ހަބަރު

ގާންދީގެ ގާތިލަށް ބީޖޭޕީގެ މަޖިލިސް މެންބަރަކު ތައުރީފުކޮށްފި

އިންޑިއާގެ މިނިވަންކަމުގެ ބާނީ މަހާތަމާ ގާންދީގެ ގާތިލަކީ ވަތަނީ ރޫހު ހުރި މީހެއް ކަމަށް ބުނެ ގާތިލަށް "ތައުރީފުކުރި" ވެރިކަންކުރާ ޕާޓީގެ މެންބަރަކު މާފަށް އެދިވަޑައިގެންފި އެވެ.

ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށް ނިސްބަތްވާ ވަޒީރުންނާއި މަޖިލިސް މެންބަރުންގެ ފަރާތުން މިފަދަ ލަދުވެތި ބަސްތައް އިވުން އާންމުވެފައި ވަނިކޮށް އެ ލިސްޓަށް މިފަހަރު އިތުރުވެފައި ވަނީ ސަކްޝީ މަހާރާޖް އެވެ. އޭނާ މައާފަށް އެދިވަޑައިގެން އިރު، އިދިކޮޅު ކޮންގްރެސް ޕާޓީ އަށް ނިސްބަތްކޮށް ވަރުގަދަ ހަމަލާތަކެއް ދެއްވުމުން މައްސަލަ ވަނީ އިތުރަށް ހޫނުވެފަ އެވެ. އަދި ބީޖޭޕީގެ މެންބަރަކު މިދިޔަ މަހު ވަނީ ހިންދީން ނޫން މީހުންނަށް ނިސްބަތްވާ ގޮތަށް ހުތުރު ބަހުން މުހާތަބު ވެސް ކޮށްފަ އެވެ.

ބީޖޭޕީ އަކީ ހިންދީ ހަރުކަށި ވިސްނުމަށް ތާއީދުކުރާ ވަތަނީ ޕާޓީއެއް ކަމަށް ވާއިރު ގާންދީ އަވަހާރަކޮށްލާފައި ވަނީ ހަރުކަށި ހިންދީއަކު ދިން ހަމަލާއެއްގައި 1948 ވަނަ އަހަރު އެވެ. އެ އަމަލު ހިންގި މީހާ އަށް ވަނީ މަރުގެ އަދަބު ދީފަ އެވެ. ސަކްޝީ މަހާރާޖް ބުރާސްފަތި ދުވަހު ބުނެފައި ވަނީ ގާންދީގެ ގާތިލާ މެދު އަމަލުކޮށްފައި ވަނީ އިންސާފުވެރިކޮށް ނޫން ކަމަށެވެ.

"...އޭނާ އެ ކުރި ކަމަކީ ނޭނގުމެއްގެ ތެރޭގައި ހެދުނު ގޯހަކަށް ވެދާނެ. އެކަަމަކު އޭނާ އަކީ ގައުމިއްޔަތާ ދެކޮޅު މީހެއް ނޫން. އެއީ ވަތަނީ ރޫހު ހުރި މީހެއް،" މަހާރާޖް ވިދާޅުވި އެވެ.

މި ވާހަކަތަކާ އެކު މަޖިލިސް ތެރޭ ބުރާސްފަތި ދުވަހު ވަނީ ގާންދީގެ ގާތިލަށް ތައުރީފުކޮށް މޮޅު މީހަކަށް ހަދާފައިވާ ކަމަށް ބުނެ އިދިކޮޅު މެންބަރުން އަޑުގަދަކޮށްފަ އެވެ. އެކި ފަރާތްތަކުން ކުރިމަތިވި ފާޑުކިޔުންތަކާ އެކު މަހާރާޖް މަޖިލީހުގެ ތިރި ގޭގައި އިއްޔެ ވިދާޅުވީ ގާންދީ އަށް އިހްތިރާމް ކުރައްވާ ކަމަށާއި ދެއްކެވި ވާހަކަ އަނބުރާ ގެންދަވާ ކަމަށެވެ. ނަމަވެސް ވިދާޅުވީ ސިކުންނާ ދެކޮޅަށް 1948 ގައި ހިންގި ހަމަނުޖެހުންތަކާ އެކު ކޮންގްރެސް ޕާޓީން ވަނީ ގާންދީގެ ފިކުރު ކަފުންކޮށްފައި ކަމަށެވެ. މި ހަމަނުޖެހުމުގެ މޭސްތިރިންނަކީ އޭރު ކޮންގްރެސްގެ ވެރިކަން ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. އެހެންވެ ގާންދީއާ ބެހޭ ގޮތުން ދެއްކެވި ވާހަކަ އަށް މައާފަށް އެދިވަޑައިގެން ނަމަވެސް މާފު ނުކުރާނެ ކަމަށް މަޖިލިސް ތެރޭ މެންބަރުން ގޮވަމުން ދިޔަ އެވެ.

ސިޔާސީ ފަރާތްތަކުގެ އިތުރުން އިންޑިއާގެ އާންމުން ވެސް ސޯޝަލް މީޑިއާގައި ދަނީ މަހާރާޖްގެ ވާހަކަ އަށް ފާޑު ކިޔަމުންނެވެ. – ބީބީސީ