ރާއްޖެ ކުޅިވަރު

ޒުވާން ގައުމީ ޓީމުގެ ކެޕްޓަނަކަށް މާޒިޔާގެ އިރުފާން

އޮމާންގައި ހޯމަ ދުވަހު ފަށާ އޭއެފްސީ 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކެޕްޓަނަކަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ މިޑްފީލްޑަރު މުހައްމަދު އިރުފާން (އިރޭ) ހަމަޖައްސައިފި އެވެ.

ހަވީރުން ހޮވި 2014 ވަނަ އަހަރުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި އިރޭ ކެޕްޓަނަކަށް ހަމަޖެއްސީ 23 އަހަރުން ދަށުގެ ޓީމުގެ ކުޅުންތެރިންގެ މެދުގައި ނެގި ވޯޓަަކަށް ފަހު އެވެ. ޓީމުގެ ވައިސް ކެޕްޓަނަކަށް ހަމަޖައްސާފައިވަނީ ކްލަބް އީގަލްސްގެ މުހައްމަދު މުސްލިހު އެވެ.

ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެެ ކެޕްޓަން އައްސަދު އަބްދުލް ގަނީގެ އިރުޝާދުގެ ދަށުން ކޮލިފައިން އަށް ނުކުންނަ 23 އަހަރުން ދަށުގެ ޓީމު މިއަދު އޮމާން އަށް ފުރާނެ އެވެ.

ކޮލިފައިންގެ ގުރޫޕް އޭގައި ރާއްޖެއާއެކު އޮތީ މި ގުރޫޕްގެ މެޗުތައް ބާއްވާ ގައުމު ކަމަށްވާ އޮމާން އާއި ބަހުރޭނާއި ލެބަނަން އަދި އިރާގެވެ.

މި ގުރޫޕްގައި ކުޅެންޖެހޭ ފުރަތަމަ މެޗުގައި ހޯމަ ދުވަހު ރާއްޖެ ނުކުންނާނީ ލެބަނަންއާ ދެކޮޅަށެވެ. ދެވަަނ މެޗުގައި ބުދަ ދުވަހު ބަހުރޭންއާ ބައްދަލުކުރާއިރު، މި މަހުގެ 27 ވަނަ ދުވަހު ރާއްޖެއާ ދެކޮޅަށް ނުކުންނާނީ އިރާގެެވެ. މި މަހުގެ 29 ވަނަ ދުވަހު ރާއްޖެއާ ކުރިމަތިލާނީ އޮމާން އެވެ.