ކުޅިވަރު

ޔުނައިޓަޑަކީ ކުޑަ ޓީމެއް، ގްރީޒްމަން ނުދާނެ: އެތުލެޓިކޯ

Feb 8, 2017
2

އެތުލެޓިކޯ މެޑްރިޑްގެ ފްރާންސްގެ ފޯވަޑް އެންޓޯނިއޯ ގްރީޒްމަން ބަދަލުވާ ވަރަށް ވުރެ، މެންޗެސްޓާ ޔުނައިޓަޑަކީ ކުޑަ ޓީމެއް ކަމަށާއި، އެތުލެޓިކޯ މެޑްރިޑް ދޫކޮށް ގްރީޒްމަން ނުދާނެ ކަމަށް އެކުލަބުގެ ރައީސް އެންރީކޭ ސެރޭސޯ ވިދާޅުވެއްޖެ އެވެ.

އެންޓޯނިއޯ ގްރީޒްމަން ގަތުމަށް، ޖޫން މަހުގެ ޓްރާންސްފާ ޕީރިއަޑަށް، ޔުނައިޓަޑުން ތައްޔާރުވާ ކަމުގެ އަޑުތައް ވަނީ ގަދަ ވެފަ އެވެ.

ބައެއް ރިޕޯޓްތައް ބުނެފައިވާ ގޮތުގައި، ޔުނައިޓަޑްގެ ކޯޗް ހޯސޭ މޮރީނިއޯ ވަނީ، އަންނަ ސީޒަންގައި ޔުނައިޓަޑަށް ގެންދަން ބޭނުންވާ ކުޅުންތެރިންގެ ލިސްޓްގައި ގްރީޒްމަން ހިމަނާފަ އެވެ. އަދި، ޖޫން މަހު އޮންނަ ހޫނު މުސޫމުގެ ޓްރާންސްފާ ޕީރިއަޑްގައި، ގްރީޒްމަން ގަތުމަށް 85 މިލިއަން ޕައުންޑް ހުށަހެޅުމަށް ޔުނައިޓަޑުން ތައްޔާރު ވަމުންދާ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.

އިއްޔަ އެތުލެޓިކޯ އިން ބޭއްވި ޕްރެސް ކޮންފަރެންސްގައި، ގްރީޒްމަން ގެންދަން ޔުނައިޓަޑުން ޝައުގުވެރިކަން ފާޅުކޮށްފައި ވޭތޯ ސުވާލު ކުރުމުން ސެރޯސޯ ވެސް އުފެއްދީ ސުވާލެކެވެ.

"މެންޗެސްޓާ ޔުނައިޓަޑްތަ؟ އެއީ ކުޑަ ޓީމެއް،" ސެރޭސޯ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ގްރީޒްމަން އިތުރު ޓީމަކަށް ނުދާނެ ކަމަށާއި އޭނާ [ގްރީޒްމަން] އެތުލެޓިކޯ ގައި ހުރީ އުފަލުން ކަމަށެވެ.

"އެންޓޯނިއޯ އަކީ ތަފާތު މޮޅު ކުޅުންތެރިޔެއް، އެތުލެޓިކޯގެ ދިރިއުޅުން ދެކެ އޭނާ ލޯބިވޭ، އަހަންނަކަށް ނޭންގެ މެންޗެސްޓާ ޔުނައިޓަޑް ޝައުގުވެރިވާ ކަމަކީ ކޮބައި ކަމެއް، ނަމަވެސް ގްރީޒްމަން ދިގު މުއްދަތަކަށް އެތުލެޓިކޯ ގައި ހުންނާނެ،"

ގްރީޒްމަންއާ އެކު، އެތުލެޓިކޯ މިހާރު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ، 2021 ވަނަ އަހަރު ޖޫން މަހުގެ ނިޔަލަށެވެ.

ސެރޭސޯ ވަނީ އެތުލެޓިކޯގެ ކޯޗް ޑިއޭގޯ ސިމިއޯނީ ވެސް އެ ޓީމުގެ ކޮންޓްރެކްޓް އާ ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

"އަހަރެން އުންމީދު ކުރަނީ އާ ކޮންޓްރެކްޓް އެންމެ އަވަހަށް ހަދާނީ ޑިއޭގޯ ސިމިއޯނީ އާއި ގްރީޒްމަން ކަމަށް،" ސެރޯސޯ ވިދާޅުވި އެވެ.

އެތުލެޓިކޯ މެޑްރިޑްގެ ކުރީގެ ފޯވަޑް، މެންޗެސްޓާ ސިޓީގެ ސާޖީއޯ އަގުއޭރޯއާ ބެހޭގޮތުން ސެރޭސޯ ވިދާޅުވީ، އެތުލެޓިކޯ ދޫކޮށް އެންމެ ހަޑިކޮށް ދިޔައި ކުޅުންތެރިޔަކީ، އަގުއޭރޯ ކަމަށެވެ.