ކުޅިވަރު

ބޮޑެތި ޓީމުތައް ޖަވާބު ދިނީ ދޭކުން، ލިވަޕޫލަށް އާ އަހަރު ފެށިއްޖެ

Feb 12, 2017

އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ ކުޅުނު މެޗުތަކުގައި، ބޮޑެތި ޓީމުތައް 2-0 ގެ ނަތީޖާ އަކުން މޮޅުވި ބުރުގައި، ލީގްގައި މިއަހަރު ފުރަތަމަ ފަހަރަށް ލިވަޕޫލް މޮޅު ވެއްޖެ އެވެ.

ތާވަލުގެ ދެ ވަނައިގައި އޮތް ޓޮޓަންހަމްހޮސްޕާ އަތުން ލިވަޕޫލް ވެސް މޮޅުވީ 2-0 ން ނެވެ. މިއީ ލިވަޕޫލްގެ މިއަހަރުގެ ދެ ވަނަ މޮޅެވެ. ފުރަތަމަ މޮޅަކީ، އެފްއޭ ކަޕްގައި ޕްލޭމައުތު އަތުން މޮޅުވި މެޗެވެ.

ފުރަތަމަ ހާފުގެ ކުރީ ކޮޅު އެ ޓީމުގެ ދެ ލަނޑު ވެސް ކާމިޔާބު ކުރީ ސެޑިއޯ މާނޭ އެވެ. ފުރަތަމަ ލަނޑު 17 ވަނަ މިނެޓްގައި ކާމިޔާބު ކުރިއރު ދެ ވަނަ ލަނޑު ކާމިޔާބު ކުރީ އޭގެ ދެ މިނެޓް ފަހުން ނެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗް ޔާގޮން ކްލޮޕް ބުނީ ލިވަޕޫލަށް އަދި 2017 ވަނަ އަހަރު ފެށުނީ ކަމަށެވެ.

"ހިޔާލަށް ގެނެވިދާނެ އަހަރެމެން މިއޮތް ހާލަތާ މެދު އަހަރެން ޝައުގުވެރި އެއް ނުވޭ، ނަމަވެސް އަހަރެމެން މިވަނީ 2017 ފަށާފަ، އަހަރެމެން ނުޖެހޭ މުޅި ސީޒަންގެ ވާހަކަ ދައްކާކަށް، ފިޔަވަޅަކަށް ފަހު ފިޔވަޅަކުން ކުރިއަށް ދަމާ ހިނގާ، ކޮންމެވެސް މީހަކު އެމީހުން އަތުލަން އުޅެފިއްޔާ ޗެލްސީ އަތު ލެވޭނެ އަތު ނުލެވޭ ފޯމެއްގަ އެއް ނޫން އެ ޓީމު އޮތީކީ، އަހަރެމެންނަކަށް ނޭންގެ އަހަރެމެން އެހިސާބަށް ދެވޭނެ ކަމެއް، އަހަރެމެން މަސައްކަތް ކުރާނީ ވީހާވެސް ގިނަ ޕޮއިންޓް ހޯދަން،" ކްލޮޕް ބުންޏެވެ.

އެ މެޗުން ވީ ބައްޔާއެކު، މިސީޒަންގައި ރަށުން ބޭރުގައި ޓޮޓަންހަމް އަށް ބޮޑު ޓީމެއް އަތުން މޮޅު ވެވިފައެއް ނުވެއެވެ.

ލިވަޕޫލް މޮޅުވުމުގެ ކުރިން، ގަޑިއެއްހާއިރަށް ތާވާލުގެ ފަސް ވަނަ އަށް އެރި މެންޗެސްޓާ ޔުނައިޓަޑް ވެސް މޮޅުވީ 2-0 ގެ ނަތީޖާ އަކުން ނެވެ. އެ އެ ޓީމު މޮޅު ކޮށްދިނީ، ޕާފޯމަންސާ މެދު ސުވާލު އުފައްދައި، ފާޑު ކިޔުންތައް އަމާޒު ވެފައިވާ، އެންތޮނީ މާޝިއަލް އެވެ.

ޔުނައިޓާޑްގެ ފުރަތަމަ ލަނޑު ހުއާން މާޓާ ކާމިޔާބު ކުރީ މާޝިއަލް ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. އަދި އެ ޓީމުގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ މާޝީއަލް އެވެ.

އާސެނަލް ވެސް ހަލް ސިޓީ އަތުން މޮޅުވީ 2-0 ން ނެވެ. އެ ޓީމުގެ ދެ ލަނޑުވެސް ކާމިޔާބު ކުރީ އެލެކްސިސް ސަންޗޭޒް އެވެ. ދެ ވަނަ ލަނޑު ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީ އަކުން ނެވެ.