޑު ތަރުހީބެއް ލިބުނެވެ. މި ދުވުމުން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާކުރަނީ ޗެރިޓީއަށެވެ.