ރިޕޯޓް

ހައި ކޯޓުގެ ދެ ގޮފި: ފަނޑިޔާރުން މަދުކުރުމަށް ވުރެ ސީރިއަސް ކަމެއް!

Dec 13, 2014
1

ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހުން ފާސްކޮށް، ރައީސް ތަސްދީގު ކުރެއްވުމާ އެކު އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބުނީ ސުޕްރީމް ކޯޓުން ދެ ފަނޑިޔާރަކު ވަކިކުރަންޖެހޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހާ އެކު ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ޝަރަފްވެރި ފަނޑިޔާރުކަމުގެ ގޮނޑިން ވަކިކުރަން ޖުޑިޝަލް ސާވިސް ކޮމިޝަނުން މިހާރު ނިންމާފައިވާ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިނާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާންގެ ވާހަކަ އެވެ. އެއް ބަޔަކު ޖޭއެސްސީގެ އެ ނިންމުމަށް ފާޑު ކިޔަމުންދާއިރު އެ ނިންމުމަށް ތާއީދުކުރާ ބަޔަކު ވެސް އެބަތިއްބެވެ. ނަމަވެސް ހައި ކޯޓުގެ ދެ ގޮއްޕެއް ރާއްޖޭގެ ދެ ސަރަހައްދެއްގައި ހަދައި، އެ ކޯޓުގެ ފަނޑިޔާރުންތައް އެކި ދިމަދިމާލަށް ބަހާލަން އުޅޭ ވާހަކަ ދައްކާ ބަޔަކު ނެތެވެ. އެކަމުން ނިކުންނާނީ ކޮން ކަހަލަ ނަތީޖާތަކެއް ކަމާ މެދު ބަހުސް ކުރާ ބަޔަކު ވެސް ނެތެވެ.

ރާއްޖެ އުފެދިފައި އޮތްގޮތުންނާއި ދަތުރުފަތުރުގެ ދަތިކަމާ ހެދި ހައި ކޯޓުގެ ގޮފިތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރުމަކީ މުހިންމު ކަމެކެވެ. އިސްތިއުނާފް ކުރަން ބޭނުންވެއްޖެ ހިނދެއްގައި އެ މީހެއްގެ ރަށުގައި ނުވަތަ އަތޮޅެއްގައި ހުރެގެން އެ މައްސަލަ ހައި ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ލިބުމަކީ އެންމެނަށް ވެސް ލިބޭނެ ވަރަށް ބޮޑު ފަސޭހަ އެކެވެ. މަޖިލީހުން އެގޮތަށް ބިލް ފާސްކުރީ ވެސް އެ މަގްސަދުގައި ކަމަށް ވެދާނެ އެވެ. ނަމަވެސް ރާއްޖޭގެ ދެ ސަރަހައްދަކަށް ހައި ކޯޓުން ފަނޑިޔާރުން ފޮނުވުމަކީ ކޮންމެހެން މުހިންމު ކަމެއް ހެއްޔެވެ؟ އެކަމުން ރަނގަޅު ނަތީޖާތަކެއް ނިކުމެދާނެ ހެއްޔެވެ؟ މިއީ ހައްތަހާ ވެސް އުފެދޭ ސުވާލުތަކެވެ.

ހައި ކޯޓުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ވޭތުވެދިޔަ ތިން އަހަރު ވެސް ހައި ކޯޓަށް އެންމެ ގިނައިން ހުށަހެޅިފައިވަނީ މާލޭގެ ދަށު ކޯޓުތަކުން ނިންމާފައި ހުރި މައްސަލަތަކެވެ. އެ ތިން އަހަރު ހައި ކޯޓުގައި އިސްތިއުނާފް ކުރި މައްސަލަތަކުގެ 62 އިންސައްތަ މައްސަލައަކީ މާލޭގެ ދަށު ކޯޓުތަކުން ނިންމި މައްސަލަތައް ކަމަށްވާއިރު މާލޭގައި ހުންނަ ޓްރައިބިއުނަލްތަކުން އައި މައްސަލަތައް އެއްކޮށްލުމުން އެ އަދަދު އިތުރުވާނެ އެވެ. ނަމަވެސް މެޖިސްޓްރޭޓް ކޯޓުތަކުން ނިންމި މައްސަލަތަކުގެ ގޮތުގައި ހައި ކޯޓަށް އައިސްފައިވަނީ އެންމެ 25 އިންސައްތަ މައްސަލަ ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ. އެހެންވީއިރު ކޮންމެހެން ހައި ކޯޓުގެ ހަ ފަނޑިޔާރާ އެކު އަތޮޅު ތެރެއަށް ދާއިމީކޮށް ފޮނުވުމުގެ ބޭނުމެއް އެބައޮތް ހެއްޔެވެ؟.

ނަން ނުޖަހަން އެދި ވާހަކަ ދެއްކެވި ވަކީލަކު ވިދާޅުވި ގޮތުގައި ކޮންމެހެން އަތޮޅު ތެރޭގައި ދެ ގޮއްޕެއް ގާއިމް ކުރުމުގެ އެއްވެސް ބޭނުމެއް ނެތެވެ. އަދި އަތޮޅު ތެރެއިން އަންނަ މައްސަލަތައް އެ ރަށްރަށުގައި ނުބޭއްވޭތީ ޝަކުވާތައް އަންނަ ނަމަ އެ ރަށަކަށް ފަނޑިޔާރުން ގޮސްގެން ޝަރީއަތް ހިންގޭ ގޮތަށް ގާނޫނުގައި ކުރިން ވެސް އެ ފުރުސަތު ދީފައި އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"މައްސަލައަކީ ހައި ކޯޓުގެ އަޑުއެހުންތައް އަތޮޅު ތެރޭގައި ނުބޭއްވޭތީ އަންނަ ޝަކުވާ ކަމަށް ވާ ނަމަ އެކަން ހައްލު ކުރަން އަތޮޅު ތެރޭގައި އަޑުއެހުންތައް ބޭއްވުމުގެ ފުރުސަތު އެބައޮތް، ގާނޫނުގައި އެކަން މަނަލެއް ނުކުރޭ، އެހެންވީމާ މާލޭގައި ފަނޑިޔާރުން ތިއްބެވިޔަސް އަތޮޅު ތެރެއަށް ގޮސްގެން މަސައްކަތް ކުރަން އެއްވެސް ހުރަހެއް ނެތް، އަދި ޖޭއެސްސީން ކަނޑައަޅާ އުސޫލަކުން ވެސް އެކަން ކުރެވިދާނެ." ގާނޫނީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ އެ ވަކީލް ވިދާޅުވި އެވެ.

އެ ވަކީލް އިތުރަށް ވިދާޅުވި ގޮތުގައި ރާއްޖޭގައި ދަތުރުފަތުރުގެ ކަންތައްތައް އޮތްގޮތަށް ބެލިޔަސް އެގޮތަށް ގޮފިތައް ހަދައިގެން އެ ސަރަހައްދެއްގެ މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާ މައްސަލަތައް އެ ގޮފިތަކުން ބަލަންޖެހޭ ގޮތަށް އޮތުމުގެ ބޭނުމެއް ނެތެވެ. އެގޮތުން އަތޮޅު ތެރޭގެ ބައެއް ރަށްރަށުގައި ތިބެފައި އެހެން ރަށްރަށަށް ދަތުރު ކުރުމަށް ވުރެ މާލެ އައުން ފަސޭހަވެފައި ޚަރަދު ކުޑަވާ ކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން ފާސްކުރި އެ އިސްލާހުގައިވާ ގޮތުން އަތޮޅު ތެރޭގެ ދެ ގޮއްޕަށް ފޮނުވަންޖެހޭނީ ހައި ކޯޓުގައި މިހާރު ތިއްބެވި ނުވަ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރުން ތަކެކެވެ. އެއިން ކޮންމެ ގޮއްޕަކަށް ތިން ފަނޑިޔާރުން ކަނޑައަޅަން ޖެހޭއިރު ކޯޓުތަކުގެ ގާނޫނު އޮތްގޮތުން ހައި ކޯޓުގައި އެންމެ ގިނަވެގެން ވެސް ތިބެވޭނީ ނުވަ ފަނޑިޔާރުންނަށެވެ. އެހެންވެ ދެ ގޮފިން ކުރެ ކޮންމެ ގޮއްޕަކަށް ތިން ފަނޑިޔާރުން ފޮނުވުމަށް ފަހު މާލޭގައި ތިބޭނީ ވެސް އެންމެ ތިން ފަނޑިޔާރުންނެވެ. ނަމަވެސް މާލޭގެ ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ހައި ކޯޓަށް އަންނަ މައްސަލަތަކުގެ އަދަދާއި މެޖިސްޓްރޭޓް ކޯޓުތަކުން އަންނަ މައްސަލަތަކުގެ އަޅާ ބަލާއިރު މާލޭގެ ހައި ކޯޓުގައި އެންމެ ތިން ފަނޑިޔާރުންނަކީ އެކަށީގެންވާ ވަރަށް ވުރެ މަދު އަދަދަކަށް ނޫނީ ނުވާނެ އެވެ.

ނަން ނުޖަހަން އެދި ވާހަކަ ދެއްކެވި އެހެން ވަކީލަކު ވިދާޅުވި ގޮތުގައި މާލޭގެ ހައި ކޯޓުގައި އެންމެ ތިން ފަނޑިޔާރުން ތިބެގެން މައްސަލަތައް ބަލަންޖެހިއްޖެ ނަމަ އެ ކޯޓު "ހުއްޓުމަކަށް" އަންނާނެ އެވެ. އެގޮތުން ހައި ކޯޓުން ކޮންމެ މައްސަލައެއް ވެސް ބަލަންޖެހޭނީ މަދުވެގެން ތިން ފަނޑިޔާރުންގެ ބެންޗަކުން ކަމަށްވާއިރު އެންމެ ފަނޑިޔާރަކު ސަލާމުގައި ނުވަތަ ޗުއްޓީގައި ހުންނެވިޔަސް އެއްވެސް ޝަރީއަތެއް ކުރިއަކަށް ނުގެންދެވޭނެ ކަމަށް އެ ވަކީލް ވިދާޅުވި އެވެ.

"އެހެންވީމާ އެ ގޮފިތައް ހަދައި، ފަނޑިޔާރުން ގޮފިތަކަށް ބަހާލީމާ ހައި ކޯޓުގެ ފަނޑިޔާރުން މަސައްކަތް ކުރަންޖެހޭނީ ޗުއްޓީ ނެގުމާއި ސަލާމް ބުނުމުގެ ހައްގުން ވެސް މަހްރޫމްވެގެން ތިބެ، ހަމައެގޮތަށް އާއިލީ ނުވަތަ އެ ނޫން ވެސް މަސްލަހަތެއް އޮވެގެން މައްސަލައެއް ބެލުމުން ތަނާޒުލްވާން)ދުރުވާން( ފަނޑިޔާރަކު ބޭނުންވިޔަސް އެކަން ވެސް ކުރެވޭކަށް ނެތް، މިއީ މުޅިން ވެސް ހަމަ ނިކުންނާނެ ހައްލު ނުކުރެވޭނެ ފަދަ ބޮޑެތި މައްސަލަތައް،" އެ ވަކީލް ވިދާޅުވި އެވެ.

މީގެ އިތުރުން އިންތިޚާބީ ޝަކުވާގެ މައްސަލަތައް ފަދަ ވަކި މުއްދަތެއްގެ ތެރޭގައި ހައި ކޯޓުން ނިންމަންޖެހޭ ބާވަތުގެ މައްސަލަތައް އެ މުއްދަތުގެ ތެރޭގައި ނުނިންމިދާނެ ކަމުގެ ބިރު ވެސް އެކަމުން އޮންނާނެ ކަމަށް އެ ވަކީލް ވިދާޅުވި އެވެ. އަދި ފަސް ފަނޑިޔާރުންގެ ތިބެގެން ބަލަމުން އައި ބޮޑެތި މައްސަލަތަކުގެ ޝަރީއަތްތައް ހުއްޓާލައި، އާ ބެންޗަކާ އެކު އެ ޝަރީއަތްތައް އަލުން ފަށަން ޖެހުމުން އެ މައްސަލަތައް ލަސްވުމުގެ ފުރުސަތު ވެސް ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ފަސް ފަނޑިޔާރުންގެ ތިބެގެން ބަލަމުންދާ މައްސަލަތަކުގެ ތެރޭގައި މަރުގެ ބޮޑެތި މައްސަލަތައް ވެސް ހިމެނޭ ކަން އެ ވަކީލް ފާހަގަ ކުރެއްވި އެވެ.

ކޮންމެ ސަރުކާރަކުން ވެސް އަބަދު އެންމެ އިސްކަންދޭ އެއް ކަމަކީ ދައުލަތުގެ ޚަރަދުކޮށް ކުޑަ ކުރުމެވެ. އަންނަ އަހަރު ސަރުކާރުގެ އެއްވެސް ވަޒީފާއަކަށް މުވައްޒަފަކު ނުނަގަން ސަރުކާރުން މިހާރު ނިންމާފައިވާ ނިންމުން ވެސް އޭގެ ހެއްކަކަށް ފުދެ އެވެ. އެކަން އެހެން އޮއްވާ ހައި ކޯޓުގެ ގޮފިތަކެއް ރާއްޖޭގެ ދެ ސަރަހައްދެއްގައި ގާއިމް ކުރާ ނަމަ އެކަމަށް ދައުލަތުން އިތުރު ޚަރަދުތަކެއް ދާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އެއިން ކޮންމެ ގޮއްޕެއްގެ އިމާރާތާއި އިދާރީ ޚަރަދުތަކުގެ އިތުރުން އެއިން ކޮންމެ ގޮއްޕަކަށް އާ މުވައްޒަފުން ހޯދައި، އެ މީހުންނަށް މުސާރަ ދޭންޖެހުމަކީ ޔަގީނުން ވެސް ބޮޑެތި ޚަރަދުތަކެއް ހިނގާނެ ކަމެކެވެ. މީގެ އިތުރުން ފަނޑިޔާރަކު އެ މީހަކު ރަސްމީކޮށް މަސައްކަތް ކުރާ ރަށް ނޫން އެހެން ރަށެއްގައި މަސައްކަތް ކުރާ ނަމަ ހުރުމަކީ ކެއުމުގެ ޚަރަދު ވެސް ދެމުންދާއިރު އެއީ ވެސް ދައުލަތުގެ ބަޖެޓަށް އަންނާނެ ބޮޑު ބުރަކަށް ނޫނީ ނުވާނެ އެވެ.

މީގެކުރިން ކުރިން ހައި ކޯޓުން ވެސް ވަނީ އެ ކޯޓުގެ ގޮއްޕެއް އަތޮޅު ތެރޭގައި ގާއިމް ކުރަން ނިންމައި، އެ މަސައްކަތް ކުރިއަށް ގެންގޮސްފަ އެވެ. އޭރުގެ ހައި ކޯޓުގެ ވިސްނުމަކަށްވެފައި އޮތީ އައްޑޫގައި ތިބެގެން މައްސަލަ ހައި ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ދިނުމާ އެކު އެ މައްސަލަތައް ބެލުމަށް ވަކި ދުވަސްވަރެއްގައި އެ ކޯޓުގެ ފަނޑިޔާރުން އައްޑޫއަށް ގޮސްގެން ޝަރީއަތް ހިންގާ ގޮތަށެވެ. ނަމަވެސް އެ މަސައްކަތް ވަކި ހިސާބަކުން ވަނީ މަޑުޖެހިފަ އެވެ.

މިހާރު ގާނޫނަށް އެ ގެނައި އިސްލާހު ސަބަބުން ރާއްޖޭގެ ދެވަނަ އަށް އެންމެ މަތީ ކޯޓު ހުއްޓުމަކަށް އައިސް އިންސާފު ހޯދަން އިތުރަށް ދަތިތަކެއް ކުރިމަތިވުމުގެ ފުރުސަތު އެބައޮތެވެ. މަޖިލީހަށް އެ ބިލް ހުށަހެޅިއިރު ވެސް އަދި ކޮމެޓީން ބިލް ދިރާސާ ކުރިއިރު ވެސް ހައި ކޯޓުގެ ނުވަ ފަނޑިޔާރުން އެކި ސަރަހައްދުތަކަށް ބަހާލުމުން ނިކުންނާނެ ނަތީޖާތަކާ މެދު އެއްވެސް މަރުހަލާއެއްގައި މިކަމާ މެދު މެމްބަރުން ވިސްނި ކަމަކަށް ނުބެލެވެ އެވެ. އެންމެ ކުޑަ މިނުން އެކަމުގައި ހައި ކޯޓުގެ ބަހެއް ހޯދި ކަމަކަށް ވެސް ނުބެލެވެ އެވެ. ހުރިހާ މެމްބަރުންގެ ސަމާލުކަން ވެސް އޮތީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރުމަށް ކުރަމުންދިޔަ މަސައްކަތަށެވެ.

ދެން ކުރެވެން އޮތް ކަމަކީ ގާނޫނަށް އަނެއްކާވެސް އިސްލާހު ހުށަހަޅައިގެން އެ ގޮފިތައް އުވާލުމަށް ފަހު އަތޮޅު ތެރޭގައި ހައި ކޯޓުގެ އަޑުއެހުންތައް ބޭއްވޭނެ އިންތިޒާމް ވަކި އުސޫލެއްގެ ދަށުން ހަމަޖެއްސުމެވެ. އެ ގޮފިތައް އުވާލަން ބޭނުން ނުވާ ނަމަ ކުރެވެން އޮތް ކަމަކީ ގާނޫނަށް ބަދަލު ގެނެސްގެން ހައި ކޯޓުގައި އެންމެ ގިނަވެގެން ތިބެވޭނެ ފަނޑިޔާރުންގެ އަދަދު އިތުރުކޮށްގެން އެ ކޯޓަށް އިތުރަށް ފަނޑިޔާރުން ހޯދުމެވެ. އެހެން ނޫން ނަމަ ރަނގަޅު މަގްސަދެއްގައި ގާނޫނަށް ގެނައި އިސްލާހުން ބޮޑެތި މައްސަލަތަކެއް ނިކުތުމުގެ ފުރުސަތު އެބައޮތެވެ.