ހަބަރު

އާއިލީ ބަދަލުހިފުމެއްގައި ދެމަފިރިއަކާއި ހަތަރު ދަރިން މަރާލައިފި

ޕާކިސްތާނު އަންހެނަކު މީގެ 30 އަހަރު ކުރިން ރޫޅާލި ކައިވެންޏެއްގެ މައްސަލާގައި އެ އަންހެން މީހާ އާއި ހަތަރު ދަރިންގެ އިތުރުން ފިރިމީހާ ވެސް މަރާލައިފި އެވެ. 

ފުލުހުން ބުނީ މި އަމަލު ހިންގާފައިވާ ކަމަށް ބެެލެވެނީ 30 އަހަރު ކުރިން ކުރި ކައިވެންޏަށް ލިބިފައިވާ ދަރިއަކު އެހެން ތިން މީހަކު ލައްވައި ކަމަށެވެ. އަދި އެ އާއިލާގެ މެންބަރުން ހަމަލާ ދީފައި ވަނީ ކޯރާޑީ އާއި ވަޅި ފަދަ ތަކެތިން ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެއް އާއިލާގެ ހަ މެންބަރުން މަރާލާފައި ވަނިކޮށް ފެނިފައި ވަނީ މިދިޔަ ބުދަ ދުވަހު އެ ގެޔަށް ކިރު ހިފައިގެން ދިޔަ މީހަކަށެވެ. އެ ގޭތެރޭގައި ހަ މީހުން މަރާލާފައި އޮތް އިރު އައިޝާ ނަމަށް ކިޔާ އަންހެން ކުއްޖަކު ޒަހަމްތަކާ އެކު ވަނީ މަރުން ސަލާމަތް ވެފަ އެވެ. އައިޝާއާ ހަވާލާދީ ފުލުހުން ބުނެފައި ވަނީ އޭނާގެ އާއިލާ މަރާލާފައި ވަނީ މަންމަގެ ފުރަތަމަ ކައިވެންޏަށް ލިބިފައިވާ ފިރިހެން ދަރިއަކު އެ ގެޔަށް ޒިޔާރަތްކުރިތާ ދުވަސްކޮޅެއް ފަހުން ކަމަށެވެ.

ޕާކިސްތާނުގައި އަންހެނަކު ފިރިމީހާ ގާތުން ވަރިވެގެން ދިއުމަކީ ވަރަށް ނާދިރު ކަމެކެވެ. އަދި އެފަދަ ކަމެއް ކޮށްފި އަންހެނަކަށް މުޖުތަމައުގެ ފުރައްސާރައާ ކުރިމަތިވެ އެވެ. އައިޝާއާ ހަވާލާދީ ފުލުހުން ބުނީ އާއިލާ އެއްކޮށް މަރާލަނީ ބައްޕަ ދޫކޮށްލާފައި ދިޔުމުން މަންމަގެ ކިބައިން ބަދަލު ހިފުމަށް ކަމަށް ދޮށީ ދަރިފުޅު ބުނެފައިވާ ކަަމަށެވެ.

ފުލުހުން ބުނީ މިއީ ޕާކިސްތާނުގައި އާންމުކޮށް ހިންގާ "އޮނަ ކިލިން" ނުވަތަ އާއިލާގެ ޝަރަފަށް ކަމަށް ބުނެ ހިިންގާފައިވާ ޖަރީމާއެއް ކަމަށެވެ. ޕާކިސްތާނުގައި މިފަދަ މަރުގެ މައްސަލަތައް ތަހުގީގުކޮށް ކުށްވެރިންނަށް އަދަބު ދެނީ ވަރަށް މަދުންނެވެ. –އޭޕީ