ކުޅިވަރު

ބާސާ އާއި ޕީއެސްޖީ: ރޮނާލްޑީނިއޯ ވަކި ޓީމެއް ނުނަގާނެ

ޔޫއެފްއާ ޗެމްޕިއަންސް ލީގުގައި މިރޭ ބާސެލޯނާ އާއި ޕީއެސްޖީ ބައްދަލު ކުރާ މެޗުގައި، ވަކި ޓީމަކަށް ސަޕޯޓް ނުކުރާނެ ކަމަށް ބާސާގެ އެމްބަސެޑާ ރޮނާލްޑީނިއޯ ބުނެފި އެވެ.

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ދެ ފަހަރެއްގެ މަތިން ހޯދާފައިވާ ބްރެޒިލްގެ ތަރި ވަނީ، ބާސާގެ އިތުރުން ޕީއެސްޖީ އަށް ވެސް ކުޅެފަ އެވެ.

"އެ ދެ ޓީމުގެ ތެރެއިން އެއްވެސް ޓީމެއް އަހަރެން އިހްތިޔާރު ނުކުރާނަން، އެ ދެ ކުލަބަކީވެސް އަހަރެންގެ ހިތުގައިވާ ދެ ކުލަބު، އަހަންނަށް ވަރަށް އުނދަގޫ ކަމެއް އޭގެ ތެރެއިން ވަކި ޓީމެއް ނެގުން، އަހަރެން ބޭނުން ދެ ޓީމަށްވެސް ރަނގަޅު ގޮތް ވާން،" ގޯލްޑޮޓްކޮމް އަށް ދިން އިންޓަވިއުގައި ރޮނާލްޑީނިއޯ ބުންޏެވެ.

"ފުޓްބޯޅައިގައި ކޮންމެ ކަމެއްވެސް ވެދާނެ، އެ ދެ ޓީމަކީވެސް ވަރުގަދަ ދެ ޓީމު ދެ ޓީމުގައިވެސް ދުނިޔޭގެ ފެންވަރުގެ މޮޅު ކުޅުންތެރިން އެބަތިބި."

ރޮނާލްޑީނިއޯ ބުނީ ބޮޑު ޓީމު ބަލި ކުރުމަށް ޓަކައި، ކުޑަ ޓީމެއްގެ ކުޅުމުގެ ސްޓައިލް ކޮންމެހެން ބަދަލު ކުރަން ނުޖެހޭ ކަމަށެވެ.

"އަހަންނަށް ފުޓްބޯޅަ ފެންނަފެނުމުގައި، ކުޅެންވީ އަބަދުވެސް ކުޅޭ ގޮތަށް، ކޮންމެހެން ވަކި ޓީމަކާ ދެކޮޅަށް ކުޅެން ޖެހޭތީ ނުޖެހޭ ވަކި ސްޓައިލަކަށް ފުޓްބޯޅަ ކުޅޭކަށް،" ރޮނާލްޑީނިއޯ ބުންޏެވެ.