ކުޅިވަރު

އެތުލެޓިކޯ ގައި ޓޯރޭޒް 100 ލަނޑު ހަމަ ކޮށްފި

Feb 5, 2017

ލީގަންސްގެ މައްޗަށް 2-0 އެތުލެޓިކޯ މެޑްރިޑް މޮޅުވި މެޗުގައި، އެތުލެޓިކޯގެ ދެ ލަނޑުވެސް ކާމިޔަބު ކޮށްދީ، އެތުލެޓިކޯ މެޑްރިޑްގައި އޭނާ 100 ލަނޑު ޖަހައިފި އެވެ.

މީގެ 16 އަހަރު ކުރިން، 2001 ވަނަ އަހަރު، ދެ ވަނަ ޑިވިޝަން ގައި ލީގަންސް އާ ދެކޮޅަށް ކުޅުނު މެޗުން އެތުލެޓިކޯ ގައި ސީނިއާ ކެރިއާ ފެށި، ޓޯރޭޒް، އެ ޓީމަށް ކާމިޔާބު ކޮށްދިން 100 ލަނޑުގެ ތެރެއިން ހަތް ލަނޑު ކާމިޔަބު ކޮށް ދިނީ ދެ ވަނަ ޑިވިޝަން ނުވަތަ ސެގުންޑާ ބީ ގަ އެވެ. އަނެއް 93 ލަނޑު ކާމިޔާބު ކޮށްދިނީ، ސްޕެއިންގެ ޓޮޕް ޑިވިޝަން މުބާރާތް ތަކުގަ އެވެ.

އެއް ވަނަ ޑިވިޝަންގައި ކާމިޔާބު ކުރި 93 ވަނަ ލަނޑާ އެކު، ޓޯރޭޒް ވަނީ، އެތުލެޓިކޯގައި ފަސް ވަނަ އަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ، ސްޕެއިންގެ ފުޓްބޯޅައިގެ ލެޖެންޑް ވަކީން ޕިއޭރޯއާ ހަމަ ކޮށްފަ އެވެ.

ރޭ ގެ މެޗުގެ 15 ވަނަ މިނެޓްގައި ޓޯރޭޒް ލަނޑު ޖެހީ އެތުލެޓިކޯ ލިބުނު ޕެނަލްޓީ އެއްގައި އެެންޓޯނިއޯ ގްރީޒްމަން ފޮނުވާލި ޕެނަލްޓީ ލީގަންސްގެ ކީޕަރު އިއާގޯ ހިރެރެއިން ދިފާއު ކުރުމުން ރީބައުންސަށް ނިކުތް ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލައިގެން ނެވެ.

ދެ ވަނަ ލަނޑު އޭނާ ކާމިޔާބު ކުރީ މެޗުގެ 51 ވަނަ މިނެޓްގައެވެ.

ރޭ ގެ މެޗަށް ފަހު ވާހަކަ ދައްކަމުން ޓޯރޭޒް،32 ބުނީ ދެ ލަނޑު ކާމިޔާބު ކުރެވުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެ ކަމަށާއި އޭނާ މިހާރު ކޮންމެ މެޗެއްވެސް ކުޅެނީ ކެރިއަރުގެ އެންމެ ފަހު މެޗް ކަމަށް ދެކިގެން ކަމަށެވެ.

ދެހާސް އަށް ވަނަ އަހަރާއި 2012 ޔޫރޯ ފުޓްބޯޅަ މުބާރާތާއި 2010 ވޯލްޑް ކަޕް ފުތްބޯޅަ މުބާރާތް ސްޕެއިން އަށް ހޯދައި ދިނުމުގައި މުހިންމު ދައުރެއް އަދާކުރި ޓޯރޭޒް ވަނީ މީގެ ކުރިން ލިވަޕޫލް އާއި ޗެލްސީ އަށް ވެސް ކުޅެފަ އެވެ. އޭނާ ވަނީ ލިވަޕޫލަށް 81 ލަނޑު ކާމިޔާބު ކޮށްފަ އެވެ. އޭނާ ލަނޑު ޖެހުމުގެ ހުނަރު ޗެލްސީ ގައި ދިޔައީ ފަނޑު ކޮށެވެ. ދެހާސް ބާރަ ވަނަ އަހަރު ޔޫރޯގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށް ދޭ ރަން ބޫޓް ހާސިލު ކުރީ ޓޮރޭޒް އެވެ.