ދިވެހި ސިނަމާ

އީމާންގެ އެންމެ އާދަޔާހިލާފު ހުނަރާއި، ކޮންސްޕިރެސީ ގެ ވާހަކަ

"ދެން ކޮންމެވެސް މީހަކު ލައިޓަރެއް ދައްކާލާފައި ބުނެފާނެ އެއަށް ލަވައެއް ހަދާލަން. އެ ހިސާބުން އެ ޖެހުނީ އެއަށް ލަވައެއް ހަދަން. މިއީ އަސްލު އަމިއްލަ މީހާ އަށް އަމިއްލަ އަށް ކުރި ޗެލެންޖެއް،" ކުއްލިއަކަށް ދޭ ހިޔާލަކަށް ނުވަތަ ދިމާވާ ކަމަކަށް ވަގުތާއި ހާލަތާ ގުޅުވައިގެން ލަވަ ހެދުން ފެށުނު ގޮތް ކިޔައިދެމުން އީމާން ބުންޏެވެ. "ލިރިކްސް ލިޔުމަކީ ވަރަށް ކުރީއްސުރެން ފެށިފައި އޮތް ކަމެއް. އެކުވެރިންނާއި އާއިލާ މީހުންނާ އެކު ދަތުރު ގޮސް ގިޓާކުޅެ މަޖާ ނަގާއިރު އިންނާނެ އިންސްޓެންޓް ލިރިކްސް އަށް ހާއްސަ ބައެއް ވެސް. އިންސްޓެންޓް ލަވަ އުފެއްދުމުގެ މޮމެންޓެއް އެއީ."

"އިންސްޓެންޓް-ލިރިކްސް" ގެ ޗެލެންޖާ އެކު އޭނާ އަކީ ޔަގީނަށް ވެސް އެންމެ އަވަހަށް އެންމެ އާދަޔާހިލާފު ލަވަތައް ގެނެސްދޭ ފަންނާނެވެ. އޭނާގެ ކުރީގެ ބޭންޑް ވަން ނައިޓް ސްޓޭންޑްގެ މަޝްހޫރު ލަވަ "ދެ ތިކި ޕީ" އަކީ އެއް ދުވަހަކު ސީ ހައުސް ކެފޭގައި ކޮފީއެއް ބޯން އިންދައި ބޮލަށް ވަން ހިޔާލަކުން ގާތްގަނޑަށް 45 މިނެޓް ތެރޭގައި އެއްކޮށް ކޮށައި ނިންމާލި ލަވައެކެވެ.

"އެންމެ އަވަހަށް މިހާތަނަށް ލިޔުނު ލަވައަކީ "މައިންޑް ޔުއާ އޯން ޝިޓް" ނަމަކަށް ކިޔާ ލަވައެއް. އެއީ ދެ މިނެޓް ތެރޭގައި ކޮމްޕޯސްކުރި ލަވައެއް. ވަން ނައިޓް ސްޓޭންޑްގައި އުޅެނިކޮށް،" އީމާން ބުންޏެވެ.

އެހެންވީމަ، އީމާންގެ މި ހުނަރުވެރިކަމާ ކުޅެލެވިދާނެ ކަމަށް ހީވާ ނަމަ އޭނާގެ މިހާރުގެ ބޭންޑް، އީމާންސް ކޮންސްޕިރެސީގެ ސެލްފް ޓައިޓްލްޑް އަލަތު އަލްބަމްގެ ލަވަތައް ކޮންމެހެން ވެސް އަޑު އަހަން އެބަޖެހެ އެވެ. ލަވައެއް އުފައްދަން ނުވަތަ ލިޔަން ވަކި ތަނެއް ވަކި ވަގުތެއް ވެސް އޭނާއަކަށް ބޭނުމެއް ނުވެ އެވެ.އީމާންގެ ޓްރޭޑްމާކް ސިފަ އަކީ "އިންސްޓެންޓް-ލިރިކްސް" އާއި މަގުމަތީ ބަހުރުވައިގެ ލަވަ އާއި ދެ މާނަ ނެގޭ ލަވަ އެވެ. އާ އަލްބަމުގެ އެންމެ ބޮޑު ތަފާތަކީ ދެ މާނަ ނެގޭ ލަވައެއް ނެތް ކަމެވެ.

“ކުރީގެ ލަވަތަކުގައި ހުންނާނީ އާންމުކޮށް ވަށްބަހުން ވާހަކަ ދައްކާފައި. މި އަލްބަމްގައި ލަވަތަކުގެ މާނަ ތިލަވެފައި ސީދާވާނެ. އަދި 18 އަހަރުން ދަށުގެ ކުޑަކުދިން އަޑުއަހާ ވަރުގެ ލަވަތަކެއް ވެސް ނުހުންނާނެ،" ބޭންޑްގެ ޕްރޮމޯޝަނެއްގެ ގޮތުގައި ނެރެ ހިލޭ ބަހާލި އަލްބަމާ ބެހޭ ގޮތުން އީމާން ބުންޏެވެ. ރޮކް ޖޮންރާގެ 8 ލަވަ އަލްބަމްގައި ހިމެނޭއިރު އެންމެ ބޮޑު މަގްބޫލުކަމެއް ހޯދާފައި ވަނީ "މޮހޮރު" ނަމަކަށް ކިޔާ ލަވައެކެވެ. އީމާން ބުނީ އަލްބަމްގެ އަށް ލަވަ އަކީ ވެސް މުޅިން ތަފާތު ވާހަކައެއް ކަމަށެވެ. 

"ސީދާ ވަކި ވައްތަރެއްގެ ލަވައެއް ހަދަނީކީއެއް ނޫން. ލަވަ ހެދިގެން އަންނަނީ ހަމަ ވަގުތުން. މިސާލަކަށް ސްޓޫޑިއޯ ތެރޭގައި ތިބެނިކޮށް އެކަކު ކުޅެލަފާނެ ރިފެއް. ދެން ބޭސް ލައިނެއް އަޅާލާފައި ޑްރަމް ބީޓެއް ޖަހަމުން ބޮލަށް އަރަމުންދާ އެއްޗެހިތަކެއް ކިޔަމުންދާނީ. ދެން އޭގެ އިން ދާނީ ލަވައެއް ގެތެމުން އެންމެފަހުން،" އީމާން ކިޔައިދިނެވެ. "މިސާލަކަށް މޮހޮރު ލަވަ އުފެދުނީ ވަރަށް ސިޔާސީ ހަލަބޮލި ދުވަސްވަރެއްގައި. އެއީ ޒުވާނުންނާއި ޖަސްޓިސް ސިސްޓަމާއި ސިޔާސީ ކުލަތައް ގުޅުވައިގެން ހެދި ލަވައެއް. ސިޔާސީ ގޮތުން ވަކި ފިކުރެއް ނޫން."

"އެކަމަކު ލިރިކްސް އަށް ބަލަންޏާމު އެންމެ ހިތްހަމަޖެހޭ ލަވަ އަކީ މޮހޮރު،" އީމާން ބުންޏެވެ.

އަލްބަމްގައި ހިމެނޭ ލަވަތަކުގެ ތެރެއިން އޭނާ އަށް އެންމެ ކަމުދާ ލަވަ އަކީ "ގިލިގިލި" އެވެ. މިއީ އަނެއްކާވެސް އޭނާގެ "އިންސްޓެންޓް-ލަވަ" އެކެވެ.

"އެ ލަވަ އުފެދުނީ އަލްބަމްގެ އެހެން ލަވައެއް ކަމަށްވާ 88 ލިޔަން ތިއްބައި. ދަންވަރުގެ ވަގުތެއްގައި. އެ ލަވަ ކޮންމެ ވެސް ވަރަކަށް ނިންމާލާފައި، ނިދަން ގެއަށް ދާން އުޅެނިކޮށް ގިޓަރިސްޓް އަޔާ ކުޅެނީ ވަރަށް އަވަސް ރިފެއް،" އީމާން ކިޔައިދިނެވެ. "ދެން އައި ހިޔާލަކީ "ގިލިގިލި" ލަވަ. ދެން އަވަގުތު ހިތަށް އެރިހާ އެއްޗެހިތަކެއް އެއްކޮށްގެން އެ ތަނުން އެތަނަށް އެ ލަވަ ނިންމާލީ. ބައިގަޑިއެއްހާއިރުވީ. މުޅި ލަވަ ދެ ގަޑިއިރު ތެރޭގައި ނިމިއްޖެ."

އީމާން ބުނީ މި އަލްބަމަކީ ބޭންޑްގެ އެންމެން އެކަތިގަނޑަކަށް ވެގެން ނެރެފައިވާ މަސައްކަތެއް ކަމަށެވެ. އަދި އޭނާގެ މަންމަ އަކީ އޭނާގެ ލަވަތަކުގެ އެންމެ ބޮޑު އިންސްޕިރޭޝަން ކަމަށެވެ. އެގޮތުން މަންމަ އަށް ދީފައިވާ ނުސީދާ ޓްރިބިއުޓެއް ވެސް އަލްބަމުގައި ހިމެނެ އެވެ. އެއީ "އަނގައިން ޗޯ" ނަމަކަށް ކިޔާ ލަވައެކެވެ. މިއީ މަންމަ ގާތުން އޭނާ އަށް ދަސްވި ބޯދާ މިސާލު ބަސްތަކަކުން ގަތާލާފައިވާ ލަވައެކެވެ.

"މި ލަވަ އަށް ނަން ދީފައި މި ވަނީ ވަރަށް ކުޑައިރު މަންމަމެންގެ ފަރާތުން ދަސްވި ކަމެއްގެ އަސްލަށް. އޭރު މަންމަމެން ކިޔާ އަޑު އިވެނީ އަނގައިން ޗޯ، ބަހުން މެޓާ، ސޮނި ސުފުރާ. އެހެން ކިޔަނީ ކަމެއްގައި ބަހެއްގައި އެއްގޮތަކަށް ވެސް އަނގައިން ނާރާ މީހުންނާ ދިމާލަށް،" އީމާން ބުންޏެވެ. “އެއީ ވެސް ވަރަށް ކުރިން މަންމަމެން މާމަމެންގެ ތެރޭގައި އުޅެ ދަސްވެފައި ހުންނަ އެއްޗެހި. މަންމަގެ އިންފްލުއެންސް ވަރަށް ބޮޑުވާނެ އަނގައިން ޗޯ ލަވައިގަ."

އީމާންގެ ލަވަތަކަކީ މަޝްހޫރުކަމާ އެއް ވަރަށް މައްސަލަ ވެސް ބޮޑު ލަވަތަކެކެވެ. ބައެއް އެހުންތެރިންގެ މެދުގައި ހިޔާލުތަފާތުވެފައިވާ ލަވަ އޭނާ ލިޔެފައި އެބަހުއްޓެވެ. އޭނާގެ ގިނަ ލަވަތަކެއްގައި އަންހެނުންނަށް ފާޑުކިޔުމަކީ ބައެއް މީހުންނަށް އެހާ ކަމުދާ ކަމެއް ނޫނެވެ. މިސާލަކަށް އަލްބަމުގައި ހިމެނޭ ލަވަ "ރިޒްނާ" އާއި "ޕަޓަ" އާއި "ބިޓު ކެޓީ" ކަހަލަ ލަވަތެކެވެ. މިއީ ސަމާސާ ރާގުގައި އަންހެން ކުދިންނަށް ފާޑުކިޔާފައިވާ ލަވަތަކެވެ. މި ލަވަތަކާ މެދު ހިތްހަމަނުޖެހޭ މީހުންނަށް އީމާން ދޭން އޮތީ މި ޖަވާބެވެ.

"ލަވަތަކާ މެދު ބޭނުންވާ ގޮތެއް ނިންމަން އަޅުގަނޑު ދޫކޮށްލާނީ އެހުންތެރިންނަށް. އެއް ބަޔަކަށް ލިރިކްސް ކޫލްވާނެ، އަނެއް ބަޔަކަށް އޭތި ވަރަށް ހަޑިވާނެ. ދެން ތިބޭނީ އެ ލަވައެއް އަޑުއިވިގެން ވަރަށް ބޮޑަށް ކަޑަވާ ބައެއް،" އީމާން ބުންޏެވެ.

އޭނާ ބުނީ އޭނާ ކިޔައި ދެނީ މުޖުތަމައުގެ ވާހަކަ އާއި މުޖުތަމައުގައި ދިރިއުޅޭ އެކި ވައްތަރުގެ މީހުންގެ ވާހަކަ ކަމަށެވެ. އަދި އެ ލަވަތަކަކީ އެއްގޮތަކަށް އީމާން ވަކި ބަޔަކާ މެދު ދެކޭ ގޮތެއް ނުވަތަ ގަބޫލުކުރާ ގޮތެއް ވެސް ނޫން ކަމަށެވެ.