ލައިފްސްޓައިލް

އަތުލިޔުމުގެ މުހިންމުކަން ތި ހީކުރާ ވަރަށް ވުރެ މާ ބޮޑު

Feb 16, 2017
1

އަތު ލިއުމަކީ މިހާރު ދިވެހިންގެ ތެރޭގައިވެސް އަދި ދުނިޔޭގައިވެސް އުވެމުންދާ ކަންތައްތަކުގެ ތެރެއަށް އިތުުރުވެފައިވާ ބޮޅެކެވެ. ގްރޭޑް 10 ނުވަތަ 12 ނިމާފައި ހުންނަ ކުއްޖާއަށް ވެސް އަތުން ކަރުދާސްކޮޅެއްގައި ނަން ޖަހާލަން ވިޔަސް އެވާނީ ބޮޑު ކަމަކަށެވެ. ސްކޫލް ނިންމާފައި ނުކުންނަ ކުއްޖާގެ އަތު ލިޔުން ހުތުރު ކަމުން ހީވާނީ "ބުޅާ ވަކިދަމާފަ"އި ހުންނަހެން އެވެ. ހާއްސަކޮށް ތާނަ ލިޔުމެވެ.

މި މައްސަލަ މިހާ ހިސާބަށް ގޮސްފައިވަނީވެސް ތަރައްގީވެފައިވާ މިއަދުގެ ދުނިޔޭގައި އަތު ލިއުން މުހިންމު ކަމެއް ކަމަށް ގިނަ ބެލެނިވެރިންނަށް އަދި ކުދިންނަށް ގަބޫލުނުކުރެވޭތީ އެވެ. ކޮލެޖް ނުވަތަ ޔުނިވާސިޓީގައިވެސް އަދި ވަޒީފާގެ މާހައުލުގައިވެސް އަތުން އެއްޗެއް ލިޔެލަން ޖެހޭ ފަހަރުތައް އިނގިލިން ގުނާލެވޭހާ މަދެވެ. އާންމުކޮށް ލިޔުމުގައި މިހާރު ބޭނުން ކުރަނީ ކޮމްޕިޔުޓަރެވެ. ދަސްކުރަނީ ޓައިޕް ކުރަންށެވެ. އެހެން ނަމަވެސް އަތުލިޔުން ރީތި ކުރުމަކީ ފަރުވާކުޑަކޮށްލަން ހެޔޮވާވަރުގެ ކަމެއް ނޫންކަން އެނގޭ ހެއްޔެވެ؟

ޔުނިވާސިޓީ އޮފް ކެލިފޯނިއާ އަދި ޕްރިންސްޓަން ޔުނިވާސިޓީ އިން ކުރިއަށް ގެންދިޔަ ދިރާސާއެއްގައި ބުނެފައިވަނީ އަތުން ނުލިޔާނަމަ ވިސްނުން ކޮށިވާ ކަމަށެވެ. މިކަމާއި ގުޅޭގޮތުން މި ދެ ޔުނިވާސިޓީ ގުޅިގެން އެތައް ދިރާސާއެއް ކުރިއަށް ގެންގޮސްފައިވެ އެވެ. އެގޮތުން ކިޔަވާ ދަރިވަރުންގެ ތެެރެއިން، އަތުން ނޯޓްސް ނަގާ ކުދިންނާއި، ލެޕްޓޮޕް ފަދަ ތަކެތީގައި ނޯޓްސް ނަގާ ކުދިންގެ ދެމެދުގައި ވަނީ ދިރާސާތަކެއްކޮށްފަ އެވެ. ނޯޓްސް ދިން ދުވަހު ނެގި ޓެސްޓުން ހުރިހާ ކުދިންވެސް ރަނގަޅު ނަތީޖާއެއް ހޯދުނު ނަމަވެސް އޭގެ ހަފްތާއެއް ފަހުން، ހަމަ އެ އިމްތިހާނު ހަދަން ޖެއްސުމުން އެ ޓެސްޓުގައި ރަނގަޅު ނަތީޖާއެއް ހޯދިފައިވަނީ އަތުން ނޯޓްސް ނެގި ކުދިން ކަމަށް ދިރާސާ ރިޕޯޓުގައި ބުނެފައިވެ އެވެ.

އަތުން ލިޔެގެން ނޯޓްސް ނެގި ކުދިންގެ ހަނދާނުގައި އެކަން ހަރުލާފައި ގިނަ ދުވަހު ހުންނަ ކަމަށް މި ދިރާސާއިން ދައްކަ އެވެ. އަދި އާ ހިޔާލު ހޯދައިގަންނަންވެސް އެކުދިންނަށް ފަސޭހަ ކަމަށްވެ އެވެ.

ޔުނިވާސިޓީ އޮފް ނެބްރަސްކާގައިވެސް މިކަަމަކާ ބެހޭ ދިރާސާއެއް ކުރިއަށް ގެންގޮސްފައިވެ އެވެ. އެ ދިރާސާގައި ކުދިން އިމްތިހާނު ކޮށްފައިވަނީ ޕަވާ ޕޮއިންޓް ޕްރެޒެންޓޭޝަނެއް ދިނުމަށްފަހު އެވެ. އެ އިމްތިހާނުގައިވެސް ރަނގަޅު ނަތީޖާއެއް ހޯދާފައިވަނީ އަތުން ނޯޓްސް ނެގި ކުދިންނެވެ. ވޯލް ސްޓްރީޓް ޖާނަލް އަށް މައުލޫމާތު ދެމުން އެ ޔުނިވާސިޓީން ބުނެފައިވަނީ، އަތުން ނޯޓްސް ނެގުމުން އެ ނޯޓް ކުރި ތަކެތި ވަރަށް ތަފްސީލްކޮށް ކުދިންނަށް ނަގައި ގަނެވި، އެތަކެތި ގިނަ ދުވަހު ހަނދާނުގައި ހުންނަ ކަމަށެވެ. އަދި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގްރާފް ފަދަ އެއްޗެހި ބޭނުންކޮށްގެން ފިލާވަޅު ތެރެއަށް ފަސޭހައިން ވަދެވޭ ގޮތަށް ނޯޓްސް ތައްޔާރު ކުރުމަކީ މުހިންމު ކަމެއް ކަމަށް ވެސް އެ ޔުނިވަސިޓީ އިން ބުނެ އެވެ.

"ކުދިންގެ ލިޔުން ހުތުރުވެފައި އަތުން ލިޔަން ބޭނުން ނުވަނީ ކުޑައިރުއްސުރެ އެކަމަށް ޕްރެކްޓިސް ނުކުރެވޭތީ. އަތުން ލިޔުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްގެން އެކަން ހައްލުކުރެވިދާނެ،" އަހަރުތަކެއް ވާންދެން ދިވެހި ބަސް ސްކޫލްތަކުގައި ކިޔަވައިދިން އަދި މިހާރުވެސް ގައުމީ ޔުނިވާސިޓީގައި ދިވެހި ކިޔަވައިދެމުން އަންނަ ޓީޗަރަކު ވިދާޅުވި އެވެ.

އެހެން ކަމުން ޒަމާން ކިތަންމެ ބޮޑަށް ތަރައްގީވެގެން ކުއްޖާ ޓެކްނޮލޮޖީގެ ތެރޭގައި ގެންގުޅުނަސް އަތުން ލިޔުމާއި ކުއްޖާ ދުރު ނުކުރާށެވެ. އެންމެ ފުރަތަމަ ކުއްޖާ އަކުރު އަޅަން ފަށާ ހިސާބުން ފެށިގެން އައިޕެޑް ދިނުމުގެ ބަދަލުގައި ފޮތަކާއި ފަންސޫރެއް ކުއްޖާއަށް ދޭށެވެ. އޭރުން ކުއްޖާއަކީ ތޫނު ފިލި މޮޅު ދަރިވަރަކަށް ހަނދަން އެހީވެދޭނެ އެވެ.