ހަބަރު

ވަޒަނުގެ ހަގީގަތް ނޭނގި، ހިންމަފުށި އިތުރަށް ކަންބޮޑުވެފައި

  • ރަށު ތެރެއިން މީގެ ކުރިން ވެސް ވަޒަން ފެނިފައިވޭ
  • ވަޒަނުގެ ހަގީގަތް ހޯދަން ރައްޔިތުން ބޭނުންވޭ
  • އަދިވެސް ގަބޫލު ކުރަނީ ވަޒަން އައީ ގިރިފުށިން ކަމަށް

ދެހާސް ފަނަރަ ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ކ.ހިންމަފުށީގެ ގެއެއްގެ ކުޑަދޮރަށް ވަޒަނެއް އަރާފައި ހުއްޓާ ފެނިގެން ރަށުގެ ރައްޔިތުން ބޮޑު ހާސްކަމެއްގެ ތެރެއަށް ވެއްޓުނެވެ. ނަމަވެސް ސިފައިންގެ ތަމްރީންތައް ހަދާ ރަށް ގިރިފުއްޓާ އިންވެގެން އޮންނަ އެ ރަށުގެ ގެއަކަށް އެ ވަޒަން އަރާފައިވަނީ ސިފައިންގެ އިހުމާލުން ކަމަށް އެ ހާދިސާގެ ތަހުގީގަށްފަހު ކައުންސިލަށް ސިފައިން އެންގުމުން ހާސްވެފައިތިބި ރައްޔިތުންގެ ކަންބޮޑުވުން ފިލައިގެން ދިޔަ އެވެ. ވީ ކީއްކަން މުޅިން ފުރިހަމައަށް ރަށު މީހުންނަށް ނޭނގުނަސް ކަންވީގޮތް އެނގުމުގެ ރަށު މީހުންނަށް އެ ފަހަރު ހިތްހަމަ ޖެހުން ލިބުނެވެ. ނަމަވެސް ގެސްޓު ހައުސްއެއްގެ ގޮތު ތަރައްގީކުރަމުންދާ އެރަށުގެ ގެއެއްގެ ކުޑަދޮރަށް އަނެއްކާ ވެސް ވަޒަނެއް އަރާފައި ހުއްޓާ ފެނުމުން ރަށުތެރެއަށް ވަނީ ބިރުވެރިކަން ފެތުރުނެވެ.

އެ ރަށުގެ މެދެއްހާ ހިސާބުގައި ހުންނަ ލިލީނައިޓް ގޭގެ ކުޑަދޮރަށް އަރާފައި ހުއްޓާ މިފަހަރު ފެނުނު ވަޒަނަކީ ސިފައިން ބޭނުންކުރި ވަޒަނެއް ނޫންކަމަށް ޑިފެންސް މިނިސްޓަރު ވަރަށް ޔަގީން ކަމާއެކު ވިދާޅުވުމުން އެރަށުގެ ރައްޔިތުންގެ ތެރޭގައި "ސިހުމެއް" ވަނީ އުފެދިފަ އެވެ. ސިފައިން ވެސް ބުނަނީ ގިރިފުށިން ޖަހާ ވަޒަން އެ ރަށަށް އެރުމަކީ މުސްތަހީލު ކަމެއް ކަމަށެވެ. އެއާ އެކު ރަށު މީހުންގެ ސުވާލުތައް ވެސް މިވަނީ ގިނަވެފަ އެވެ. އެ ވަޒަނަކީ ގިރިފުށިން އައި ވަޒަނެއް ނޫން ކަމަށްވާނަމަ އެ ވަޒަން އައީ ކޮން ގޮތަކަށް ހެއްޔެވެ؟ ރަށުގައި އެފަދަ ހަތިޔާރުތަކެއް ގެންގުޅެނީ ބާވައެވެ؟ ކިތަންމެ ސުވާލެއް ކުރިމަތިވިޔަސް އެއަށް ދޭނެ ޖަވާބެއް ކައުންސިލަކު ނެތެވެ. އެއަށް ފުރިހަމަ ޖަވާބެއް ލިބެން އޮތީ ފުލުހުންނާއި ސިފައިން މިހާރު ފަށާފައިވާ ތަހުގީގު ނިމުމުންނެވެ.

"ރައްޔިތުން ތިބީ ވަރަށް ބޮޑު ބިރުވެރިކަމެއްގައި. މާ ބޮޑު ބިރުވެރި ކަމެއް ނޫންތޯ، އެ ވަޒަނަކީ ސިފައިންގެ ވަޒަނެއް ނޫންކަމަށް ބުނުމަކީ؟ މި ރަށަކީ ފަތުރުވެރިން ވެސް އަންނަ ރަށެއް. މީގެ ސަބަބުން އިންޑަސްޓްރީއަށް ލިބިދާނެ ގެއްލުމަކަށް ކަންބޮޑުވޭ. އަނެއްކާ ރައްޔިތުންނަށް ވެސް ރައްކާތެރިކަމެއް ނެތެއް ނޫންތޯ؟ އަޅުގަނޑުމެންނާ ދިމާވާ ކޮންމެ މީހަކު ވެސް އެކަންބޮޑުވުން އެބަ ފާޅު ކުރޭ،" ހިންމަފުށީ ކައުންސިލްގެ ރައީސް ޝާން އިބްރާހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސިފައިންގެ ވަގުތީ ޖަވާބު ކޮންމެ ގޮތަކަށް ލިބުނު ނަމަވެސް ލަފާކުރަނީ އެ ވަޒަން އެރީ ގިރިފުށިން ކަމަށެވެ. ގިރިފުށި އޮންނަ ދިމާލުން މި ނޫނަސް ވަރަށް ގިނައިން ވަޒަން ފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"މީޑިއާގެ ސުރުހީތަކަށް އައިސްފައި މިވަނީ ދެ ހާދިސާއެއް. އެކަމަކު މި ނޫނަސް މިރަށުން ވަޒަން ފެނިފަ ހުރީ. މަސައްކަތް ކުރަން އުޅުނު ބަޔަކަށް ބިން މަތިންވެސް ވަޒަނެއް ފެނުނު. ގެއެއްގެ ފުރާޅު މައްޗަށް ވެއްޓުނު ވަޒަނެއް ވެސް ފެނުނު، މި ހުރިހާ ތަފްސީލެއް ތަހުގީގަށްވެސް އަޅުގަނޑުމެން ވާނީ ހިއްސާ ކޮށްފައި. މިއީ ވަރަށް ސީރިއަސް މައްސަލައެއް،" ޝާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރައްޔިތުންގެ ފަރާތުން ގިނަ ޝަކުވާތަކެއް އަންނަ ކަމަށެވެ. ނަމަވެސް އެކަމަށް ކައުންސިލުން ކޮށްދެވޭނެ މާބޮޑު ކަމެއް ނެތް ނަމަވެސް ފުލުހުންނާއި ސިފައިންނަށް ތަހުގީގު ވަރަށް ރަނގަޅަށް ކުރިއަށްގެންގޮސްދިނުމަށް އެދިފައިވާ ކަމަށް ކައުންސިލް ރައީސް ވިދާޅުވި އެވެ. ފުލުހުންނާއި ސިފައިން މިހާރު ކުރިއަށްގެންދާ ތަހުގީގު ވަރަށް ބާރަށް ކުރިއަށް ދާ ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ. އަދި އެކަމާ ގުޅިގެން އެކި ފަހަރު މަތިން ކައުންސިލުގެ ބަޔާންވެސް ވަނީ ނަގައިފަ އެވެ.

މީގެ ކުރިން 2015 ވަނަ އަހަރު އެރަށުގެ ގެއަކަށް ވަޒަނެއް އެރި ހާދިސާއާ ގުޅިގެންވެސް ސިފައިން ތަހުގީގެއް ހިންގި އެވެ. އަދި އެ ތަހުގީގަށްފަހު ވަޒަން އެރީ ސިފައިންގެ އިހުމާލުންކަމަށް ކައުންސިލަށް އޭރު އެންގިނަމަވެސް އޭގެ ތަފްސީލު ރިޕޯޓު އެއްވެސް ބަޔަކާ ހިއްސާކޮށްފައެއް ނުވެ އެވެ. ޝާން ވިދާޅުވީ އެ ރިޕޯޓުގެ ތަފްސީލު ހޯދުމަށްވެސް އެމްއެންޑީއެފްގައި ލިޔުމުން އެދިފައިވާ ކަމަށެވެ. އަދި ތަފްސީލު ކައުންސިލާ ހިއްސާ ކުރާނެ ކަމަށް ސިފައިންގެ އިދާރާއިން ބުނި ކަމަށް އޭނާ ވިދާޅުވި އެވެ. ކައުންސިލްގެ އެދުމަކީ ރަށުގެ ރައްޔިތުންގެ ރައްކަލަކަށް ޓަކައި މިފަދަ ހާދިސާއެއް ތަކުރާރު ނުވާނެ ފަދަ ފިޔަވަޅުތަކެއް ކަމާ ބެހޭ ފަރާތްތަކުން އެޅުމެވެ.

"އަޅުގަނޑުމެންގެ ރައްޔިތުން މިއަދު މި ތިބީ ޖަވާބެއް ބޭނުންވެފައި. މާދަމާ ނޭނގެ ވަޒަނެއް އަރާނީ މީހެއްގެ ގަޔަށް، ފަތުރުވެރިއެއްގެ ގަޔަށް ނޫން ކަމެއް. ވީމާ ކައުންސިލް ރައީސްގެ ހައިސިއްޔަތުންވެސް އަޅުގަނޑު ބޭނުންވަނީ ފުލުހުންނާއި ސިފައިންނަށް އިލްތިމާސްކުރަން މިހާރު ކުރިއަށް އެ ގެންދަވާ ތަހުގީގު އަވަހަށް ނިންމަވައިދިނުމަށް،" ޝާން ވިދާޅުވި އެވެ.

މިފަހުގެ ހާދިސާއާ ގުޅިގެން ޑިފެންސް މިނިސްޓަރު ވިދާޅުވެފައި ވަނީ، ރަށު ރައްޔިތުންނަށް ނުރައްކަލެއް ނެތް ކަމަށެވެ. އަދި ކަންބޮޑުނުވުމަށް ވެސް އެދިވަޑައިގެންފައިވެ އެވެ. އެހެން ނަމަވެސް ވަޒަން އައި ދިމާލެއް ނޭނގުމުން ރަށުގެ ރައްޔިތުން އަދި މި ވަނީ މާކަންބޮޑުވެފަ އެވެ. އެ މީހުން ބޭނުންވަނީ އަމިއްލަ ސަލާމަތަށް ޓަކައި އެ ހާދިސާގެ ހަގީގަތް ހޯދައި އެންމެ ފުނަށް ދާށެވެ. އަދި ދެވަނަ ފަހަރަށް މިފަދަ ހާދިސާއެއް ތަކުރާރުނުވާނެކަން ކަށަވަރު ކުރަން ވެސް އެ މީހުން ބޭނުންވެ އެވެ.