ކުޅިވަރު

ތިމްޕޫގެ ކޯޗަށް ގަލޮޅު ދަނޑުން ފެނުނީ މުޅިން އެޑްވާންޓޭޖް!

Feb 7, 2017

ރާއްޖޭގެ ގައުމީ ޓީމާ ދެކޮޅަށް، ގަލޮޅު ދަނޑުގައި މެޗްތަކެއް ކުޅެފައިވާ ކުޅުންތެރިން ތަކެއް ބޫޓާންގެ ތިމްޕޫ ސިޓީ އެފްސީ ގައި ތިބުމަކީ، އެ ޓީމަށް އޮތް ވަރަށް ބޮޑު އެޑްވާންޓޭޖެއް ކަމަށް ތިމްޕޫގެ ކޯޗް ޕާސަންގް ޝެރިންގް ބުނެފި އެވެ.

އޭއެފްސީ ކަޕް ޕްރިލިމިނަރީ ބުރުގައި، ވެލެންސިއާ ދެކޮޅަށް، މިއަދު ހަވީރު މާލޭގައި ކުޅޭ ދެ ވަނަ ލެގްގެ ކުރިން ޝެރިންގް ބުނީ، ހޯމް މެޗުގައި ވެލެންސިއާ އެއްވަރުކޮށް، ރާއްޖޭގެ ދަނޑަށް އައިސް އެޓީމާ ދެކޮޅަށް ކުޅެން ޖެހުމަކީ، އެޓީމަށް އުނދަގޫ ތަކެއް ކުރިމަތިވާނެ ކަމެއް ނޫން ކަމަށެވެ.

މިއީ ތިމްޕޫ ސިޓީ އެފްސީ، އޭއެފްސީ މުބާރާތެއްގައި ކުޅޭ ފުރަތަމަ ފަހަރެވެ. ނަމަވެސް، ޝެރިންގް ބުނީ، ބޫޓާންގެ ގައުމީ ޓީމާއެކު، ގިނަ މެޗުތަކެއް ކުޅެފައިވާ ކުޅުންތެރިން ތިބުމުން އެއީ މައްސަލަ ދިމާވާނެ ކަމެއް ނޫން ކަމަށެވެ.

"އަހަރެމެންނަށް ވެސް އެޑްވާންޓޭޖް އެބައޮތް، ރާއްޖެއާ ދެކޮޅަށް ބޫޓާންގެ ގައުމީ ޓީމު ވަނީ ގިނަ މެޗުތަކެއް ކުޅެފަ، އެ މެޗުތަކުގައި ކުޅުނު ގިނަ ކުޅުންތެރިން އަހަރަމެން ޓީމުގައި ތިބުމަކީ އަހަރެމެންނަށް އޮތް ރަނގަޅު އެޑްވާންޓޭޖެއް،" ޝެރިންގް ބުންޏެވެ.

ބޫޓާންގައި ވެލެންސިއާ ކުޅުނީ ގަދަ ފީނީ ގައެވެ. މައިނަސް އެކެއް ޑިގްރީ ސެލްސިއަސްގަ އެވެ. މިއަދު މާލޭގައި ކުޅޭއިރު، މާލޭގެ ފިނި ހޫނުމިން ހުރީ 29 ޑިގްރީ ސެލްސިއަސް ގައެވެ. އަދި ބޫޓާނަކީ އުސް ގައުމެކެވެ. ރާއްޖެ އަކީ ތިރި ގައުމެކެވެ.

"އަހަންނަކަށް ހީ އެއް ނުވޭ މޫސުމުގެ ސަބަބުން އަހަރެމެންނަށް މައްސަލަ އެއް ކުރިމަތިވާނެ ހެނެއްް، އޮތީ އޭޑްވާންޓެޖެއް، ހައި އެޓިޓިޔުޑެއްގައި ކުޅޭން ޖެހުނީމަ އަހަރެމެންނަށް ވެސް އުނދަގޫ ވާނެ، ނަމަވެސް މާލޭ ގައި ލޯ އެޓިޓިޔުޑް ގައި ކުޅެން ޖެހުމަކީ، އަހަރެމެންނަށް ވެސް އެޑްވާންޓޭޖެކަށް ވާނެ،"

ރާއްޖޭގެ ގައުމީ ޓީމާ ދެކޮޅަށް ގިނަ މެޗުތަކެއް ކުޅެފައިވީ ނަމަވެސް، މިހާތަނަށް ބޫޓާނުން އެއިން އެއްވެސް މެޗަކުން މޮޅުވެވިފަ އެއް ނުވެއެވެ. އެއީ އެ ޓީމަށް އޮތް ޕްރެޝަރެއްތޯ ސުވާލު ކުރުމުން، ޝެރިންގް ބުނީ ރާއްޖެއާ ދެކޮޅަށް، މިފަހުން ކުޅުނު މެޗު ތަކުން ބޫޓާން ބަލިވެފައި ވަނީ، ތަފާތު ކުޑަކޮށް ކަމަށެވެ. އަދި ވެލެންސިއާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރު ކޮށްލެވުމަކީ، މިއަދުގެ މެޗަށް އޮތް އެޑްވާންޓޭޖެއް ކަމަށެވެ.

މި މެޗުން މޮޅުވާ ޓީމެއް ދާނީ، ޕްލޭއޮފްގެ ދެ ވަނަ ބުރަށެވެ. ޕްލޭއޮފް މެޗުގައި ވާދަ ކުރަން ޖެހޭނީ، ލަންކާގެ ކޮލަމްބޯ އެފް ސީ ނުވަތަ އިންޑިއާގެ މޯހަން ބަގާންއާ ދެކޮޅަށެވެ. މި ދެ ޓީމު ކުޅުނު ފުރަތަމަ ލެގް މެޗު މޯހަންބަގާން ކާމިޔާބު ކުރީ 2-1 ން ނެވެ.

ޕްލޭއޮފްގެ ދެ ވަނަ ބުރު މެޗްތައް އޮންނާނީ، މިމަހު 21 އަދި 28 ވަނަ ދުވަހު އެވެ.