ހަބަރު

ދީނީ، ގައުމީ ރޫހު އާލާކުރުމުގެ ބިޔަ މަޝްރޫއު އަންނަ މަހު ފަށަނީ

މި އަހަރު ރިޔާސީ ބަޔާނުގައި ރައީސް އިއުލާން ކުރެއްވި ދިވެހިންގެ މެދުގައި ދީނީ އަދި ގައުމީ ރޫހް އާލާކުރުމަށާއި އިސްލާމީ ވަހުދަތާއި އިސްލާމީ ހަޟާރަތު ދިރިވުމުގެ ގައުމީ މަޝްރޫއު އަންނަ މަހުގެ އެއްވަނަ ދުވަހު ފެށުމަށް ނިންމައިފި އެވެ.

ސަރުކާރުން ތިން އަހަރުގެ މުއްދަތަކަށް ހިންގާ މި މަޝްރޫއުގެ ބޭނުމަކީ ދިވެހިންގެ މެދުގައި ހާއްސަކޮށް، ދަރިވަރުންނާއި ޒުވާނުންގެ މެދުގައި އިސްލާމީ ވަހުދަތާއި، އިސްލާމީ ހަޟާރަތާއި، ދީނީ އަދި ގައުމީ ރޫހު އާލާކުރުމެވެ.

މިއަދު ރައީސް އޮފީހުގައި މި މަޝްރޫއު ހިންގުމުގައި އިސްކޮށްއުޅުއްވާ، މިނިސްޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، އަންނަ މާޗް މަހުގެ އެއްވަނަ ދުވަހުގެ ރޭ މި މަޝްރޫއު ފެށުމަށް ބޮޑު ރަސްމިއްޔާތެއް ބާއްވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ތާރީހުގައި ހިނގާފައިވާ ހާދިސާތަކުންނާއި އިހުގެ އަބުތޯލުންގެ ފަރާތުން އިބްރަތް ލިބިގަނެ، މި ޖީލަކީ ހަރުދަނާ ޖީލަކަށް ހެދުމަށް މި މަޝްރޫއުގެ ދަށުން ވަރަށް ބޮޑެތި މަސައްކަތްތަކަކާއި ހަރަކާތްތަކެއް ހިންގާނެ ކަމަށެވެ. މި މަޝްރޫއު ފެށުމަށް ރައީސް ޔާމީން އިސްނެންގެވީ ވެސް ޒުވާނުންނާއި ދަރިވަރުންނަކީ ހަރުދަނާ ބަޔަކަށް ހެދުމުގެ ގޮތުން ކަމަށެވެ.

މި މަޝްރޫއު ކުރިއަށް ގެންދިޔުމަށް މިހާރު ވަނީ ކޮމެޓީއެއް އެކުލަވާލާފަ އެވެ. އެ ކޮމެޓީގައި އިސްކޮށް ތިއްބަވާ ހަތަރު މިނިސްޓަރުންނަކީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި ހޯމް މިނިސްޓަރު އަހުމަދު އަޒްލީނާއި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމާއި އިސްލާމިކް މިނިސްޓަރު އަހުމަދު ޒިޔާދެވެ. އޭގެއިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަހުމަދު ޝިޔާމާއި، އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަ މުހައްމަދު ޝަހީމާއި އަބްދުﷲ ފާރޫގާއި، ޕީއެސްއެމްގެ ފަރާތުން އެތަނުގެ ޗެއާމަން އިބްރާހިމް އުމަރު މަނިކާއި، އެތަނުގެ މެނޭޖިން ޑިރެކްޓާ އިބްރާހީމް ހަލީލު އަދި ރައީސް އޮފީހުގެ ފަރާތުން އަބްދުއްރަޝީދު ހުސައިން މި ކޮމެޓީގައި ހިމެނިވަޑައިގަންނަވަ އެވެ. މަޝްރޫއުގެ ބޮޑެތި ހަރަކާތްތައް ހިންގާނީ ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ.

"މައިގަނޑު ގޮތެއްގައި ޒުވާނުންނާއި ދަރިވަރުންނަށް ހަރަކާތްތައް ހިންގޭނެ، އޭގެ ތެރޭގައި މަޝްވަރާ ބައްދަލުވުންތައް ބޭއްވުމާއި ޕޯސްޓަރު ކުރެހުން މަޒުމޫން ލިޔުން އަދި މި ނޫން ވެސް މަލްޓިމީޑިއާ ބޭނުންކޮށްގެން ތަފާތު ހަރަކާތްތައް ހިންގުމާއި އަދި ތަމްސީލު ޑްރާމާ ކުޅުމުގެ ހަރަކާތްތަކާއި މަލްޓިމީޑިއާ ބޭނުންކޮށްގެން ޕްރެޒެންޓޭޝަންތައް ދެއްކުން ފަދަ ހަރަކާތްތައް ހިމެނޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މި މަޝްރޫއު އަންނަ މަހުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށް ކުރިއަށް ގެންދާއިރު މަޝްރޫއު ނިކުންނަ ނަތީޖާއަކަށް ބެލުމަށްފަހު މިފަދަ މަޝްރޫއުތައް ވެސް ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މި މަޝްރޫއަކީ ސިޔާސީ މަޝްރޫއެއްގެ ބަދަލުގައި ކުރިއަށް ދާނީ އިޖުތިމާއީ ހަރަކާތެއްގެ ގޮތުގައި ކަމަށް ވިދާޅުވި އެވެ. ސިޔާސީ ޕާޓީތަކަށް ޕާޓީގެ ގޮތުގައި މި މަޝްރޫއުގައި ބައިވެރިނުވެވޭނެ ކަމަށާއި އެހެންނަމަވެސް އަމިއްލަ ފަރާތްތަކަށް މަޝްރޫއުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޝިހާމް ވިދާޅުވީ، މަޝްރޫއު ކުރިއަށް ގެންދާނީ ވީހާވެސް ބޮޑަށް ދަރިވަރުންނަށް އޭގައި ޝާމިލުވެވޭނެ ގޮތަށް ކަމަށެވެ. އެގޮތުން އެޕްތަކެއް ތައާރަފްކޮށް މަޝްރޫއުގެ ތެރޭގައި ވީހާވެސް ބޮޑަށް ދަރިވަރުން ޝާމިލުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޑިފެންސް މިނިސްޓަރު ވިދާޅުވީ، މި މަޝްރޫއުގެ ހަރަކާތްތައް ކުރިއަށް ގެންދާނީ އެންމެ ހަރަދުކުޑަ ގޮތެއް ބަލައިގެން އެގޮތަކަށް ކަމަށެވެ. މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ މިހާރު ވެސް ފައްޓާފައިވާ ބޮޑެތި މަޝްރޫއުގެ ތެރެއިން ކަމަށެވެ.