ވިޔަފާރި

ލުއިފުޅިއެއް އެންމެ 1000 ރުފިޔާއަށް!

މޯލްޑިވްސް ގޭސް އިން ވިއްކާ ލުއިފުޅިއެއް 1000 ރުފިޔާއެއް ލިބޭ ޕްރޮމޯޝަނެއް އެ ކުންފުނިން މިއަދު ފަށައިފި އެވެ.

މޯލްޑިވްސް ގޭސްގެ މާކެޓިން މެނޭޖާ އައިމިނަތު މުހައްމަދު ސައީދު ވިދާޅުވީ ލުއިފުޅި ޕްރޮމޯޝަންގެ ދަށުން އޭގެ ފުޅިއެއް ގަތުމަށް ރަޖިސްޓްރީ ކުރުމުގެ ފީއިން 45 ޕަސަންޓުގެ ޑިސްކައުންޓެއް ދޭނެ ކަމަށެވެ. އެގޮތުން ލުއިފުޅިއެއް ލިބޭނީ 1000 ރުފިޔާއަށް ކަމަށް އެކުންފުނިން ބުންޏެވެ. މީގެ ކުރިން ލުއިފުޅިއެއް ގަންނަން ލިބެނީ 1774 ރުފިޔާ އަށެވެ.

އައިމިނަތު ވިދާޅުވީ މިއަދުން ފެށިގެން އަންނަ މަހު 20 ގެ ނިޔަލަށް ލުއިފުޅި ޕްރޮމޯޝަން ކުރިޔަށް ދާނެ ކަމަށާއި އެގޮތުން މާލޭގެ އެކި ސަރަހައްދުތަކުގައި މޯލްޑިވްސް ގޭސްގެ ޑެސްކުތައް ބަހައްޓައިގެން އެ ފުޅިތައް ވިއްކުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން މަސްމާރުކޭޓު ސަރަހައްދާއި ސްޓެލްކޯއާއި ލޮނިޒިރާޔަތްކޮޅުގައި މޯލްޑިވްސް ގޭސްގެ މުވައްޒިފުން ހަރަކާތްތެރި ވާނެ ކަމަށް އައިމިނަތު ވިދާޅުވި އެވެ.

"މިހާރުވެސް މާލޭގެ އެކި ސަރަހައްދުގައި ބަހައްޓާފައި ހުރި ސޭލްސް ޑެސްކުތަކުން ލުއިފުޅިތައް ވަރަށް ބާރަށް ވިކެމުން އެބަދޭ. މިހާރު އަޅުގަނޑުމެން ޑިސްޕްލޭކޮށްފައި ހުރި ފުޅިތައް ވެސް ހުސްވެގެން އަލުން ގިނަ ފުޅިތައް ބައެއް ޑެސްކުތަކަށް ގެންގޮއްސި. އެހެންވެ ވަރަަށް ބޮޑު ތަރުހީބެއް އެބަ ލިބޭ މި ޕްރޮމޯޝަނަށް،" އައިމިނަތު ވިދާޅުވި އެވެ.

މޯލްޑިވްސް ގޭސްއިން މިއަދު ވަނީ އެކުންފުނިން ފޭސްބުކްގައި ކުރިޔަށް ގެންދިޔަ ޝެއާ އެންޑް ވިން ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް ހޮވައި އެ ފަރާތަށް ވެސް އިނާމް ހަވާލުކޮށްފަ އެވެ. އެގޮތުން އިނާމް ލިބުނީ އައިމިނަތު ހަސްނާއަށެވެ. ހަސްނާއަށް ލިބުނީ ލުއިފުޅިއެކެވެ.