ކުޅިވަރު

ޕްރެޒިޑެންޓް ކަޕަށް އެފްއޭއެމުން ސަމާލުކަމެއް ނުދޭ: ސާންތީ

Feb 6, 2017
2

ޕްރެޒިޑެންޓް ކަޕަކީ އެފްއޭއެމުންވެސް މާބޮޑު އަހަމިއްޔަތެއް ދޭ މުބާރާތެއް ނޫން ކަން ހާމަ ވެގެން ހިނގައްޖެ ކަމަށް އެ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ކުލަބު އީގަލްސްގެ ކޯޗް އިހްސާން އަބްދުލް ގަނީ (ސާންތީ) ބުނެފި އެވެ.

މިއަހަރު ސީޒަންގައި، މިދިޔަ އަހަރު ހޯދި، ޕްރެޒިޑެންޓް ކަޕް ދިފާއު ކުރުމަށް ކިހާވަރަކަށް އިސްކަމެއް ދޭނަންތޯ ސުވާލު ކުރުމުން ސާންތީ ބުނީ، މިދިޔަ އަހަރު ޕްރެޒިޑެންޓް ކަޕް ހޯދި ނަމަވެސް، އެ މުބާރާތަކީ، މާ ބޮޑު މުބާރާތެއް ނޫން ކަން މިހާރު އެނގިގެން ހިނގައްޖެ ކަމަށާއި އެހެންވެ ކުލަބު އީގަލްސް އިން އެ ތަށި ދިފާއު ކުރަން މާބޮޑު އަހމަިއްޔަތު ކަމެއް ނުދޭ ކަމަށެވެ.

"ޕްރެޒިޑެންޓް ކަޕަކީ، އެ މުބާރާތް ބާއްވާ ފަރާތުން ވެސް މާބޮޑު އަހަމަިއްޔަތު ކަމެއް ދޭ މުބާރާތެއް ނޫން، ނުވަތަ އެ ފަރާތުން ވެސް މާބޮޑަށް އަޅާލާ މުބާރާތެއް ނޫން، ތައްޓެއް ހޯދުމެކޭ، ނުހޯދުމެކޭ އެއްގޮތް މުބާރާތެއް މި މުބާރަތަކީ،" ސާންތީ ބުންޏެވެ.

"ހަގީގަތުގައި ތައްޓެއް ހޯދައިގެން، ކުޅުންތެރިން ވެސް ވަރަށް ބޮޑަށް މާޔޫސް ވެފައި މިތިބީ، ތައްޓެއް ހޯދިޔަސް ބައެއް ފުރުސަތުތައް އެބަ ގެއްލޭ ވަކި ހިސާބަކުން މި މުބާރާތުގެ ތަށި ހޯދިޔަސް ނޯވޭ މާބޮޑު ފުރުސަތެއް، އެ މުބާރާތަކީ ބާއްވާލަން ޖެހޭ އެއްޗެއް ވީމަ ބާއްވާލަނީ،"

އޭނާ ބުނީ އީގަލްސް ވެސް ބަލާނީ، ތައްޓެއް ހޯދުމަށް ވުރެ، ލީގްގެ ދެ ވަނަ ތިން ވަނަ ހޯދައިގެން ލިބެން އޮންނަ ފުރުސަތަކަށް ދިއުމަށް ކަމަށެވެ.

ދިވެހި ޕްރިމިއާ ލީގް ޗެމްޕިއަން ކަން ހޯދި މާޒިޔާ އަށާއި އެފްއޭކަޕްގެ ޗެމްޕިއަންކަން ހޯދި ވެލެންސިއާ އަށް އޭއެފްސީ ކަޕުން ފުރުސަތު ލިބުނު އިރު، ބަންގުލަދޭޝްގައި މިއަންނަ މަހު ބާއްވާ ޝައިހް ކަމާލް އިންޓަނޭޝަނަލް ކުލަބު މުބާރާތުން، ޓީސީ އަށް އެފްއޭއެމުން ފުރުސަތު ދިނީ ލީގްގެ ދެ ވަނަ ހޯދި ޓީމު ކަމަށް ވުމުން ނެވެ.

ދެހާސް ފަނަރަ ވަނަ އަހަރު އެފްއޭކަޕް ނުބޭއްވުމުން ޕްރެޒިޑެންޓް ކަޕްގެ ޗެމްޕިއަން ޓީމަށް އޭއެފްސީ ކަޕުން ފުރުސަތު ދިން ކަމަށާއި، ނަމަވެސް މިފަހަރު ޕްރެޒިޑެންޓް ކަޕްގެ ޗެމްޕިއަންކަން ޓީމަށް އެފަދަ ފުރުސަތެއް ނުލިބުނީ ކޮން ހައިސިއްޔަތަކުންތޯ ސާންތީ ސުވާލު އުފެއްދިއެވެ.

"މިއެއްޗިއްސަކީ ދުރާލައި ލިޔެވިފައި ހުންނަން ޖެހޭނެ އެއްޗިހި، އަލުގަނޑުވެސް ފުޓްބޯޅައިގެ ތެރޭގައި އުޅޭތާ އަހަރު ތަކެއް ވެއްޖެ އެއްވެސް އެއްޗެއްގައި ލިޔެފައި އޮއްވައެއް ނުދެކެން މިއުސޫލެއް، ލިޔެފައި އޮތް އެއްޗެއް ދައްކާށޭ ބުނީމަ، މާދަމާ ވެސް ލިޔެފައި ދައްކަފާނެ، މިސާލަކަށް އަޅުގަނޑު ނުދެކެން ލީގްގެ ދެ ވަނަ ޓީމަށް މިވެނި އޮޕަޗިނިޓީ އެއް އެބައޮތޭ ލިޔެވިފައި އެއްވައެއް ނުދެކެން،"

އޭނާ ބުނީ، ބަޔަކު، އެ މުބާރާތް ވެލިއު ނުކުރިޔަސް، ކޯޗެއްގެ ހައިސިއްޔަތުން، އެ މުބާރާތް އޭނާ އަށް ވަރަށް ހާއްސަ ކަމަށާއި އެއީ ރާއްޖޭގެ އެންމެ ޝަރަފުވެރި މުބާޜާތް ކަމަށެވެ.