ރާއްޖެ ކުޅިވަރު

ޝިފާޒާއި ޕެޓްރީޝިއާ ރެޑްބުލް ރޭސް ކާމިޔާބުކޮށްފި

ރެޑްބުލް އިން އިންތިޒާމްކޮށްގެން ބޭއްވި "ރެޑްބުލް ކެޗް ދަ ފެރީ" ރޯޑް ރޭހުގެ ފިރިހެން ކެޓަގަރީގެ ޗެމްޕިއަންކަން ގައުމީ ފެންވަރުގެ ދުުވުންތެރިޔާ ޝިފާޒް މުހައްމަދު އަދި އަންހެން ކެޓަަރީގެ ޗެމްޕިއަންކަން މިދިޔަ އަހަރު ވެސް މި މުބާރާތް ކާމިޔާބުކުރި ސްރީލަންކާގެ ޕެޓްރީޝިއާ ގޯމޭޒް މިއަދު ހޯދައިފި އެވެ.

މާލެ އާއި ވިލިނގިލި އަދި ހުޅުމާލެ ވަށައި ދުވަންޖެހޭ މި ރޭހުގެ ޗެމްޕިއަކަން ހޯދުމާއެކު، ޝިފާޒާއި ޕެޓްރީޝިއާ އަށް ވަނީ މޭ މަހު ދުބާއީގައި އޮންނަ ވިންގް ފޯ ލައިފް - ވޯލްޑް ރަންގައި ބައިވެރިވުމުގެ ފުރުސަތު ލިބިފަ އެވެ. . މިއީ ސްޕައިނަލް ކޯޑް އަށް ލިބޭ އަނިޔާތަކާ މެދު ހޭލުންތެރިކުރުވުމަށް ވިންގްސް ފޯ ލައިފް އިން އިންތިޒާމްކޮށްގެން މިދިޔަ އަހަރު ބާއްވަން ފެށި ދުވުމެކެވެ. މިދިޔަ އަހަރު މި ދުވުމަށް ބޮޑު ތަރުހީބެއް ލިބުނެވެ. މި ދުވުމުން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާކުރަނީ ޗެރިޓީއަށެވެ.

"ވަރަށް ބޮޑު ފަހުރެއް މި ލިބުނީ،" އޭޝިއަން ގޭމްސް އާއި ވޯލްޑް ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލްކޮށްފައިވާ ޝިފާޒް ބުންޏެވެ. "އެ ރޭސް (ވިންގްސް ފޯ ލައިފް - ވޯލްޑް ރަން) ގައި ވާދަކޮށްލުމުގެ ފުުރުސަތު ލިބުނީމަ ވަރަށް އުފާވެއްޖެ."

ޝިފާޒް ބުނީ މި މުބާރާތަށް ހާއްސަކޮށް ތަމްރީނުތަކެއް ނުހެދި ނަމަވެސް، މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އަޒުމު އޮތް ކަމަށެވެ.

"މި މުބާރާތަށް ވަކިން ތައްޔާރެއް ނުވަން. އަބަދު ވެސް ޓްރެއިނިން ހަދަމުން މި ދަނީ އެހެންވީމަ ވަކިން މި މުބާރާތަކަށް ނުހަދަން. އެކަމަކު މި މުބާރާތް އޮތްކަން އެނގުމާއެކު، ވަރަށް ބޮޑަށް މި މުބާރާތަށް ވިސްނިން،"

ރާޅުގަނޑު ސަރަހައްދުން މިއަދު ހެނދުނު ފެށި ރޭހުގެ ފިރިހެން ކެޓަގަރީގެ ދެވަނަ ހޯދީ މުހައްމަދު ނާޖިހެވެ. ތިން ވަނަ އަށް ދިޔައީ މުހައްމަދު ރަޝީދެވެ.

މިދިޔަ އަހަރު ވެސް މި މުބާރާތް ކާމިޔާބުކުރި ޕެޓްރީޝިއާ މި އަހަރުގެ މުބާރާތް ވެސް ކާމިޔާބުކުރީ ތަފާތު ބޮޑުކޮށެވެ. މުބާރާތުގެ ޗެމްޕިއަންކަން ދިފާއުުކުރުމަށް ޕެޓްރީޝިއާ ކުރި އުންމީދު ވަނީ ހާސިލްވެފަ އެވެ.

"މިދިޔަ އަހަރު މުބާރާތް ކާމިޔާބުކުރެވުނީމަ މި އަހަރު ރޭހުގައި ބައިވެރިވީ ހަމަ ޗެމްޕިއަންކަން ދިފާއުކުރުމުގެ އުންމީދުގައި. ވަރަށް އުފާވެއްޖެ މި އަަހަރު ވެސް މި މަގާމު ލިބުނީމަ،" ރާއްޖޭގައި ވަޒީފާ އަދާކުރަމުންދާ ޕެޓްރީޝިއާ ބުންޏެވެ.

އަންހެން ކެޓަގަރީގެ ދެވަނަ ލިބުނީ މަރިޔަމް އިނާއަށެވެ. ތިން ވަނަ ލިބުނީ ޒުލޭހާ އިބްރާހިމެވެ.

މި މުބާރާތުގެ ފިރިހެން ކެޓަގަރީގެ އެއްވަނަ ދިޔަ ޝިފާޒަށް ޓްރޮފީ، މެޑަލް އަދި ރަމްްޒީ ބޯޑިން ޕާސް ހަވާލުކޮށްދެއްވީ  އިއްތިހާދު އެއާވޭސްގެ ކޮންޓްރީ މެނޭޖަރު ޝަހުޒާން އަބްދުﷲ އެވެ. ދެވަނަ އާއި ތިން ވަނަ އަށް ވެސް ވަނީ މެޑަލް ދީފަ އެވެ. އަންހެން ކެޓަގަރީގެ އެއްވަނަ އަށް ދިޔަ ޕެޓްރީޝިއާ އަށް ޓްރޮފީ، މެޑަލް އަދި ރަމްޒީ ބޯޑިން ޕާސް ހަވާލުކޮށްދެއްވީ ސީގަލް ގުރޫޕްގެ މާކެޓިން މެނޭޖަރު އައިމިނަތު ސޮލާހެވެެ. އަންހެން ކެޓަގަރީގެ ދެވަނަ އާއި ތިން ވަނަ އަށް ވަނީ މެޑަލް ދީފަ އެވެ.

ރެޑްބުލް އިން މިދިޔަ އަހަރު ބާއްވަން ފެށި ރެޑްބުލް ކެޗް ދަ ފެރީ ރޯޑް ރޭހުގައި މި އަހަރު 420 ދުވުންތެރިން ބައިވެރިވި އެވެ. ރެޑްބުލް ކެޗް ދަ ފެރީ އަކީ ދިވެހިރާއްޖޭގެ ދުވުންތެރިންނަށް ހާއްސަކޮށްގެން ރެޑްބުލް އިން ބާއްވާ ފުރަތަމަ އިވެންޓެވެ. މި ރޭހުގައި އެންމެ ހާއްސަކަމަކީ މާލޭ ސިޓީގެ ތިން ސަރަހަދެއްގައި މި ރޭހުގެ ބައިތައް ކުރިއަށް ދިއުމެވެ. މި މުބާރާތުގެ ބައިވެރިން ހުޅުމާލެ އާއި ވިލިނގިއްޔަށް ގެންދަން ހާއްސަ ފެރީތަކެއް އޮންނާނެ އެވެ. އެކަމަކު ކަނޑައަޅައިފައިވާ ވަގުތުކުރިން ބައިވެރިން ފެރީ އަށް އަރައިގެން ނޫނީ، ރޭހުގެ ބައިތައް ފުރިހަމައެއް ނުކުރެވޭނެ އެވެ. އެހެންކަމުން ކަނޑައަޅާފައިވާ ވަގުތަށް ފެރީ އަށް އެރޭނީ މުބާރާތުގެ އެންމެ ފިޓު ދުވުންތެރިންނަށެވެ.