ކުޅިވަރު

ބާސާގެ ވިޑާލް އަށް ބޮޑު އަނިޔާއެއް

Feb 12, 2017

ސްޕެނިޝް ލީގްގައި ރޭ ޑިޕޯޓީވޯ އަލްވޭސްއާ ދެކޮޅަށް ކުޅުނު މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް، ބާސާގެ ކަނާތު ބެކް، އެލްކްސް ވިޑާލްގެ ކަނާތު ފައިގެ ކުޑަ ހުޅަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާ އަށް ސީޒަން ގެ ބާކީ ބައި ނުކުޅެވޭނެ ކަން ކަށަވަރު ވެއްޖެ އެވެ.

އޭނާގެ ފައިގެ ކުޑަ ހުޅަށް އަނިޔާވީ، އަލްވޭސްގެ ތިއޯ ހެނާންޑޭޒް އާ، ދެ ކުޅުންތެރިން އެއްފަހަރާ ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ތިއޯ އާއި ކްލޭޝް ވެގެން ނެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި ކުޑަ ހުޅާ ދިމާލުން ވިޑާލްގެ ފައިގައި ކުޑަ ލެނބުމެއް ހުއްޓެވެ.

ވަގުތުން އޭނާ އަށް ފަރުވާ ދޭން ގެންދިޔައީ ހޮސްޕިޓަލަށެވެ. ޑޮކްޓަރުގެ ޓެސްޓް ތަކުން އެނގޭ ގޮތުގައި، ކަށިގަނޑުގެ އެއްވެސް ހިސާބެއް ބިންދައިގެން ގޮސްފަ އެއް ނުވެ އެވެ.

މެޗުގައި ކުޅުނު ބާސެލޯނާގެ މިޑްފިލްޑާ އީވާން ރެކިޓިޗް ބުނީ، ވިޑާލް އަށް ލިބުނު އަނިޔާ ފެނިފައި ވަރަށް ބިރުގަތް ކަމަށާއި އަނިޔާވި ތަން ބަލަން އުނދަގޫވި ކަމަށެވެ.

"މެޗު ދިޔައީ ވަރަށް ރަނގަޅަށް ނަމަވެސް ވިޑާލް އަށް ވީ ގޮތުން ވަރަށް އުނދަގޫވި، އަހަރެން ހުރީ އޭނާ އާ ޖެހިގެން، އަހަންނަށް އެތަން ބަލަން ވެސް އުނދަގޫވި، ފުރަތަމަ އަހަރެން ގަތީ ބިރު، އަހަރެން އުންމިދު ކުރަނީ އޭނާ ރަނގަޅު ވެގެން އެނބުރި އަންނާނެ ކަމަށް،" ރެކިޓިޗް ބުންޏެވެ.

މެޗަށް ފަހަު ވާހަކަ ދައްކަމުން ބާސެލޯނާގެ ކޯޗް ލުއިސް އެންރީކޭ ބުނީ، ވިޑާލް އަށް ލިބުނު އަނިޔާ އެހާ ސީރިއަސް ވާނެ ކަމަށް އޭނާ ހީ ނުކުރާ ކަމަށާއި ނަމަވެސް އޭނާ އަށް ލިބުނު އަނިޔާ ސީރިއަސް ކަމަށެވެ.