ކުޅިވަރު

ތިމްޕޫ އަތުން މޮޅު ވެވޭނެ ކަމުގެ އުންމީދު ވެލެންސިއާ އަށް ބޮޑު

Feb 6, 2017

އޭއެފްސީ ކަޕް ޕްރިލިމިނަރީ ބުރުގައި ބޫޓާންގެ ތިމްޕޫ ސިޓީ އެފްސީއާ ދެކޮޅަށް އެ ގައުމުގައި ގަދަ ފިނީގެ ވެލެންސިއާގެ ކުޅުންތެރިން ދެއްކި ކުޅުމަށް ބަލާފައި، މާދަމާ ގައުމީ ފުޓްބޯޅަ ދަނޑުގައި، ތިމްޕޫއާ ދެކޮޅަށް ކުޅޭ ދެ ވަނަ ލެގް މެޗުން މޮޅުވެވޭނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް އެބަ އޮތް ކަމަށް، ވެލެންސިއާގެ ކޯޗް އަހްމަދު މުޖުތަބާ (ފެސްކޯ) ބުނެފި އެވެ.

މިދިޔަ މަހު 27 ވަނަ ދުވަހު ވެލެންސިއާގެ ހެޑް ކޯޗް ކަމާ ހަވާލުވުމަށްފަހު، ވެލެންސިއާގެ ފަރާތުން ފުރަތަމަ ފަހަރަށް މީޑިއާގައި ވާހަކަ ދައްކަމުން ފެސްކޯ ބުނީ، ދެތިން ޕްރެކްޓިސް އަށް ފަހު، ބޫޓާން އަށް ގޮސް، ގަދަ ފިނީގައިވެސް ވެލެންސިއާގެ ކުޅުންތެރިން ދެއްކި ކުޅުމާ މެދު ވަރަށް ބޮޑަށް ހިތް ހަމަޖެހޭ ކަމަށެވެ.

ތިމްޕޫ ގައި ކުޅުނު މެޗު އެއްވަރުވީ ލަނޑެއް ނުޖެހި އެވެ.

"ބޫޓާން އަށް ދިޔައިރު އަޅުގަނޑުމެން ޓީމަކަށް މާ ރަނގަޅަކަށް ތައްޔާރެއް ނުވެވޭ. ނަމަވެސް އެކަމެއް އަޅުގަނޑުމެން އެއްވެސް ކުޅުންތެރިއެއްގެ ފަރާތުން ފެނިގެން ނުދިޔަ. މައިނަސް އެއް ޑިގްރީގައި ކުޅުނު އިރުވެސް ކުޅުންތެރިން ވަނީ ޑިސިޕްލިން އާއި މެންޓަލިޓީ ބޭނުން ކޮށްގެން ރަނގަޅު ކުޅުމެއް ދައްކާފަ. މާނައަކީ ކުޅުންތެރިން މިތިބީ ވަރަށް ބޮޑަށް މޮޅުވުމުގެ ރޫހެއްގައޭ. މުބާރާތައިގެން ކުރިއަށް ދިއުމުގެ ރޫހެއްގަ ތިބީ، އެ މެޗުގައި ކުޅުންތެރިން ވަރަށް ރަނގަޅު ޕާފޯމަންސެއް ދެއްކީ. އެހެންވެ މި މެޗުގައި އެއަށް ވުރެ ރަނގަޅު ކާމިޔާބެއް ލިބޭނެ ކަމަށް އުންމީދު ކުރަނީ،" ފެސްކޯ ބުންޏެވެ.

ވެލެންސިއާގައި ބައިނަލްއަގުވާމީ ތަޖުރިބާ ހުރި ތިން ކުޅުންތެރިޔަކު ހިމެނެ އެވެ. ގޯލްކީޕަރު މުހައްމަދު ފައިސަލް އާއި، ކެޕްޓަން ޝާފިއު އަހްމަދާއި، މުހައްމަދު ޝިފާން (ކުޑައްޓޭ) އެވެ.

އޭނާ ބުނީ، ބޫޓާން މެޗުގައިވެސް އެ ކުޅުންތެރިންގެ ތަޖުރިބާ ބޭނުން ކޮށްގެން ޒުވާން ކުޅުންތެރިން ލައްވައި ރަނގަޅު ކުޅުމެއް ކުޅެފައިވާ ކަމަށެވެ. އެ ކުޅުންތެރިން ނެތް ނަމަ ޓީމު އެ މެޗުގައި ހާލުގައި ޖެހޭނެ ކަމަށް ފެސްކޯ ބުންޏެވެ.

މިދިޔަ އަހަރު ވެލެންސިއާ ދޫކޮށް، މުހިންމު ތިން ކުޅުންތެރިޔަކު ވަނީ ގޮސްފަ އެވެ. އަކުރަމް އަބްދުލް ގަނީ ވެލެންސިއާ ދޫކޮށް، ނިއުރޭޑިއަންޓަށް ބަދަލުވި އިރު، މުހައްމަދު އާރިފް (ބަކާ) އާއި ހަސަން އަދުހަމް ބަދަލުވީ ވިކްޓްރީ އަށެވެ. އެ ކުޅުންތެރިންގެ ބަދަލުގައި ވެލެންސިއާ އިން ވަނީ، ފުރަތަމަ ޑިވިޝަންގައި ކުޅެފައިވާ ތަޖުރިބާކާރު ކުޅުންތެރިންތަކެއް ގެނެސްފަ އެވެ.

"އަޅުގަނޑުމެންގެ ޓީމަށް މިފަހަރު އައި ކުޅުންތެރިންނަކީ، ޓީމު ދޫކޮށް ދިޔަ ކުޅުންތެރިންނަށްވުރެ ފެންވަރުގެ ގޮތުން ވަކި ދަށް ކުޅުންތެރިންނެއް ނޫން، އެކުޅުންތެރިން ބޭނުން ކޮށްގެން، ޓީމުން ދިޔަ ކުޅުންތެރިންގެ ޖާގަތަށް ވަރަށް ރަނގަޅަށް ފޫބެއްދޭނެ،" ފެސްކޯ ބުންޏެވެ.

އަހަރުތަކެއް ކުރިން ރާއްޖެ އަކީ ބޫޓާން ކޮޅަށް ގިނަ ލަނޑުތަކެއް ކާމިޔާބު ކުރާ ޓީމެކެވެ. ނަމަވެސް ވޭތުވެދިޔަ ތިނެއް ނުވަތަ ހަތަރު އަހަރެއް ވަރު ރާއްޖެ އަށް ބޫޓާން އަތުން މޮޅުވެވިފައި ވަނީ ތާފަތު ކުޑަ ކޮށެވެ.

ފެސްކޯ ބުނީ، ތިމްޕޫ ޓީމުގައި ބޫޓާންގެ ގައުމީ ޓީމުގެ 14 ކުޅުންތެރިން ތިބި ކަމަށާއި، ވެލެންސިއާގައި ތިބީ ގައުމީ ޓީމުގެ މަދު ކުޅުންތެރިއެއް ކަމަށެވެ. ނަމަވެސް ރަނގަޅު ފައިޓެއް ދޭނެ ކަމަށާއި ސަޕޯޓަރުން މަޔޫސްވެގެން ދާން ނުޖެހޭނެ ކަމުގެ ޔަގީން ކަން ދޭ ކަމަށެވެ.