ސިއްހަތު

ގޭގައި މަސައްކަތްކުރުމަކީ ތި ހީކުރާހާ ދުޅަހެޔޮ ކަމެއް ނޫން

Feb 17, 2017

އޮފީހުގެ ގޮނޑީގައި އިނދެ އިނދެ ވަރުބަލިވާ ހިސާބަށް ދިއުމުން ވިސްނެން ފަށަނީ ގެއާ މެދު އެވެ. ގޭގެ އަރާމު ކޮޓަރީގައި ރަޖާލައިގެން އެނދުމަތީގައި އިނދެ ވެސް ކުރަން މިއުޅޭ މަސައްކަތެއް ގައިމު ނިންމާލެވިދާނެތާ އެވެ. އިންޓަނެޓް ނެތީކީއެއް ނޫނެވެ. ދެން އާދަކުރަންވީ ގޭގައި މަސައްކަތް ކުރާށެވެ. މިއީ ގާތްގަނޑަކަށް ކޮންމެ ދުވަހަކުހެން ސިކުނޑިއަށް އަރާ ފައިބާ އުދާސްތަކެކެވެ. އެއްބަޔަކަށް މިއީ ދެކޭ ފޮނި ހުވަފެނެކެވެ. އަނެއް ބަޔަކު ގޭގައި މަސައްކަތްކޮށް އެ އުފަލާއި ރާހަތު ހޯދަ އެވެ. ކޮންމެ ގޮތެއް ވިޔަސް ގޭގައި މަސައްކަތްކުރާ މީހުންގެ އާބާދީ މި ރާއްޖޭގައިވެސް މަދެއް ނޫނެވެ. ނަމަވެސް ގޭގައި މަސައްކަތްކުރުން އަހަރެމެން މި ހީކުރާހާ ބުއްދިވެރިވެފައި ރަނގަޅު ހެއްޔެވެ؟ ޖަވާބަކަށް "އާނ" އެކޭ ބުނުމުގެ ކުރިން ދެވަނަ ވިސްނުމަކަށް ދިއުން މުހިއްމެވެ.

އދ ގެ އިންޓަނޭޝަނަލް ލޭބާ އޮގަނައިޒޭޝަން (އައިއެލްއޯ) އިން ދާދިފަހުން ކުރި ދިރާސާއަކުން ވަނީ އެކަހެރިކޮށް މަސައްކަތްކުރާ މީހުންނަށް ވަރަށް ބޮޑަށް ކަންކަމާމެދު ކަންބޮޑުވެ ސްޓްރެސްވުމާއި ނިދިން މަހުރޫމްވުން ފަދަ ސިއްހީ މައްސަލަތައް ކުރިމަތިވާކަން ދެނެގަނެވިފަ އެވެ.

އެ ދިރާސާގެ ރިޕޯޓް އެކުލަވާލި ތަޖުރިބާކާރުންގެ ޓީމުން ވަނީ، ޔޫކޭ، ބެލްޖިއަމް، ޗައިނާ، ހަންގޭރީ، އިޓަލީގެ އިތުރުން ފަސް ވަރަކަށް ގައުމެއް ހިމަނައިގެން ވަރަށް ތަފްސީލު ދިރާސާއެއް ކޮށްފަ އެވެ. އެމީހުންގެ ދިރާސާގައި ތިން ކެޓަގަރީއެއްގެ މުވައްޒަފުން ހިމެނި އެވެ. އެއީ ވަރަށް ހަރަކާތްތެރިކޮށް ވަޒީފާގެ މާހައުލުގައި އުޅެންޖެހޭ ބަޔަކާއި، ތަފާތު އެކި ސަރަހައްދުތަކުގައި އޮފީހުން ބޭރުގައި މަސައްކަތް ކުރަންޖެހޭ ބަޔަކާއި ގެއާއި އޮފީހާ ދެމެދު މަސައްކަތް ބަދަލުކުރާ ބައެކެވެ.

މި ތިން ކެޓަގަރީގެ މީހުނަށް ވެސް އާންމުކޮށް ނުވަތަ ގަވާއިދުން އޮފީހުގައި މަސައްކަތްކުރާ މީހުންނާ އަޅާ ބަލާއިރު ދިމާވާ ސިއްހީ މައްސަލަތައް އިތުރެވެ.

"މީން ދައްކައިދެނީ ކޮމިއުނިކޭޓްކުރާ މޮޅު ޓެކްނޮލޮޖީގެ ޒަރީއާއިން މަސައްކަތުގެ ފެންވަރު މަތިކުރެވުނު ނަމަވެސް އެމީހަކު މަސައްކަތްކުރާ ގޮތާއި ތަނުގެ ގޮތުން އަމިއްލަ ދިރިއުޅުމާއި މަސައްކަތުގެ ދިރިއުޅުމާ ދޭތެރޭގައި މިތަކެތި ހުރަހަކަށް ވާކަން،" އެ ދިރާސާގެ ރިޕޯޓު އެކުލަވާލި ކޯ-ރައިޓާ ވިދާޅުވެފައިވެ އެވެ.

ގޭގައި މަސައްކަތްކުރުން އެންމެ ދުޅަހެޔޮ ގޮތްކަމަށް ނުވަނީ ހަމަ އެކަނި ސިއްހީ ސަބަބުތަކާ ހެދިއެއް ވެސް ނޫނެވެ. އައިއެލްއޯގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން އޮފީހާ ދުރު ގޭގައި އިނދެ ކިތަންމެ ރަނގަޅަށް މަސައްކަތްކުރި ނަމަވެސް އޮފީހަށް ގޮސް މަސައްކަތްކުރާ މީހުންނާ އަޅާ ބަލާއިރު އެތައް ގުނައަކަށް ގުޅުން ރަނގަޅު މީހަކަށްވެ އެވެ. އަދި މިއީ އެކުގައި މަސައްކަތްކުރާ ރައްޓެހިންނާ އޮންނަ ގުޅުންވެސް ހީނަރުވާކަމެއް ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އެހެންވީމާ ގޭގައި އަދި އަރާމުގައި މަސައްކަތް ކޮށްލެވުނަސް އޮފީހަށް ގޮސް މަސައްކަތްކޮށްލުން މާމޮޅެއް ނޫން ހެއްޔެވެ؟ ފަހަރެއްގައި ހީކުރާ ގޮތާ ހިލާފަށް ގޭގައި މަސައްކަތްކުރުން މާ ފޫހި ކަމަކަށް ވުން ވެސް ވެދާނެ ނޫންހެއްޔެވެ؟ ދެގޮތް ވެސް ޓެސްޓުކޮށްލުން ހަމަ އެންމެ ރަނގަޅުވާނެ އެވެ.