ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ލައްވައި މުޅިން ފިޓުނުވަނީސް މި މަހު ތަޖިކިސްތާނާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުގައި އޭނާ ލައްވައި ނުކުޅުވާނަން ކަމަށާއި މުޅިން ފިޓުނުވަނީސް މެޗުގައި ކުޅެން ދަގަނޑޭ އަށް އެއްވެސް ޕްރެޝަރެއް ނުކުރާނެ ކަމަށް ގައުމީ ޓީމުގެ ކޯޗު ބަލްގޭރިއާގެ ވެލީޒާ ޕޮޕޯފް ރޭ ބުނެފި އެެވެ.
މެލޭޝިއާ ލީގުގައި ޕީޑީއާރްއެމް އަށް ކުޅެނިކޮށް ލިބުނު އަނިޔާއަކާ ގުޅިގެން، ޕީޑީއާރްއެމް އެންމެ ފަހުން ކުޅުނު މެޗުގައި ދަގަނޑޭ ނުކުޅެ އެވެ. ތަޖިކިސްތާން މެޗަށް ދަގަނޑޭ މާލެ އައި ނަމަވެސް، ތަޖިކިސްތާން މެޗަށް ތައްޔާރުވުމުގެ ގޮތުން ރޭ ގަލޮޅު ދަނޑުގައި ބޭއްވި ގައުމީ ޓީމުގެ ފުރަތަމަ ފަރިތަކުރުންތަކުގައި އޭނާ ބައިވެރިއެއްނުވެ އެވެ. އެކަމަކު ފަރިތަކުރުންތައް ކުރިއަށްދިޔައިރު، ދަގަނޑޭ ދަނޑުގައި އިނެވެ.
"އަވަސް" އަށް ރޭ ދިން އިންޓަވިއުއެއްގައި ޕޮޕޯފް ބުނީ ދަގަނޑޭ މެޗުގައި ކުޅެވޭނެކަން ނުވަތަ ނޫންކަން މި ވަގުތު ބުނަން ނޭނގޭ ކަމަށެވެ.
"ދަގަނޑޭ ފިޓުވެ، އެ މެޗުގައި ކުޅެވޭނެ ކަމުގެ ޔަގީންކަން ދީފި ނަމަ އަހަރެން އޭނާގެ ބޭނުން ހިފާނަން. އެކަމަކު އޭނާ މުޅިން ފިޓުނުވަނީސް މި މެޗުގައި ކުޅޭކަށް އަހަރެން މަޖުބޫރެއް ނުކުރާނަން. އެއީ މުޅިން ފިޓުުވަނީސް އެކުވެރިކަމުގެ އެއް މެޗު ކުޅެގެން، ދެން ކުރިއަށް އޮތް ވާދަވެރި މެޗުތައް އޭނާ އަށް ގެއްލެން އަހަރެން ބޭނުންނުވަނީ. ދަގަނޑޭ އަށް ކުޅެވެންޏާ ވަރަށް ރަނގަޅު. އެކަމަކު ނުކުޅެވެންޏާ ދެން ތިބި ކުޅުންތެރިންނާއެކު އަހަރެމެން މަސައްކަތްކުރާނީ،" ނިއު ރޭޑިއަންޓަށް 2013 ވަނަ އަހަރު ބޮޑު ކާމިޔާބީއެއް ހޯދައިދިން ޕޮޕޯފް ބުންޏެވެ.
ތަޖިކިސްތާނާ ދެކޮޅަށް މި މަހުގެ 26 ވަނަ ދުވަހު މާލޭގައި ކުޅޭ މެޗަކީ ޕޮޕޯފްގެ އިރުޝާދުގެ ދަށުން ގައުމީ ޓީމު ކުޅޭ ފުރަތަމަ މެޗެވެ.
ޕޮޕޯފް ބުނީ މި މެޗަކީ ވޯލްޑް ކަޕް ކޮލިފައިން އަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެ އަށް މުހިންމު މެޗެއް ކަމަށެވެ.
"އެކުވެރިކަމުގެ މެޗެއްގައި ކުޅުންތެރިން ޓެސްޓްކޮށްލެވޭނީ. ކޮލިފައިން މެޗެއް ނުވަތަ މުބާރާތެއްގެ މެޗެއްގައި ކުޅުންތެރިން ޓެސްޓެއް ނުކުރެވޭނެ. އެހެންވީމަ މިއީ ވަރަށް މުހިންމު މެޗެއް. ވަރުގަދަ ޓީމަކާ ދެކޮޅަށް މި މެޗު ކުޅޭތީ އަހަރެން ވަރަށް ހިތްހަމަޖެހޭ،" ޕޮޕޯފް ބުންޏެވެ.