ދިވެހި ސިނަމާ

"ވިޝްކާ" ގެ ދިރުމަކީ ރިޝްމީ އާއި ރަވީގެ ކެމިސްޓްރީ

ޔާރާ ޕްރޮޑަކްޝަންގެ އާ ފިލްމު "ވިޝްކާ" އަންނަ މާޗު މަހުގެ އަށް ވަނަ ދުވަހު ޝްވެކް ސިނަމާގައި ޕްރިމިއާކުރާއިރު ޑައިރެކްޓަރު އަދި އެކްޓަރު ރަވީ ފާރޫގު އާއި ބަތަލާ އައިޝަތު ރިޝްމީގެ "ހިތްގައިމު ކެމިސްޓްރީ" ވެގެންދާނީ ފިލްމުގެ ހާއްސަ ސިފަތަކުގެ ތެރެއިން ބެލުންތެރިންގެ ހިތްތައް ފަތަހަކޮށްލާނެ ސިފައަކަށެވެ. ބަތަލާ ރިޝްމީ ދެނީ އެވަރުގެ ޔަގީންކަމެކެވެ.

ފިލްމާ ބެހޭ ގޮތުން އަވަސް އަށް ދިން އިންޓަވިއުއެއްގައި ރިޝްމީ ބުނީ "ރަވީ އާއި ރިޝްމީގެ އޮން ސްކްރީން ކެމިސްޓްރީ" އަކީ ވަރަށް ގިނަ ބަޔަކު ބަލަން ބޭނުންވެގެން އެދެމުން ދިޔަ ކަމެއް ކަމަށެވެ. ރަވީ އާއި ރިޝްމީ އަކީ މި ފިލްމުގެ ކުރިން އަސްލު ދިރިއުޅުމުގައި ދެ ލޯބިވެރިންނެވެ. ފިލްމު ބޮޑު އިސްކިރީނަށް އަންނައިރު ރަވީ އާއި ރިޝްމީގެ އެ ލޯބި ވަނީ "މަރުވެފައި" ވިޔަސް މި ފިލްމަކީ ދެ މީހުންގެ ހިތާއި ހިތުގެ ގުޅުން އޮތް ގޮތް ނިކަން ބޮޑަށް ނިއުޅުވައި ހާމަކޮށްދޭނެ ފިލްމެކެވެ.

"އެންމެ މުހިންމު ޕޮއިންޓަކީ، ރިޝްމީ އާއި ރަވީ ރިލޭޝަންޝިޕެއްގައި އުޅުނުއިރު، ދެ މީހުން އެކުގައި (ފިލްމަކުން) ފެންނަން ވަރަށް ގިނަ ބަަޔަކު ބޭނުންވި. އެކަމަކު ފިލްމަކުން ނުފެނި ދެ މީހުން ރުޅިވީ. އެ ކެމިސްޓްރީ ނުފެނި. އެކަމަކު އެ ކެމިސްޓްރީ ފެންނާނެ އެއް ފިލްމު މިއީ،" ރިޝްމީ ބުންޏެވެ.

އެކަމަކު ބެލުންތެރިންނަށް އޮތް އިންޒާރަކީ މިއީ ހަމައެކަނި ރަވީ އާއި ރިޝްމީގެ "ކެމިސްޓްރީ" ފެންނާނެއް ފިލްމެއް ނޫން ކަމެވެ. އެއަށް ވުރެ ބޮޑަށް ކެކިގެން ބަންޑުންވާ އުނދުންތަކާއި ގުޅުންތައް ވެސް މި ފިލްމުން ފެންނާނެ ކަމެވެ. ރިޝްމީ ބުނީ މިއީ ހުރިހާ ވައްތަރެއްގެ އޯޑިއެންސްތަކަށް ވެސް ކަމުދާނޭ ސިފަތައް ހިމަނައިގެން އުފައްދާފައިވާ ފިލްމެއް ކަމަށެވެ.

މީގެ އިތުރުން ރަވީ ކަހަލަ ހުނަރުވެރިއަކަށް ފިލްމެއްގެ މަސައްކަތުގައި މީގެ ކުރިން ދެއްކިފައިނުވާ ފެންވަރާއި ހުނަރު މި ފިލްމުން ފެނިގެންދާނެ ކަމަށް ރިޝްމީ ބުންޏެވެ.

"މި ފީލްޑުން ކިޔަވައިގެން ތިބި ޒުވާނުންގެ ކްްރޫއަކާ އެކު ރަވީ ކަހަލަ ޓެކްނިކަލީ މޮޅު ޑައިރެކްޓަރަކު މަސައްކަތްކުރީމަ އެ ތަފާތު ފެންނާނެ.
ރަވީގެ ފުލް ކެލިބާ ދެއްކޭނެ ޓީމެއް ގެންނަން ވެގެން މަދަޝިޕް ކަހަލަ ޓީމެއް ގެނައީ ވެސް. ރަވީގެ ބެސްޓް ދެއްކުނު ކަމަށް ރިޝްމީ އަށް ގަބޫލުކުރެވޭ،" ރިޝްމީ އެންމެ ފުރަތަމަ ޑައިރެކްޓްކުރަން ހަމަޖެހިފައި އޮތް ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ރިޝްމީ ބުންޏެވެ.

އޭނާ ބުނީ ފިލްމުގެ ޑައިރެކްޝަން ރަވީ އަށް ދޫކޮށްލީ ވެސް ފުރިހަމަކަން ގެނެސްދިނުމަށް ކަމަށާއި ފިލްމުގައި ކުޅެން ޖެހޭ ރޯލަށް ދޭން ޖެހޭ ސަމާލުކަން ވެސް އެންމެ ރަނގަޅަށް ދިނުމަށް ކަމަށެވެ.

"ބޭނުންވީ ވިޝްކާ އަކީ ހުރިހާ ގޮތަކުން ވެސް އެޕީލިން ފިލްމަކަށް ހަދަން. އާޓިސްޓިކް ފިލްމަކުން ލިބޭ ހިތްހަމަޖެހުމާއި މެލޯޑްރާމާގެ ހިތްހަމަޖެހުން ވެސް ލިބި ފޫހިނުވެ ބަލައިލެވޭނެ ފިލްމަކަށް ހެދުން. އެހެންވީމަ ކަމުދާނެ ކަމަށް ގަބޫލުމިކުރަނީ،" ރިޝްމީ ބުންޏެވެ.

އޭނާގެ އާއިލާގެ ފިލްމު ހައުސް، ޔާރާ ޕްރޮޑަކްޝަންގެ މި ފިލްމު އަންނަ މަހުގެ އަށް ވަނަ ދުވަހު ޝްވެކްގައި ޕްރިމިއާކުރާއިރު އެ ދުވަހު ފިލްމުގެ ތިން ޝޯ ޝްވެކުގައި ދެއްކުމަށް ވަނީ ހަމަޖެހިފަ އެވެ. އެންމެ ފުރަތަމަ މީޑިއާ އަށް ހާއްސަ ޕްރި ސްކްރީނިންއެއް ބޭއްވުމަށް ފަހު ހަވީރު އޮންނާނީ ރެޑް ކާޕެޓް ހަފުލާއެވެ.

ބެލުންތެރިންނަށް ހާއްސަ ޝޯ ޝްވެކުގައި ދައްކާނީ އަށް ވަނަ ދުވަހުގެ ރޭގަނޑު އެވެ. މި ފިލްމަކީ ދެ ގަޑިއިރާއި 15 މިނެޓުގެ ފިލްމެކެވެ. ރިޝްމީ އާއި ރަވީ އަދި އަހުމަދު ސައީދު ލީޑް ރޯލުތަކުން ފެނިގެންދާ މި ފިލްމަކީ އަބްދުﷲ ވިޝާމްގެ ވާހަކައަކަށް މަހުދީ އަހުމަދު ތައްޔާރުކޮށްފައިވާ ސްކްރިޕްޓެކެވެ.

މި ފިލްމުގެ ސިނެމެޓޯގްރަފަރަކީ އަލަށް ފިލްމީ ދާއިރާ އަށް ވަންނަ ޒުވާން ޕްރޮޑަކްޝް ހައުސްއެއް ކަމުގައިވާ މަދޮޝިޕްގެ ޝާމިން ނިޒާމެވެ. ރިޝްމީ ބުނީ މިއީ ވަރަށް ބޮޑަށް ތައްޔާރުވެގެން ކުރި މަސައްކަތެއް ކަމަށާއި ފިލްމުގެ ޕްރިޕްރޮޑަކްޝަނަށް އެކަނި ވެސް ތިން މަސް ދުވަސް ހޭދަވި ކަމަށެވެ.

"ވިޝްކާ" ގެ 10 ޝޯ ޝްވެކް ސިނަމާގައި މާޗު އަށެކުން ފެށިގެން 18ގެ ނިޔަލަށް ދެއްކުމަށް ވަނީ ހަމަޖެހިފަ އެވެ. ޕްރިމިއާ ނައިޓުގެ ޓިކެޓް 200 ރުފިޔާ އަށް ވިއްކާއިރު އެހެން ޝޯތަކުން ޓިކެޓެއްގެ އަގަކީ 100 ރުފިޔާ އެވެ.