ކުޅިވަރު

ބާސާ އަށް ޝޮކެއް، ދެރަ ދިނީ ރެއާލްގެ ކުރީގެ ކުޅުންތެރިއެއް

Feb 15, 2017

ރެއާލް މެޑްރިޑްގެ ކުރީގެ އެޓޭކިން މިޑްފިލްޑާ، އެންހެލް ޑީމަރިއާ ކާމިޔާބު ކުރި ދެ ލަނޑާއެކު، ޕީއެސްޖީ އަތުން 4-0 ގެ ނަތީޖާ އަކުން ބަލިވެ ސްޕެއިންގެ ބާސެލޯނާ ޝޮކެއްގެ ތެރެއަށް ވެއްޓިއްޖެ އެވެ.

އެ ނަތީޖާއިން ޕީއެސްޖީ އަތުން ބަލިވުމުން، މިއީ ޔޫރަޕްގެ ފުޓްބޯޅަ މުބާރާތެއްގައި، 4-0 ން ބާސެލޯނާ ބަލިވި ހަތަރު ވަނަ ފަހަރެވެ.

ނަވާރަސްތޭކަ ނުވަދިހަ ހަތަރު ވަނަ އަހަރު، ގްރީސްގައި އެތެންސްގައި ކުޅުނު ޗެމްޕިއަންސް ލީގްގެ ފައިނަލުގައި އިޓަލީގެ އޭސީ މިލާން އަތުން ބާސާ ބަލިވީ ހަމަ އެ ނަތީޖާއިން ނެވެ.

ނަވަރަސްތޭކަ ނުވަދިހަ ހަތް ވަނަ އަހަރު ޔޫކްރޭންގެ ޝަހްތާރު ޑޮނެސްކް އަތުންވެސް މި ނަތީޖާއިން ވަނީ ބަލިވެފަ އެވެ. ދެހާސް ތޭރަ ވަނަ އަހަރު ބަޔާން މިޔުނިކް އަތުންވެސް މިނަތީޖާއިން ބަލިވި އެވެ.

ރޭގެ މެޗުގައި، ޕީއެސްޖީގެ ފުރަތަމަ ލަނޑު 18 ވަނަ މިނެޓްގައި ޑީމާރިއާ ކާމިޔާބު ކުރީ، ހިތްގައިމު ހިލޭ ޖެހުމަކުން ނެވެ.

ދެ ވަނަ ލަނޑު 40 ވަނަ މިނެޓްގައި ކާމިޔަބު ކުރީ ހޫލިއަން ޑްރެކްސްލާ އެވެ. ތިން ވަނަ ލަނޑު ވެސް، ޑީމާރީއާ ކާމިޔާބު ކުރީ ބާސާގެ ޕެނަލްޓީ އޭރިއާ ބޭރުން ނެވެ.

ހަތަރު ވަނަ ލަނޑު 71 ވަނަ މިނެޓްގައި ކާމިޔަބު ކުރީ، އެޑިންސަން ކަވާނީ އެވެ.

ރޭ ޕޯޗްގަލްގެ ބެންފީކާ އަތުން ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމަންޑް ވަނީ ބަލިވެފަ އެވެ. މެޗުގެ ހަމަ އެކަނި ލަނޑު ބެންފީކާ އަށް ކާމިޔާބު ކޮށްދިނީ، ކޮންސްޓެންޓާނިސް މިޓްރޮގުލޫ އެވެ.