ރާއްޖޭގައި އާންމުކޮށް ބާއްވާ ރޯޑްރޭސްތަކާ ތަފާތު ކޮންސެޕްޓަކަށް ބާއްވާ ރެޑްބުލް ކެޗް ދަ ފެރީ ރޯޑް ރޭސް، 420 ޖުމްލަ ދުވުންތެރިންނާއެކު މާދަމާ ބާއްވާނެ އެވެ.
ރެޑްބުލް އިން އިންތިޒާމްކޮށްގެން މިދިޔަ އަހަރު ބާއްވަން ފެށި ރެޑްބުލް ކެޗް ދަ ފެރީ އަށް ބޮޑު ތަރުހީބެއް ލިބުނެވެ. އަދި މިދިޔަ އަހަރުގެ ކާމިޔާބާއެކު، މި އަހރުގެ މުބާރާތުގައި ބައިވެރިވި ދުވުންތެރިންގެ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ. މި އަހަރުގެ ރޭހުގައި ޖުމްލަ 420 ދުވުންތެރިން ބައިވެރިވާއިރު، މިދިޔަ އަހަރުގެ ރޭހުގައި ވާދަކުރީ ޖުމްލަ 382 ދުވުންތެރިންނެވެ.
ރާޅުގަނޑު ސަރަހައްދުން ރެޑްބުލް ކެޗް ދަ ފެރީ ރޯޑް ރޭސް ފަށާނީ މާދަމާ ހެނދުނު 7:00ގަ އެވެ.
މީގެ ކުރިން ރާއްޖޭގައި ބާއްވާފައިވާ ރޯޑް ރޭސްތަކާ ހިލާފަށް، 12.6 ކިލޯމީޓަރުގެ މި ރޭހުގައި ވާދަކުރާ ބައިވެރިން މާލެ އާއި ހުޅުމާލެ އަދި ވިލިނގިލީގައި މި ރޭހުގެ ބައިތައް ފުރިހަމަކުރަން ޖެހޭނެ އެވެ
ތިން ސަތޭކަ އަށްވުރެ ގިނަ ދުވުންތެރިން ބައިވެރިވި ރެޑްބުލް ކެޗް ދަ ފެރީ 2014ގެ ފިރިހެން ކެޓަގަރީ ކާމިޔާބުކުރީ ހަސަން ފައިހަތެވެ. އަންހެން ކެޓަގަރީ ކާމިޔާބުކުރީ ސްރީލަންކާގެ ޕެޓްރީސިއާ ގޯމޭޒް އެވެ.
އެކަމަކު މި އަހަރުގެ މުބާރާތުގައި ފައިހަތު ވާދައެއް ނުކުރާނެ އެެވެ. ފައިހަތަށް ލިބުނު އަނިޔާއަކާ ގުޅިގެން، މުބާރާތަށް ވާންޖެހޭ ތައްޔާތީތަކަށް ހުރަސްއެޅުމުން ފައިހަތު ވަނީ މުބާރާތުގައި ވާދަނުކުރަން ނިންމައިފަ އެވެ.
މި އަހަރުގެ މުބާރާތުގެ އެއްވަނަ ފިރިހެން އަދި އަންހެން ބައިވެރިޔާ އަށް މި އަހަރުގެ މޭ މަހު ޑުބައީގައި އޮންނަ ރެޑްބުލް ވިންސް ފޯ ލައިފް މުބާރާތުގައި ވާދަކުރެވޭނެ އެވެ.
ރެޑްބުލް ކެޗް ދަ ފެރީ އަކީ ދިވެހިރާއްޖޭގެ ދުވުންތެރިންނަށް ހާއްސަކޮށްގެން ރެޑްބުލް އިން ބާއްވާ ފުރަތަމަ އިވެންޓެވެ. މި ރޭހުގައި އެންމެ ހާއްސަކަމަކީ މާލޭ ސިޓީގެ ތިން ސަރަހަދެއްގައި މި ރޭހުގެ ބައިތައް ކުރިއަށް ދިއުމެވެ. މި މުބާރާތުގެ ބައިވެރިން ހުޅުމާލެ އާއި ވިލިނގިއްޔަށް ގެންދަން ހާއްސަ ފެރީތަކެއް އޮންނާނެ އެވެ. އެކަމަކު ކަނޑައަޅައިފައިވާ ވަގުތުކުރިން ބައިވެރިން ފެރީ އަށް އަރައިގެން ނޫނީ، ރޭހުގެ ބައިތައް ފުރިހަމައެއް ނުކުރެވޭނެ އެވެ. އެހެންކަމުން ކަނޑައަޅާފައިވާ ވަގުތަށް ފެރީ އަށް އެރޭނީ މުބާރާތުގެ އެންމެ ފިޓު ދުވުންތެރިންނަށެވެ.