ޑިޕޯޓިވޯ އަލްވޭސްއާ ދެކޮޅަށް 6-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުން މޮޅުވި މެޗުގައި ބްރެޒިލްގެ ކުރީގެ ކުޅުންތެރިޔާ، ރޮނަލްޑީނިއޯ، ބާސެލޯނާ ގައި ޖެހި 94 ލަނޑުގެ ރެކޯޑް އެ ގައުމުގެ ނޭމާ މުގުރާލައިފި އެވެ.
ރޮނާލްޑީނިއޯ އަށް ވުރެ އިތުރަށް އެއް ގޯލް ޖައި 95 ލަނޑު ހަމަކޮށްގެން މިހާރު ބާސެލޯނާގައި ބްރެޒިލް ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް އޮތީ ނޭމާ އަތުގަ އެވެ.
ނޭމާ 95 ލަނޑު ޖެހީ 169 މެޗުގަ އެވެ. ފަސް އަހަރު ވަންދެން ބާސާ އަށް ކުޅުނު ރޮނާލްޑީނިއޯ އަށް 94 ލަނޑު ޖެހުނީ، 207 މެޗުން ނެވެ.
ރޭގެ މެޗުގައި ބާސާގެ ހަ ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ ލުއިސް ސުއަރޭޒް އެވެ. ނޭމާގެ އިތުރުން ދެން ލަނޑު ޖެހީ އީވާން ރެކިޓިޗާއި ލިއޮނަލް މެސީ އެވެ. އަދި އަނެއް ލަނޑަކީ، އަލްވޭސްގެ ޑިފެންޑަރު އެލްކްސިސް ރުއަނޯ އަތުން ބައިކޮޅަށް ވަން ލަނޑެ ކެވެ.
ރޭ އޮސަސޫނާ އާ ދެކޮޅަށް ކުޅުނު މެޗު 3-1 އިން ކަމިޔާބު ކޮށް ރެއާލް މެޑްރިޑް ވަނީ އެ ޓީމުން އެއް ވަނައިގައި ދަމަހައްޓަމުން އަންނަ ލީޑް ދިފާއު ކޮށްފަ އެވެ.
ރޭގެ މެޗުގައި ރެއާލްގެ ފުރަތަމަ ލަނޑު ކަމިޔާބު ކުރީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އެ މެޗަކީ މި ސީޒަންގައި ޖެހިޖެހިގެން ތިން މެޗުގައި ރޮނާލްޑޯ ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.
ލަނޑު ޖެހުމުގެ މައްސަލަ ކުރިމަތިވެފައިވާ، ރޮނާލްޑޯ އޮތީ ލަނޑު ލިސްޓްގައި ބާސާގެ ސުއަރޭޒް އާއި ލިއޮނަލް މެސީގެ ފަހަތުން ތިން ވަނައިގަ އެވެ.
ރެއަލްގެ ދެ ވަނަ ލަނޑު ކަމިޔާބު ކުރީ އިސްކޯ އެވެ. ތިން ވަނަ ލަނޑު ކާމިޔާބު ކުރީ ލޫކަސް ވަޒްކޭޒް އެވެ.
އޮސަސޫނާގެ ހަމަ އެކަނި ލަނޑު ކާމިޔާބު ކުރީ، ސާޖިއޯ ލިއޯން އެވެ. ދެ މެޗު މަދުން ކުޅެ ރެއާލް ތާވަލުގެ އެއް ވަނައިގައި އޮތީ، 49 ޕޮއިންޓާ އެކު އެވެ. ބާސާ ދެ ވަނައިގައި އޮތީ 48 ޕޮއިންޓާ އެކު އެވެ.