ކުޅިވަރު

ބޯންމައުތު ބަލިކޮށް ސިޓީ ދެވަނަ އަށް

Feb 14, 2017

ބޯންމައުތުގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، މެންޗެސްޓާ ސިޓީ އިނގިރޭސި ޕްރިމިއާ ލީގްގެ ތާވަލުގެ ދެ ވަނަ އަށް ޖެހި ލައިފި އެވެ.

މެޗުން މޮޅުވުމުގެ ކުރިން ތާވަލުގެ ފަސް ވަނައިގައި އޮތް ސިޓީ ދެ ވަނަ އަށް އެރީ، ރޭ ކުޅުނު މެޗުން މޮޅުވުމުން ލިބުނު ތިން ޕޮއިންޓާއެކު ޖުމުލަ 52 ޕޮއިންޓް ހަމަ ކޮށްގެން ނެވެ.

އެ ޓީމާ ތާވަލުގެ އެއް ވަނައިގައި އޮތް ޗެލްސީ އާ ދެމެދު ހުރީ އަށް ޕޮއިންޓް ގެ ފަރަގެކެވެ. އެންމެ ފަހުން ބާންލީ އާ ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ މޮޅު ވި ނަމަ، އެ ޓީމަށް، މިހާރު ތާވަލުގައި 10 ޕޮއިންޓްގެ ލީޑެއް އޮތީހެވެ.

ބޯންމައުތުގެ ދަނޑުގައި ކުޅުނު މެޗުގައި، މެންޗެސްޓާ ސިޓީގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ރަހީމް ސްޓާލިން އެވެ.

ދެ ވަނަ ލަނޑު ކާމިޔާބު ކުރީ، މެޗުގެ ކުރީ ކޮޅު ސިޓީގެ އިތުބާރު ފޯވަޑް ގެބްރިއަލް ޖީސުސް އަށް ލިބުނު އަނިޔާ އެއްގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި ސާޖިއޯ އަގުއޭރޯ އެވެ. ނަމަވެސް، އޭނާ ފޮނުވާލި ބޯޅަ ގޯލް ތެރެއަށް ވަނީ ސިޓީގެ ޑިފެންޑަރު ޓައިރޯން މިންގްސް ފައިގައި ޖެހިފައި ކަމުން، އެ ގޯލް ލިސްޓް ކޮށްފައި ވަނީ މިންގްސް އަތުން ބައިކޮޅަށް ވަން ލަނޑެއްގެ ގޮތުގަ އެވެ.

މެޗުގައި ބޯންމައުތުގެ ޖޯޝުއާ ކިންގް ވެސް ވަނީ ލަނޑެއް ކާމިޔާބު ކޮށްފަ އެވެ. ނަމަވެސް އޭނާ ބޯޅަ ފޮނުވާލިރު އޮފްސައިޑް ޕޮޒިޝަންގައި ހުރުމުން ކަމަށް ބުނެ، ރެފްރީ ނިންމީ އެއީ ލަނޑެއް ނޫން ކަމަށެވެ. ނަމަވެސް، ރިޕްލޭން ފެންނަ ގޮތުގައި، ކިންގް އޮފް ސައިޑެއް ނޫނެވެ.