ފެޝަން

ނިއުޔޯކް ފެޝަން ޝޯގައި މުސްލިމުންގެ ވަރުގަދަ ރައްދެއް

Feb 19, 2017

އެމެރިކާގެ އާ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސިޔާސަތުތަކާއެކު މުޅި އެމެރިކާ ވަނީ ސިޔާސީވެފަ އެވެ. މި ސިޔާސީ އޮއިވަރުގެ އަސަރު ނިއުޔޯކްގައި ކުރިއަށްދާ ފޯލް ވިންޓަ ފެޝަން ޝޯ އަށް ވެސް ވަނީ ކޮށްފަ އެވެ. އެގޮތުން ބައެއް ޑިޒައިނަރުން އެމީހުންގެ ރުޅިގަނޑު ޓްރަމްޕަށް ބާލުވާލާފައިވަނީ އެމީހުންގެ ހެދުންތަކުންނެވެ.

މުސްލިމް ޑިޒައިނަރެއް ކަމަށްވާ އަނީސާ ހަސީބުއާންގެ ޝޯގައި ވެސް ވަނީ މި ސިޔާސީ ހަރަކާތް ރަނގަޅަށް ކައްކުވާލާފަ އެވެ.

އެގޮތުން އޭނާގެ "ޑްރާމާ" ޝޯ ގައި ބޭނުންކޮށްފައިވަނީ އެމެރިކާގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މޮޑެލްސް އިންނެވެ. އަދި މުޅި ޝޯގައި މޮޑެލްއިން ހިނގާފައިވަނީ ބުރުގާ އަޅައިގެންނެވެ.

އިންޑޮނޭޝިއާ އަށް ނިސްބަތްވާ އަނީސާ ވަނީ މިދިޔަ އަހަރު ވެސް ނިއުޔޯކް ފެޝަން ޝޯގައި ހިޖާބް މޮޑެލްސް ދައްކާލާފަ އެވެ. މިއީ މި ޝޯގެ ތާރީހުގައި ވެސް މުޅިން އަލަށް ހިނގި ކަމެކެވެ.

އަނީސާ ބުނެފައިވަނީ ފެޝަނަކީ ވަކި ބަޔަކަށް ހާއްސަ އެއްޗެއް ނޫން ކަމަށާއި އެންމެންނަށް ވެސް ހަމަހަމަ ފުރުސަތު ލިބެންޖެހޭނެ ކަމަށެވެ. އަދި އެ ގައުމަށް ހިޖުރަކުރާ އެންމެންނަކީ ގޯސް މީހުން ނޫން ކަމަށެވެ.

އަނީސާގެ ކަލެކްޝަންގައި ރަންކުލަ އާއި ރިހިކުލައިގެ ހެދުންތަކުގެ އިތުރުން ކަޅު ކުލައިގެ ރީތި ހެދުންތައް ދައްކުވައިދީފައި ވެއެވެ.