ފެޝަން

ދެ ގޮތެއްނުވާ ފަން އިސްތަށިގަނޑުގެ ސްޓައިލް

Feb 10, 2017

ބޮބް ކަޓްގެ ޒަމާންގޮސް މިހާރު މިއޮތީ އަނެއްކާ ވެސް އެހެން ސްޓައިލް އެއް ތައާރަފްވެފަ އެވެ. މިއީ އަބަދުވެސް ދެގޮތެއްނުވާ ދޭތެރެއަކުން އަންނަ ވަރަށް ސަޅި މުޅިން އާ ޓްރެންޑެކެވެ.

ނަމަވެސް މިފަހަރު މި ސްޓައިލް އައީ ކޮންމެވެސް ވަރަކަށް ތަފާތު ކޮށެވެ. މިހާރު އެންމެން މެދުގައި މާ ވަރަކަށް ހިނގައި ގަނެގެން މި އުޅެނީ، ރާޅުކަމެއް ނެތް ވަރަށް އިސްތަށިގަނޑު ފަންކޮށްލުމަށްފަހު ކަންފަތުގެ ފަހަތަށް ވާގޮތަށް އިސްތަށިގަނޑު ވަށްޓާލުމެވެ. މިއީ ހާއްސަކޮށް މިހާރު ތައާރަފް ވަމުން އަންނަ ދިގު އިސްތަށިގަނޑު ހުންނަ ކުދިންގެ މެދުގައި ވަރަށް މަގުބޫލު ސްޓައިލެކެވެ. އަދި ހާއްސަކޮށް "ޝާ ހެއާ" ފަންދިގު އިސްތަށިގަނޑުގެ ސްޓައިލަކީ މިހާރު ހޮލީވުޑް ސެލެބްރިޓީންގެ މެދުގައި ވަރަށް ހިނގާ ގޮތެކެވެ.

ޕާޓީތަކާއި ރެޑްކާޕެޓް އިވެންޓް ތަކުން ވެސް ފެންނަ އެއްގޮތަކީ އިސްތަށިގަނޑު ފަހަތައް ދޫކޮށްލުމެވެ. ނުވަތަ "ފްލެޓް އަޔަން" ނުވަތަ "ސްޕާ ސްލީކް" ހެއާ ސްޓައިލެވެ.

އެއްވެސް ބުޅި ކަމެއް ރާޅުކަމެއް ނެތް މިންވަރަށް އިސްތަށިގަނޑު އަޔަން ކޮށްލުމަށްފަހު ބޯ ފަހަތަށް ދޫކޮށްލާފައި އޮންނަ ޓްރެންޑަކީ މި އަހަރު އަންހެން ކުދިންނަށް ވަރަށް ކަމުދާ ސްޓައިލް އަކަށް މިވަނީ ވެފަ އެވެ.

މި ސްޓައިލް އެންމެ ބޮޑަށް ފޮލޯ ކުރާ ބޭރުގެ ސެލެބްރިޓީންގެ ތެރޭގައި ކިމް ކާޑާޝިއަން އާއި ޖެނިފާ ލޮޕޭޒް ވެސް ފާހަގަ ކޮށްލެވެ އެވެ.

މިތަރިންގެ އިތުރުން ބައެއް ފެޝަން ޝޯ ތަކުގައި ވެސް މިސްޓައިލް ފޮލޯ ކުރަން މި ވަނީ ފެށިފަ އެވެ.

މިފަދަ ހުރިހާ ސްޓައިލް އެއްގެ އަސަރު ރާއްޖެއަށް ނައިސް ނުދާނެ ކަން ޔަގީނެވެ. އެގޮތުން ރާއްޖޭގެ ފިލްމީ ފަންނާނުންގެ މެދުގައި ވެސް މިފަދަ ސްޓައިލްތައް ފެނެ އެވެ. މީގެ އިތުރުން މިހާރު ބައެއް ކައިވެނި ހަފްލާ ތަކުން ވެސް މި ސްޓައިލް ފެނެ އެވެ.