ކުޅިވަރު

ފްރީކިކްގައި މެސީއަށް ރެކޯޑެއް، ރެއާލްގެ ފަހަތުގައި ވިއްދައިފި

Feb 5, 2017
1

އެތުލެޓިކް ބިލްބާއޯ ކޮޅަށް ލިއޮނަލް މެސީ ކާމިޔާބު ކުރި ހިތްގައިމު ފްރީކިކުން، ބާސެލޯނާގެ ތާޜީހްގައި އެންމެ ގިނަ ހިލޭޖެހުން ކާމިޔާބު ކުރި ކުޅުންތެރިޔާގެ ރެކޯޑާއެކު، އެތުލެޓިކް ބިލްބާއޯގެ މައްޗަށް 3-0 ގެ ނަޓީޖާ އަކުން ކާމިޔާބު ހޯދައި، އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑްގެ ފަހަތުގައި ބާސެލޯނާއިން ވިއްދައިފި އެވެ.

މެސީގެ ކުރިން ބާސެލޯނާގެ ތާރީހްގައި، އެންމެ ގިނަ ހިލޭޖެހުން ކާމިޔާބު ކޮށްފައި ވަނީ، ހޮލެންޑްގެ ކުރީގެ މިޑްފީލްޑާ، އެވަޓަންގެ މިހާރުގެ ކޯޗް ރޮނަލްޑް ކޫމަން އެވެ. މެސީ މިރޭ ކާމިޔާބު ކުރި ހިލޭ ޖެހުމާއެކު، އޭނާ ވަނި ބާސެލޯނާގައި މިހާތަނަށް 27 ފްރީކިކު ކާމިޔާބު ކޮށްފަ އެވެ.

ޕެނަލްޓީ އޭރިއާ ބޭރުން، އަރިމަތިން މެސީ ފޮނުވާލީ ޑެޑް ބޯލް ގޯލް ތެރެއަށް ވަނީ ބޯޅަ އޮޅާލައި، ސީދާ ގޯލްގެ މެދު ތެރެއިން ނެވެ. އެ ބޯޅަ އަކީ ބިލްބާއޯގެ ކީޕަރު ގޮރުކާ އިރެޒިއޮސް އަށް ދިފާއު ކުރެވެން އޮތް ބޯޅަ އެކެވެ. ނަމަވެސް ބޯޅަ ދިޔަ މިސްރާބު އޮޅިގެން ދިއުމުން އޭނާ ހަރަކާތް ކުރީ ގޯލްގެ ކަނާތް ފަރާތު ކަނަ ށެވެ.

މިއީ އިރެޒިއޮސް ކޮޅަށް މެސީ ކާމިޔާބު ކުރި ފަސް ވަނަ ފްރީ ކިކެވެ. އެއީ ލީގްގައި ކާމިޔާބު ކުރި ތިން ފްރީ ކިކާކާއި، ސްޕެނިޝް ކަޕްގައި ކާމިޔާބު ކުރި ދެ ފްރީ ކިކެވެ.

މެޗުގައި ބާސާ އަށް ލީޑް ނަގައިދިނީ 18 ވަނަ މިނެޓްގައި ނޭމާ ތަނަވަސް ކޮށްދިން ފުރުސަތަކުން ޕަކޯ އެލަކްސޭރު އެވެ. މިއީ ސްޕެނިޝް ލީގްގައި ބާސާގެ ޖޯޒީގައި އޭނާ ކާމިޔާބު ކުރި ފުރަތަމަ ގޯލެވެ.

މެސީ ފްރިކިކް ކާމިޔާބު ކުރީ މެޗުގެ 40 ވަނަ މިނެޓް ގައެވެ.

ބާސާގެ ތިން ވަނަ ލަނޑު 67 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އެލެކްސް ވިޑާލް އެވެ.

ބާސާ މެޗުން މޮޅުވުމުން، އެ ޓީމު އޮތީ އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑާ އެއް ޕޮއިންޓް ފަހަތު ގައެވެ. ރެއާލް އެއް ވަނައިގައި އޮތީ 46 ޕޮއިންޓާ އެކު އެވެ. މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ބާސާ އަށް ލިބިފައި ވަނީ 45 ޕޮއިންޓެވެ.

ސްޕެއިންގެ އުތުރު ސަރަހައްދަށް ނިސްބަތްވާ ސެލްޓަވީގޯ އާ ދެކޮޅަށް މާދަމާ ރޭ ސެލްޓަވީގޯގެ ދަނޑުގައި ގައި ރެއާލް ކުޅެން ހަމަޖެހިފައިވާ މެޗު، ސްޕެއިންގެ އުތުރު ސަރހައްދަށް މޫސުން ގޯސް ވުމުން، ސްޕެއިންގެ އެފްއޭ އިން ވަނީ އެ މެޗް ފަސް ކޮށްފަ އެވެ.