ވިޔަފާރި

ގުޅިފަޅު ބަނދަރު ފުން ކުރުމުގެ މަސައްކަތް ފަށައިފި

Feb 19, 2017
  • މަސައްކަތް ދެ މަސް ތެރޭ ނިމޭނެ
  • މަސައްކަތް ފެށީ އިއްޔެ ވަގުތެއްގައި
  • ބަނދަރު ތިލަވުމުގެ ޝަކުވާ ގިނަ

ވެލި އެޅުމުގެ ސަބަބުން ތިލަވެފައިވާ، ގުޅިފަޅު ބަނދަރު ފުން ކުރުމުގެ މަސައްކަތް ގުޅިފަޅު ކޯޕަރޭޝަނުން ފަށައިފި އެވެ.

ގުޅިފަޅު ބަލައްޓާ ގުޅިފަޅު ކޯޕަރޭޝަންގެ އޮފިޝަލަކު "އަވަސް" އަށް މިއަދު ވިދާޅުވީ ގުޅިފަޅު ބަނދަރު ތިލަވުމުގެ ސަބަބުން ފުން ކުރުމުގެ މަސައްކަތް އިއްޔެއިން ފަށައިގެން ކުރަމުންދާ ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށް އޮތް އެކެއް ނޫނީ ދެ މަސް ތެރޭއެއްކޮށް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ތިލަވެގެން މިދަނީ މޫސުމަށް އަންނަ ބަދަލެއްގެ ސަބަބުން ކަމަށް ބެލެވެނީ. އަޅުގަނޑުމެން ހަވާލުވިތާ އަދި މިވީ އަހަރެއްހާ ދުވަސް އެހެންވެ މިތަން [ގުޅިފަޅަ] އަށް އަންނަ ބަދަލު ނޭނގެނީ. ނަމަވެސް މިކަން ދިމާވަމުން ދިއުމާއެކު އިއްޔެ [ހޮނިހިރު] ދުވަހުން ފެށިގެން ފުން ކުރުމުގެ މަސައްކަތް ފަށައިފިން،" އޮފިޝަލް ވިދާޅުވި އެވެ.

ގުޅިފަޅު ކޯޕަރޭޝަނުން "އަވަސް" އަށް ހިއްސާކޮށްފައިވާ ފޮޓޯތައް ފެން ގޮތުން ހައިމާކެއް ބޭނުންކޮށްގެން، އެ ކުންފުނިން ދަނީ މި މަސައްކަތް ކުރަމުންނެވެ. އަދި މި މަސައްކަތް ވަނީ ވަރަށް ހަލުވި ކޮށްފަ އެވެ.

ގުޅިފަޅުން ވާހަކަ ދެއްކެވި، އޮފިޝަލް ވިދާޅުވީ ބަނދަރު ތިލަވުމުގެ މައްސަލަ ދިމާނުވާނެ ގޮތެއް ހަމަޖައްސާނެ ކަމަށެވެ.

"މި މައްސަލަ އަލުން ދިމާނުވާނެ ގޮތެއް، ބަލައި، ހައްލު ކުރުމުގެ މަސައްކަތް މި ކުރަނީ،" އޮފިޝަލް ވިދާޅުވި އެވެ.

ގުޅިފަޅު ފުން ކުރުމުގެ މަސައްކަތް ގުޅިފަޅު ކޯޕަރޭޝަނުން ފަށާފައިވާއިރު، މުދާ ބޭލުމަށް ދަތިތަކާ ކުރިމަތިވަމުންދާތީ ވިޔަފާރިވެރިން ވަނީ ޝަކުވާކޮށްފަ އެވެ.

ގުޅިފަޅަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މީހުން އާބާދު ކުރުމަށް ހިއްކާފައިވާ ރަށެވެ. "ދަ އައި އޮފް މޯލްޑިވްސް" ގެ ނަމުގައި މި މަޝްރޫއު ހިންގަން ހަވާލުކޮށްފައިވަނީ އިނގިރޭސި ވިލާތުގެ ކުންފުންޏެއް ކަމަށްވާ ގްލޯބަލް ޕްރޮޖެކްޓްސް ޑިވެލޮޕްމަންޓް ކޮމްޕެނީއާ އެވެ. ނަމަވެސް މިރަށުގައި ފްލެޓު އަޅަން ހަވާލުކޮށް، އެ ކުންފުނީގެ މަސައްކަތް ލަސްވެ، ފްލެޓަށް ލާރި ދެއްކި މީހުންގެ ޝަކުވާ ބޮޑުވުމުން ސަރުކާރުން ވަނީ މި ރަށް އެ ކުންފުނީގެ އަތުން މިދިޔަ އަހަރު ނަގައި ގުޅިފަޅު ކޯޕަރޭޝަންއާ ހަވާލުކޮށްފަ އެވެ. އަދި އެރަށަކީ ސިނާއީ މަސައްކަތްތަކަށް ހާއްސަ ތަނެއްގެ ގޮތުގައި ހަމަޖައްސާފަ އެވެ.