ކުޅިވަރު

މެޗުގައި 13 ކާޑް، ރޮބޭޓޯ އާއި ސުއަރޭޒް އަށް އަދަބު ދީފި

Feb 8, 2017
1

ސްޕެނިޝް ކަޕްގެ ސެމީފައިނަލު މެޗުގައި ވާދަވެރި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗު 1-1 އެއްވަރުވި މެޗު ގައި ދެއްކި 13 ކާޑާ އެކު ފައިނަލަށް ދިޔަ ނަމަވެސް، ދެއްކި ރަތްކާޑުން ފައިނަލުގައި ބާސާގެ ޓީމުން ޑިފެންޑާ ސާޖީ ރޮބޭޓޯ އާއި ފޯވަޑް، ލުއިސް ސުއަރޭޒް އަށް އަދަބު ދީފި އެވެ.

މެޗުގައި ދެއްކި 13 ކާޑްގެ ތެރޭގައި، ތިން ރަތް ކާޑް ހިމެނެ އެވެ. ސުއަރޭޒް އާއި ރޮބޭޓޯގެ އިތުރުން ދެން ރަތް ކާޑް ދެއްކި އެތުލެޓިކޯގެ ޔަނިކް ކަރޯސްކޯ އެވެ.

މެޗުގައި ސުއަރޭޒް އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑް ދެއްކީ، ބޯޅަ އަށް ބޮލުން ޖަހަން ފުންމައިގެން އަރައި އެތުލެޓިކޯގެ ފިލިޕޭ ލުއިސްގެ ބޮލުގައި އޮޅަބޮށިން، ޖެހުމުންނެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން ސުއަރޭޒް ބުނީ އެތަނުގައި، އޭނާ ފައުލު ނުކުރާ ކަމަށެވެ.

"ރެފްރީ ބޭނުންވިކަން ހާސިލު ވެއްޖެ، އަހަރެން މިހުރީ ރުޅި އައިސްފައި، އެއީ ފައުލެއް ނޫން، އަދި ރެފްރީ އަހަންނަކަށް އެކަމުގެ ތަފްސީލެއް ނުދޭ." ސުއަރޭޒް ބުންޏެވެ.

ފުރަތަމަ ލެގް މެޗުން، ބާސާ 2-1 މޮޅު ވެފައި ވުމުން ފައިނަލަށް ދިޔައީ، 3-2 ގެ އެގްރިގޭޓް ނަތިޖާއިން ނެވެ.

ބާސާ އަށް ލަނޑު ކާމިޔާބު ކޮށްދިނީ ސުއަރޭޒް އެވެ. މިއީ އޭނާ ބާސާ އަށް ޖަހައިދިން 107 ވަނަ ލަނޑެވެ. މި ލަނޑާއެކު އޭނާ ވެފައި ވަނީ، ބަސާގައި 14 ވަނަ އަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށެވެ.

އެތުލެޓިކޯގެ ލަނޑު އެންޓީނިއޯ ގްރީޒްމަން ދިން ހިތް ގައިމު ޕާހަކުން ކާމިޔާބު ކުރީ، ކެވިން ގެމީރޯ އެވެ. އެތުލެޓިކޯ އަށް ވަނީ، ލީޑް ނެގުމަށް ޕެނަލްޓީ އެއްވެސް ލިބިފަ އެވެ. ނަމަވެސް ގެމީރޯ ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލް ދަނޑި މަތިން ނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ބާސާގެ ކޯޗް ލުއިސް އެންރީކޭ، ބުނީ މެޗު އެއްވަރުވުން ބާސާ އަށް ހައްގު ނުވާ ކަމަށެވެ.