ރާއްޖެ ކުޅިވަރު

ވިންގްްސް ފޯ ލައިފް ވޯލްޑް ރަން އަކީ ކޮބާ ؟

މި އަހަރުގެ ރެޑްބުލް ކެޗް ދަ ފެރީގެ އެއްވަނަ ފިރިހެން ދުވުންތެރިޔާ އާއި އަންހެން ދުވުންތެރިޔާ އަށް ހޮވޭ ދުވުންތެރިންނަށް މޭ މަހު އޮންނަ ވިންގްސް ފޯ ލައިފް – ވޯލްޑް ރަންގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ. ޑުބާއީގައި އޮންނަ މި ދުވުމުގައި ބައިވެރިވުމަކީ، މުބާރާތުގެ އެއްވަނަ އަށް ދާ ދުވުންތެރިންނަށް ލިބޭނެ ރަނުގެ ފުރުސަތެކެވެ. އަދި މި ފުރުސަތު ހޯދުމަކީ މި އަހަރުގެ ރެޑްބުލް ކެޗް ދަ ފެރީގައި ވާދަކުރާ ކޮންމެ ދުވުންތެރިއެއްގެ އުންމީދަކަށް ވާނެ އެވެ.

ވިންގްސް ފޯ ލައިފް – ވޯލްޑް ރަން ސްޕައިނަލް ކޯޑް އަށް ލިބޭ އަނިޔާތަކާ މެދު ހޭލުންތެރިކުރުވުމަށް ވިންގްސް ފޯ ލައިފް އިން އިންތިޒާމްކޮށްގެން މިދިޔަ އަހަރު ބާއްވަން ފެށި ދުވުމެކެވެ. މިދިޔަ އަހަރު މި ދުވުމަށް ބޮޑު ތަރުހީބެއް ލިބުނެވެ. މި ދުވުމުން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާކުރަނީ ޗެރިޓީއަށެވެ.

މޭ މަހުގެ ތިން ވަނަ ދުވަހު ދުނިޔޭގެ 35 ސަރަހަދެއްގައި ކުރިއަށްދާ ވިންގްސް ފޯ ލައިފް ވޯލްޑް ރަންގައި މިހާރު 50،000 މީހުން ވަނީ ބައިވެރިވެފަ އެވެ. މި ރޭހުގައި އެމެޗުއާ ދުވުންތެރިންނާޢި ޕްރޮފެޝަނަލް ދުވުންތެރިން އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ފުރޮޅުލީ ގޮނޑި ބޭނުންކުރަންޖެހޭ މީހުންނަށް ވެސް މި ރޭހުގައި ބައިވެރިވެވޭނެ އެވެ. ދުނިޔޭގެ ހުރިހާ ސަރަހައްދެއްގައި ވެސް މި ރޭސް ފަށާނީ އެއް ވަގުތެއްގަ އެވެ.

އާންމުކޮށް ބާއްވާ އެހެން ރޭސްތަކާ ވިންގްސް ފޯ ލައިފް - ވޯލްޑް ރަންގެ އެއްވަަ ހޮވާ ގޮތް ވެސް ތަފާތެކެވެ. މި ދުވުމުގައި ބައިވެރިވާ ދުވުންތެރިންގެ ޓައިމިން ބަލާ "ކެޗާ ކާ" ކޮންމެ ދުވުންތެރިޔަކާ އަރާ ހަމަވުމުން އެ ދުވުންތެރިއެއްގެ ރޭސް ނިމުނީ އެވެ. އެއްވަނަ އަށް ދާނީ އެ ކާރަށް އެންމެ ފަހުން އަތުވާ ދުވުންތެރިޔާ އެވެ. "ކެޗާ ކާ" ނައްޓާލާނީ ރޭސް ފަށާތާ 30 މިނިޓު ފަހުންނެވެ.

ވިންގްސް ފޯ ލައިފް - ވޯލްޑް ރަންގެ ގްލޯބަލް ޗެމްޕިއަންކަން ލިބޭނީ ކޮންމެ ސަރަހައްދެއްގެ އެއްވަނަ ހޯދާ ދުވުންތެރިންގެ ތެރެއިން، އެންމެ ގިނައިރު ދުވި ދުވުންތެރިޔާއަށެވެ. ކޮންމެ ސަރަހައްދެއްގެ ޗެމްޕިއަނުން ވެސް ހޮވާނެ އެވެ.

ރާއްޖޭގައި ބާއްވާ އެހެން ރޯޑް ރޭސްތަކާ ތަފާތު ކޮންސެޕްޓަކަށް ބާއްވާ ރެޑްބުލް ކެޗް ދަ ފެރީ ރޯޑް ރޭސް، 420 ދުވުންތެރިންނާއެކު މާދަމާ ހެނދުނު ބާއްވާނެ އެވެ. ރެޑްބުލް ކެޗް ދަ ފެރީ އަކީ ދިވެހިރާއްޖޭގެ ދުވުންތެރިންނަށް ހާއްސަކޮށްގެން ރެޑްބުލް އިން ބާއްވާ ފުރަތަމަ އިވެންޓެވެ. މި ރޭހުގައި އެންމެ ހާއްސަކަމަކީ މާލޭ ސިޓީގެ ތިން ސަރަހަދެއްގައި މި ރޭހުގެ ބައިތައް ކުރިއަށް ދިއުމެވެ. މި މުބާރާތުގެ ބައިވެރިން ހުޅުމާލެ އާއި ވިލިނގިއްޔަށް ގެންދަން ހާއްސަ ފެރީތަކެއް އޮންނާނެ އެވެ. އެކަމަކު ކަނޑައަޅައިފައިވާ ވަގުތުކުރިން ބައިވެރިން ފެރީ އަށް އަރައިގެން ނޫނީ، ރޭހުގެ ބައިތައް ފުރިހަމައެއް ނުކުރެވޭނެ އެވެ. އެހެންކަމުން ކަނޑައަޅާފައިވާ ވަގުތަށް ފެރީ އަށް އެރޭނީ މުބާރާތުގެ އެންމެ ފިޓު ދުވުންތެރިންނަށެވެ.