ކުޅިވަރު

ޕްލޭއޮފްގައި ވެލެންސިއާ އާއި މޯހަންބަގާން

Feb 7, 2017

އޭއެފްސީ ކަޕް ޕްރިލިމިނަރީ ބުރުގެ، ދެވަނަ ލެގްގެ މެޗުގައި، ކޮލަމްބޯ އެފްސީގެ މައްޗަށް 2-1 ނަތީޖާ އަކުން ކާމިޔާބު ހޯދައި، ކުަލަބު ވެލެންސިއާ ދެކޮޅަށް ކުޅެން، އިންޑިއާގެ މޯހަންބަގާން ޕްލޭއޮފްގެ ބުރަށް ދަތުރު ކޮށްފި އެވެ.

ކޮލަމްބޯ އާއި މޯހަންބަގާން ލަންކާގައި ކުޅުނު މެޗުވެސް، މޯހަންބަގާން ކާމިޔާބު ކުރީ 2-1 ން ނެވެ. އެހެންވެ ދެ މެޗުގެ ނަތީޖާ އާއެކު މޯހަންބަގާން މޮޅުވީ 4-2 ގެ އެގްރިގޭޓް ނަތީޖާ އިން ނެވެ.

ކަލްކަތާގެ ރަބިންދަރަ ސަރޯބަރު ސްޓޭޑއިަމްގައި މިރޭ ކުޅުނު މެޗުގައި، މޯހަންބާގާންގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ، ހެއިޓީގެ ކުޅުންތެރިޔެއް ކަމަށްވާ ސޮނީ ނޯޑޭ އެވެ. ދެ ވަނަ ލަނޑު 56 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، ސްކޮޓްލޭންޑްގެ ޑެރީ ޑްފީ އެވެ. ކޮލަމްބޯގެ ހަމަ އެކަނި ލަނޑު ކާމިޔާބު ކުރީ، ޖިއާން ސެކާ އެވެ.

ޕްލޭއޮފްގެ ބުރުގެ ފުރަތަމަ ލެގް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާލޭ ގައި މިމަހު 21 ވަނަ ދުވަހު އެވެ. ދެ ވަނަ ލެގް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ، މިމަހު 28 ވަނަ ދުވަހު އިންޑިއާގަ އެވެ.

މިފަހަރު އޭއެފްސީ ކަޕަށް ގެނައި ބަދަލު ތަކާއެކު، މި ސަރަހައްދުގެ ޓީމުތައް ހިމެނެނީ، މި ދެކުނު އޭޝިއާގެ ޒޯން ގުރޫޕްގައެވެ. ދެ ވަނަ ބުރަށް ދާނީ ކޮންމެ ޒޯންގެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.

ދިވެހި ޕްރިމިއާ ލީގް ޗެމްޕިއަން މާޒިޔާ އަށް ވަނީ ޒޯން ބުރުގެ ޑައިރެކްޓް ޖާގަ ލިބިފަ އެވެ.