ހުކުރު ދުވަހު އޮތް ރެޑް ބުލް ކެޗް ދަ ފެރީ ރޯޑް ރޭހުގެ އެއްވަނަ ހޯދި މުހައްމަދު ޝިފާޒް އަކީ ގައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ދުވުންތެރިއެކެވެ. އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމަށްވާ އޭޝިއަން ގޭމްސް އާއި ޢޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕާއި ކޮމެންވެލްތު ގޭމްސް އަދި ވޯލްްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ފަހުރުވެރިކަމާއެކު ޝިފާޒް ވަނީ ރާއްޖެ ތަމްސީލްކޮށްފަ އެވެ. ގައުމީ ފެންވަރުގައި ހޯދާފައިވާ ކާމިޔާބީތަކާއި ރާއްޖޭން ބޭރުގެ ބޮޑެތި މުބާރާތްތަކުގައި ރާއްޖެ ތަމްސީލްކުރަން ލިބުނު ފުރުސަތުތަކާއެކު ވެސް، ރެޑްބުލް ކެޗް ދަ ފެރީ ރޯޑް ރޭހުގެ އެއްވަނަ ހޯދުން ވެގެންދިޔައީ ޝިފާޒަށް ލިބުނު ހާއްސަ ކާމިޔާބަކަށެވެ. އެ މުބާރާތް ކާމިޔާބުކުރުމަކީ ޝިފާޒަށް ލިބުނު ފަހުރެކެވެ.
ރެޑްބުލް ކެޗް ދަ ފެރީ ރޯޑް ރޭސް ކާމިޔާބުކުރުމާއެކު، ޝިފާޒަށް ވަނީ މޭ މަހު ޑުބާއީގައި އޮންނަ ވިންގްސް ފޯ ލައިފް - ވޯލްޑް ރަންގައި ބައިވެރިވުމުގެ ފުރުސަތު ލިބިފަ އެވެ.
"މި ހަމަ ބުނެވޭނީ ވަަރަށް ބޮޑު ފަހުރެކޭ،" މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގައި ވަޒީފާ އަދާކުރަމުންދާ ޝިފާޒް ބުންޏެެވެ. "މި މުބާރާތް ކާމިޔާބުކޮށް، އެ ދުވުމުގައި (ވިންގްސް ފޯ ލައިފް - ވޯލްޑް ރަން)ގައި ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ ވަރަށް ބޮޑު އުފަލެއް."
މި އަހަރުގެ ރެޑްބުލް ކެޗް ދަ ފެރީ ރޯޑް ރޭހުގައި 400 އަށްވުރެ ގިނަ މީހުން ބައިވެރިވި އެވެ. މާލެ އާއި ވިލިނގިލި އަދި ހުޅުމާލެ ވަށައި ދުވަންޖެހޭ މި ރޭހުގެ ކުރީކޮޅު ނެގި ލީޑު ހިފަހައްޓައި، ޝިފާޒް އެއްވަނަ ހޯދީ މުހައްމަދު ނާޖިހު ފަހަތަށް ޖައްސާލުމަށް ފަހު އެވެ. ތިން ވަނަ އަށް ދިޔައީ މުހައްމަދު ރަޝީދެވެ.
ރެޑްބުލް ކެޗް ދަ ފެރީ ރޯޑް ރޭހަކީ ރާއްޖޭގައި ބާއްވާ އެހެން ރޯޑް ރޭސްތަކާ މުޅިން ތަފާތު ރޭހެކެވެ. ރޭހުގައި އެންމެ ހާއްސަކަމަކީ މާލޭ ސިޓީގެ ތިން ސަރަހަދެއްގައި މި ރޭހުގެ ބައިތައް ކުރިއަށް ދިއުމެވެ. މި މުބާރާތުގެ ބައިވެރިން ހުޅުމާލެ އާއި ވިލިނގިއްޔަށް ގެންދަން ހާއްސަ ފެރީތަކެއް އޮންނާނެ އެވެ. އެކަމަކު ކަނޑައަޅައިފައިވާ ވަގުތުކުރިން ބައިވެރިން ފެރީ އަށް އަރައިގެން ނޫނީ، ރޭހުގެ ބައިތައް ފުރިހަމައެއް ނުކުރެވޭނެ އެވެ.
އެކަމަކު ޝިފާޒް ބުނީ މި ރޭހަށް ހާއްސަ ތައްޔާރީތަކެއް ނުވާ ކަމަށެވެ. މި ރޭހަށް ވެސް އޭނާ ނުކުތީ އާންމުގޮތެއްގައި އޭނާ ކުރިއަށް ގެންދާ ޓްރެއިނިންތައް ހެދުމަށް ފަހު އެވެ.
"ވަކި ހާއްސަކޮށް މި ރޭހަށް ތައްޔާރެއްނުވަން. އެއީ ހަމަ ގަވައިދުން ޓްރެއިނިންތައް ކުރިއަށް ގެންދަން. އެހެންވީމަ މި ރޭހަށް ހާއްސަކޮށްގެން ޓްރެއިނިންއެއް ނުހަދަން،" ޝިފާޒް ބުންޏެވެ. "އެކަމަކު މި މުބާރާތް އޮތްކަން އެނގުނު ހިސާބުން، މި މުބާރާތަށް ވިސްނިން. މެންޓަލީ މި މުބާރާތަށް ތައްޔާރުވިން."
ވިންގްސް ފޯ ލައިފް - ވޯލްޑް ރަންގައި ބައިިވެރިވުމަކީ ޝިފާޒަށް އަނެއްކާ ވެސް ލިބޭނެ ތަފާތު ތަޖުރިބާއެކެވެ. ވިންގްސް ފޯ ލައިފް - ވޯލްޑް ރަން އަކީ އެހެން ދުވުންތަކާ ތަފާތު ދުވުމެކެވެ. ވިންގްސް ފޯ ލައިފް – ވޯލްޑް ރަން އަކީ ސްޕައިނަލް ކޯޑް އަށް ލިބޭ އަނިޔާތަކާ މެދު ހޭލުންތެރިކުރުވުމަށް ވިންގްސް ފޯ ލައިފް އިން އިންތިޒާމްކޮށްގެން މިދިޔަ އަހަރު ބާއްވަން ފެށި ދުވުމެކެވެ. މިދިޔަ އަހަރު މި ދުވުމަށް ބޮޑު ތަރުހީބެއް ލިބުނެވެ. މި ދުވުމުން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާކުރަނީ ޗެރިޓީއަށެވެ.
މޭ މަހުގެ ތިން ވަނަ ދުވަހު ދުނިޔޭގެ 35 ސަރަހަދެއްގައި ކުރިއަށްދާ ވިންގްސް ފޯ ލައިފް ވޯލްޑް ރަންގައި މިހާރު 50،000 މީހުން ވަނީ ބައިވެރިވެފަ އެވެ. މި ރޭހުގައި އެމެޗުއާ ދުވުންތެރިންނާޢި ޕްރޮފެޝަނަލް ދުވުންތެރިން އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ފުރޮޅުލީ ގޮނޑި ބޭނުންކުރަންޖެހޭ މީހުންނަށް ވެސް ބައިވެރިވެވޭނެ އެވެ. ދުނިޔޭގެ ހުރިހާ ސަރަހައްދެއްގައި ވެސް މި ރޭސް ފަށާނީ އެއް ވަގުތެއްގަ އެވެ.
އާންމުކޮށް ބާއްވާ އެހެން ރޭސްތަކާ ވިންގްސް ފޯ ލައިފް - ވޯލްޑް ރަންގެ އެއްވަަނަ ހޮވާ ގޮތް ވެސް ތަފާތެކެވެ. މި ދުވުމުގައި ބައިވެރިވާ ދުވުންތެރިންގެ ޓައިމިން ބަލާ "ކެޗާ ކާ" ކޮންމެ ދުވުންތެރިޔަކާ އަރާ ހަމަވުމުން އެ ދުވުންތެރިއެއްގެ ރޭސް ނިމުނީ އެވެ. އެއްވަނަ އަށް ދާނީ އެ ކާރަށް އެންމެ ފަހުން އަތުވާ ދުވުންތެރިޔާ އެވެ. "ކެޗާ ކާ" ނައްޓާލާނީ ރޭސް ފަށާތާ 30 މިނިޓު ފަހުންނެވެ.