ލައިފްސްޓައިލް

ބޮލުން ބޯޅައިގައި ޖަހަން ނޫޅޭތި، ސިކުނޑިއަށް އަނިޔާލިބިދާނެ

Feb 16, 2017

ފުޓްބޯޅައަކީ އޭގެ ފޯރިއާ އެއްވަރަށް ޝައުގުވެރި އެތަކެއް ހުނަރެއް ދަނޑުމަތިން ދައްކުވައިދޭ ކުޅިވަރެކެވެ. މީން އެންމެ ހުނަރުވެރި އެއް މަންޒަރަކީ ދަނޑުމަތީގައި ކުޅުންތެރިން އެކަކު އަނެކަކަށް ބޮލުން ފޮނުވާލާ ބޯޅަތަކެވެ. ދަނޑުމަތީގައި ކުޅުންތެރިން ބޮލުން ދޭ ބޯޅަތަކަކީ ސަޕޯޓަރުންނަށް ބަލައިލަން ނުލާހިކު ކަމުދާ މަންޒަރެކެވެ. ހާއްސަކޮށް ފުޓުބޯޅައަށް މަރުދޭ ކުޑަކުދިންގެ މެދުގައި މިއީ، ވަރަށް "ކޫލް" އަދި އެހާމެ ދަސްކުރަން ވެސް ބޭނުންވާ ހުނަރެކެވެ. ނަމަވެސް ސައިންސްގެ އެންމެ ފަހުގެ ދިރާސާއިން މިވަނީ މި ގޮތަށް ބޮލުން ބޯޅަ ޖެހުމަކީ ސިކުނޑީގެ ބައެއް މުހިއްމު ބައިތައް ވަރަށް ބޮޑަށް ހަލާކުވާ ކަމެއް ކަން ދެނެގަނެވިފަ އެވެ.

ލަންޑަންގެ އިންސްޓިޓިއުޓް އޮފް ނިއުރޮލޮޖީގެ ސައިންޓިސްޓް، ޑރ. ހެލެން ލިންގާއި އޭނާގެ ޓީމުން މި ދިރާސާކޮށްފައި ވަނީ ފުޓްބޯޅަ ކުޅުމުގައި ދިގު މުއްދަތަކަށް އުޅެ މަރުވިއިރު ޑައިމެންޝިއާ، ހަނދާން ނެތޭ ބަލި ޖެހުނު ކުރީގެ ހަ ކުޅުންތެރިއެއްގެ ޕޯސްޓްމޯޓަމް ހެދުމަށް ފަހު އެވެ.

އެ ހަމީހުންގެ ޕޯސްޓްމޯޓަމުން ވެސް ސިކުނޑިއާ ގުޅުންހުރި އެއްގޮތް ކަންތައްތަކެއް ވަނީ ފެނިފަ އެވެ. ހަ މީހުންނަކީވެސް އަލްޒައިމާ ޖެހިފައިވާ މީހުންނެވެ. އަދި އެ ހަމީހުންގެ ތެރޭން ހަތަރު މީހުންގެ ސިކުނޑިން ވަނީ، ތަނެއް، ނުވަތަ އެއްޗެއްގައި ބޯ ތަކުރާރުކޮށް ޖެހުމުގެ ސަބަބުން ސިކުނޑި ހަލާކުވާން މެދުވެރިވާ ހާލަތެއް ކަމަށްވާ "ކްރޯނިކް ޓްރައުމަޓިކް އެންސިފަލޯޕަތީ" (ސީޓީއީ) ގެ އަސަރު ވެސް ފެނިފަ އެވެ. މި ދެ ބައްޔަކީ ސިކުނޑީގައި ހުންނަ ޕްރޮޓީންތައް ހަލާކުކޮށްލާ ދެ ބައްޔެކެވެ.

"އަހަރެމެންގެ ދިރާސާއިން މި އެނގެނީ ފުޓުބޯޅަ ކުޅޭއިރު ތަކުރާރުކޮށް ބޯޅާގައި ބޯ ޖެހުމުން، ނުވަތަ އެހެންވެސް ގޮތްގޮތަށް ބޯޖެހި ލިބޭ އަނިޔާތަކާއި ސީޓީއީ އާ ވަރަށް ގާތް ގުޅުމެއް ވާކަން،" ހެލެން ވިދާޅުވި އެވެ.

ހެލެންގެ ޓީމުގެ މި ދިރާސާއާ ގުޅިގެން ގިނަ ފަރާތްތަކަކުން ވަނީ އެ ދިރާސާއަކީ އެންމެ ތެދުކަން ސާބިތުކޮށްދެވޭނެ އެކަށޭނަ ހެއްކެއް ނެތްކަމަށް ބުނެފަ އެވެ. އަދި ހެލެންގެ ޓީމުން އެބުނާ ބަލިތަކަކީ ފުޓުބޯޅަކުޅުމުގެ ސަބަބުން އިތުރުވެދާނެ ބަލިތަކެއްކަމަށް ބުނެ ދެއްކޭނެ ހުއްޖަތެއް ވެސް ނެތްކަމަށް ބުނެފަ އެވެ.

މި ރައްދުތަކާ ގުޅިގެން ހެލެންގެ ޓީމުންވެސް ވަނީ، ކުޅުންތެރިން ކުޅުމާ ދުރުގައި ތިބި ނަމަ ޑައިމެންޝިއާ ނުޖެހޭނެއޭ ބުނުމަކީ ދަތިކަމެއް ކަމަށް ބުނެފަ އެވެ.

"އަހަރެމެންގެ ދިރާސާއާ ގުޅިގެން އެންމެ ގިނައިން އަންނަ ސުވާލަކީ، ރިޓަޔާ ވެފައިތިބި ފުޓްބޯޅަ ކުޅުންތެރިންގެ މެދުގައި އަލްޒައިމާ އިތުރީ ކިހާ ވަރަކަށްތޯ،" ލިންގް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ދިރާސާއާ އެއްގޮތަށް އާންމު މީހުންނަށްވުރެ ސްޕޯޓްސްމަނުންނަށް މިބާވަތުގެ ސިކުނޑީގެ ބަލިތައް ޖެހުމުގެ ޗާންސް ބޮޑުކަން ދެނެގަނެވިއްޖެނަމަ ނުރައްކަލަށް ހުށަހެޅިފައި ތިބި މީހުން ދެނެގަނެ ރައްކާތެރި ފިޔަވަޅު އަޅަންޖެހޭ މީހުން ވަކި ކުރެވިދާނެ ކަމަށެވެ.

ހެލެންގެ ޓީމުގެ ކުރި ދިރާސާގެ ނަތީޖާ އެންމެ އިތުބާރު ކުރެވޭ ދިރާސާއަކަށް ނުވި ނަމަވެސް ފުޓްބޯޅައާއި ރެސްލިން ފަދަ ކުޅިވަރުތަކުގައި ކުޅުންތެރިންގެ ބޮލަށް ލިބޭ ގެއްލުންތައް ވަނީ އެކި ފެންވަރުގެ މީހުންގެ ސަމާލުކަމަށް އައިސްފަ އެވެ. ތަންކޮޅެއް ކުރިން ބޮސްޓޮން ޔުނިވަސިޓީގެ ސީޓީއީ ސެންޓަރުން އެމެރިކާގެ ނެޝަނަލް ފުޓްބޯލް ލީގުގެ ކުޅުންތެރިން ހިމަނައިގެން ކުރި ސިކުނޑީގެ ދިރާސާއަކުން ވެސް ވަނީ ބޮލަށް ލިބޭ މިފަދަ އަނިޔާތަކުން ސިކުނޑީގެ ބަލިތަކަށް ވާރުތަވާކަން ސާބިތުވެފަ އެވެ. އަދި އެ ޔުނިވަސިޓީން އެކަން އެ ލީގުގެ ސަމާލުކަމަށްވެސް ގެނެސްފައިވެ އެވެ.

މިކަން މިހެން އޮތް ނަމަވެސް ހެލެންގެ ޓީމުން ވަނީ ފުޓްބޯޅަ ކުޅޭމީހުން ހިތުގެ ބަލިތައް ޖެހުމާ ވަރަށް ދުރުކަމަށް ބުނެފަ އެވެ. އާންމު މީހުންނަށް ޖެހޭ ފަދަ ސްޓްރޯކާއި ހައިޕާޓެންޝަން ސްޓްރޯކް ފަދަ ކަންކަން މި ފަދަ ކުޅިވަރުތައް ކުޅޭ މީހުންނަށް ދިމާ ނުވާކަމަށް އޭނާގެ ޓީމުން ވަނީ އެއްބަސްވެފަ އެވެ.

"އެހެންވީމާ ފުޓްބޯޅަ ކުޅުމަކީ އާންމުކޮސް ސިއްހީ ފައިދާ ކުރާ ކަމެއް،" ކަމަށް ހެލެން ވަނީ ވިދާޅުވެފަ އެވެ. -- މައުލޫމާތު: ބީބީސީ