ކުޅިވަރު

ސީޒަން ހުޅުވާ މެޗު މާދަމާ ހަވީރަށް އަވަސް ކޮށްފި

Feb 15, 2017

މިއަހަރު ފުޓްބޯޅަ ސީޒަން ހުޅުވުމަށް، މާޒިޔާ އާއި ވެލެންސިއާ ކުޅޭ ޗެރިޓީ ޝީލްޑް މެޗު މާދަމާ ހަވީރަށް އަވަސް ކޮށްފި އެވެ.

ކުރިން މެޗު ކުޅޭ ގޮތަށް އޮތީ މާދަމާ ރޭ އެވެ.

މެޗު އަވަސް ކުރަން ނިންމިކަން، މެޗު ކުޅޭ ދެ ޓީމަށް އެފްއޭއެމުން އެންގީ އިއްޔެ މެންދުރު ފަހު އެވެ.

ޗެރިޓީ ޝީލްޑް މެޗްގެ، ޗެރިޓީ ފައިސާގެ ދިނުމުގެ އުސޫލަށް އެފްއޭއެމުން ވަނީ، މިއަހަރު ބަދަލު ގެނެސްފަ އެވެ. ކުރިން އޮންނަ ގޮތުން ނަމަ ޗެރިޓީ ޝީލްޑު މެޗުން މޮޅުވުމުން ލިބޭ އެއް ލައްކަ ރުފިޔާގެ ތެރެއިން، ޗެރިޓީގެ ގޮތުގައި ހޭދަ ކުރަން ޖެހޭނީ ފައިސާގެ ވަކި ޕަސަންޓެކެވެ.

ނަމަވެސް މިފަހަރު އެފްއޭއެމުން ވަނީ، އެއްލައްކަ ރުފިޔާވެސް ޗެރިޓީގެ ގޮތުގައި ހޭދަ ކުރަން ނިންމާފަ އެވެ. އަދި އެ ފައިސާ ބެހިގެން ދާނީ ތިން އެންޖީއޯ އަކަށެވެ.

އެއީ އެފްއޭއެމުން ހުށަހަޅާ އެންޖީއޯ އަކާ އާއި ވާދަ ކުރާ ދެ ކުލަބުގެ ތެރެއިން ކޮންމެ ކުލަބަކުން ހުށަހަޅާ ދެ އެންޖީއޯ އެވެ. އެފްއޭއެމުން ހުށަހަޅާފައި ވަނީ، ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާ 'އާކް" އެވެ.

މާޒިޔާ ހުށަހަޅާފައި ވަނީ، އޯޓިސަމް އެސޯސިއޭޝަނާއި، ކުޑަކުދިންގެ ހިޔާ އެވެ.

ވެލެންސިއާ ހުށަހަޅާފައި ވަނީ، ޓައިނީ ހާޓްސް މޯލްޑިވްސް އާއި ބިއުޓިފުލް އައިސް ޑައުން ސިންޑްރޯމް އެސޯސިއޭޝަނެވެ.

ޗެރިޓީ ޝީލްޑް މެޗު ވޭތުވެދިޔަ ދެ އަހަރު ކާމިޔާބު ކުރީ، މާޒިޔާ އެވެ.

ޗެރިޓީ ޝީލްޑް މެޗަށް ފަހު، ވެލެންސިއާ އަށް އޮތީ، އޭއެފްސީ ކަޕް ޕްލޭއޮފް މެޗުގައި މި އަންނަ އަންގާރަ ދުވަހު، މޯހާންބަގާން އާ ދެކޮޅަށް މާލޭގައި ކުޅޭ މެޗެވެ.

މިއަހަރު ފުޓްބޯޅަ ސީސަނުގެ އެންމެ ފުރަތަމަ މުބާރާތަކީ މާލޭ ލީގެވެ. މާލޭ ލީގު ފެށޭނީ މި މަހުގެ 24 ވަނަ ދުވަހު އެވެ. މާލޭ ލިގު ފުރަތަމަ މެޗު ގައި ބައްދަލު ކުރާނީ މާޒިޔާ އާއި އީގަލްސް އެވެ،