ކުޅިވަރު

ނިއުގެ ޗެއާމަންގެ ވިސްނުން މިއަދަށް އެކަންޏެއް ނޫން، މާ ދުރަށް

ރާއްޖޭގެ އެންމެ ބޮޑު ކުލަބު ނިއުރޭޑިއަންޓާ، އެ ކުލަބުގެ މިހާރުގެ ޗެއާމަން މުހައްމަދު ޒިޔާދު ހަވާލުވީ، މާ ކަނޑެއްގެ މެދު ތެރެއަށް ކުލަބު ބެހިގެން ދަނިކޮށޭ، ބުނުން ދޮގަކަށް ނުވާނެ އެވެ. ނިއު އަކީ ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ކާމިޔާބު ކުލަބެވެ. އެ ކުލަބު ކަންތައްގަނޑެއްގެ ތެރޭގައި އޮތުމަކީ، ދިވެހި ފުޓްބޯޅަ އަށް ކެތް ކުރެވޭނެ ކަމެއް ނޫނެވެ. ނިއު ގައި އަޅާ ކޮންމެ ވޭނެއްގެ އަސަރު ދިވެހި ފުޓްބޯޅަ ބަރުދާސްތު ކުރާނެ އެވެ.

ޒިޔާދުއާ އޭނާގެ ޓީމު ހަވާލުވެ ވަޑައިގެންނެވީ، އެއްއިރެއްގައި ރާއްޖޭގައި އޮތް އެންމެ ކާމިޔާބު ކުލަބާ ކަން، މުޅި ރާއްޖެ ދަންނާނެ އެވެ. ނަމަވެސް ކުލަބު އޮތް ހާލެއް ގިނަ ބަޔަކަށް ނޭނގެ އެވެ. ކިތަންމެ ގިނަ ތައްޓެއް ނިއުގެ ހަރުގައި ހުއްޓަސް، ކުލަބު އޮތީ ހިންގުން ތެރިކަމާއި މެނޭޖްމެންޓް ލެވަލުގައި މާ ފަހަތުގަ އެވެ. ކުލަބުގެ ދަރަނި ދެ މިލިއަނާ ގާތް ކުރެ އެވެ. ކުލަބުގެ ހަރު މުދަލަށް ވީ ގޮތެއް ވެސް ނޭންގެ އެވެ.

އަވަސް އަށް ދެއްވި ހާއްސަ އިންޓަވައުއެއްގައި ޒިޔާދު ވިދާޅުވީ، އަޑު އަހަން މާ ފަސޭހަ ވާހަކަ އެއް ނޫނެވެ. ފުޓްބޯޅަ އަށް ލޯބި ކުރާ ކޮންމެ މީހެއްގެ ހިތް ވީދިގެންދާ ކަހަލަ ވާހަކަ އެކެވެ.

"އަޅުގަނޑުމެންނަށް ހަވާލުވާން ލިބުނީ ނަމެއް، 37 އަހަރުވީ ކުލަބަކާ ބަލާފައި އަޅުގަނޑު އެކްސްޕެކްޓް ކުރި ގޮތަކަށް ނޫން ކަންތައްތައް ހުރީކީ، މިސާލަކަށް، ޓްރެއިނިން އަށް ބޭނުވާ ފެސިލިޓީ އެއްވެސް ނެތް، އެއިކުއިޕްމެންޓެއް ވެސް ނެތް، ސްޓޮކެއް ރަނގަޅަށް ބެލެހެއްޓިފަ އެއް ނެތް، އިންވެންޓްރީ ބެލެހެއްޓިފަ އެއް ނެތް، ބޯޅަ އެއް ފަޅައިގެން ދިޔަ ނަމަވެސް އެ އިންނަން ޖެހޭނެތާ ލިޔެވިފައި ހުންނަން، ނަމަވެސް އެއިން އެއްވެސް ކަމެއް ނެތް. އަޅުގަނޑުމެންނަށް ޖެހުނީ އެ ހުރިހާ ސާމާނެއް އަލުން ގެންނަން،" ރާއްޖޭގެ އެންމެ ބޮޑު ކުލަބު އަދި އެންމެ ކާމިޔާބު ކުލަބު ނިއުރޭޑިއަންޓާ، އޭނާ ހަވާލުވި އިރު އޮތް ހާލަތު ސިފަ ކޮށްދެއްވަމުން ޒިޔާދު ވިދާޅުވި އެވެ.

ފުޓްބޯޅައިގައި އެންމެ މުހިންމު ކަމަކީ ތަށި ހޯދުމެއް ނޫނެވެ. ތަށި ހޯދުމާ އެއްވަރަށް، ދެމެހެއްޓެނިވި ގޮތެއްގައި ކުލަބެއް ހިންގަމަކީ، ފުޓްބޯޅައިގެ ޒަމާނީ ވިސްނުމުގައި ކާމިޔާބީ އެކެވެ. ނިއުގެ ހަޔާތުގައި ވަރަށް ހިދުމަތް ތެރި ޗެއާމަނުން ކުލަބުގެ ލީޑާޝިޕާ ހަވާލު ވެއްޖެ އެވެ. ގިނަ ތަށި ތައް ހޯއްދަވައި ދެއްވި އެވެ. ނަމަވެސް އެއިން އެއްވެސް ޗެއަމަނަކަށް ނުކުރެވުނު ކަމަކީ، ދެމެހެއްޓެނިވި ގޮތެއްގައި ކުލަބު ހިންގެވު މެވެ.

ޒިޔާދުގެ ރޯލް ތަފާތު ވަނީ އެހެންވެ އެވެ. އޭނާ ގަބޫލު ކުރައްވާ ގޮތުގައި، ތަށި ހޯދުމާ އެއްވަރަށް ކުލަބު ދާއިމީ ގޮތެއްގައި ދެމެހެއްޓެނިވި ގޮތުގައި ހިންގޭނެ މެކޭނިޒަމެއް ގާއިމު ކުރުމަކީވެސް މުހިންމު ކަމެކެވެ.

ރާއްޖޭގެ ކުލަބުތައް ހިންގުމުގައި ދިމާވާ އެންމެ ބޮޑު މައްސަލައަކީ، މާލީ ހިސާބުތައް ރަނގަޅަށް ބެލެހެއްޓިފައި ނެތުމެވެ. ނިއު އަށް ވެސް މި މައްސަލަ ކުރިމަތިވެފައިވާ ކަމަށް، ޒިޔާދު ވިދާޅުވި އެވެ. އަދި ރާއްޖޭގެ ދުވަސްވީ އެހެން ބައެއް ކުލަބުތަކުގައި މި ކަހަލަ މައްސަލަތައް ކިހާވަރަކަށް ހުންނާނެ ބާއެވެ.

"މިދިޔަ ތިން އަހަރު ތެރޭ އެބަހުރި ކުލަބަށް ފައިސާ ވަންނާނެ ގޮތްތަކެއް، މިސާލަކަށް އެކެޑެމީ އަކީވެސް ކުލަބަށް ފައިސާ ވަންނާނެ ގޮތެއް، ނަމަވެސް ބުކްސް (މާލީ ހިސާބު) ތަކަކުން އެއިން އެއްވެސް ކަމެއް ނުހުރޭ ފެންނާކަށް، ކުލަބަށް ފައިސާ ވަންނަންޏާ ޖެހޭނެ ދެއްތޯ ރަނަގަޅަށް އެކަންކަން ބެލެހެއްޓިގެން ކުރިއަށްދާން،" ޒިޔާދު ވިދާޅުވި އެވެ.

މިއީ އިދާރީ ހިންގުމުގައި ނިއު އޮތް ހިސާބު ވަޒަން ކުރެވޭ ކުޑަ މިންވަރެކެވެ. އެހެންވެ ޒިޔާދު އަށް މަސައްކަތް ވަކި ކުޑައެއް ނޫނެވެ. އެކަންކަން ހައްލު ކޮށް ކުރިއަށް ގެންދަން އޭނާ އަށް އޮތީ ދިގު މަގެ ކެވެ. މާލީ ހިސާބުތައް ފުރިހަމަ ކުރެވިގެން ނޫނީ، ދުރަށް ފިޔަވަޅެއް އެޅޭކަށް ނެތެވެ. އެއީ މިޒަމާނުގެ އޮގަނައިޒޭޝަންތަކުގެ ލީޑާޝިޕާއި މެނޭޖްމެންޓްގެ މަސައްކަތް ފެށޭ ހިސާބެވެ. ސްޕޮންސަރުންގެ އިތުބާރު ހޯދައި، ކުލަބުގެ އިންވެސްޓްމެންޓްތަކަށް ފައިނޭންސަރުން ހޯދުމުގެ މަސައްކަތުގައި، އެބައި ދޫކޮށްލާފައި ދެވޭކަށް ނޯވެ އެވެ.

"އަޅުގަނޑުމެން ބޭނުންވޭ ތާޑް ޕާޓީގެ އޮޑިޓެއްވެސް ހަދަން، ވަކި ބަޔަކު ބްލޭމް ކުރަކަށް ނޫން، އަޅުގަނޑުމެން ބޭނުންވަނި އަސްލު މިއެއްޗިހި ކްލިއާ ކުރަން، އަޅުގަނޑުމެންގެ އިލެކްޝަން އޮތް ރޭ މިދިޔަ އަހަރުގެ ދައުރުގެ ބޭފުޅުން ހުށަހެޅި ރިޕޯޓްގައި އެބައޮތް އެބޭފުޅުންގެ ކުރީގެ ދައުރު ނިމި ތިމަންނަ މެންނާ ހަވާލުވިއިރު ވެސް ވަރަށް ބޮޑު ދަރަންޏެއް އޮތް ވާހަކަ، އެހެންވެ އެވެސް ކެރީފޯވަޑް ކުރަމުން މި އަންނަނީ،" ޒިޔާދު ވިދާޅުވި އެވެ.

ނިއުގައި ގިނަ ލޯވަޅުތަކެއް އެބަހުއްޓެވެ. އެއީ ކުލަބު ހިންގުމުގައި ހުރި ފޫނުބެދުން ތަކެވެ. ޒިޔާދު އަމާޒު ކޮށްގެން ހުރި މި އަހަރުތެރޭ، ސިސްޓަމެޓިކް ޕްލޭނަކަށް ނިއުގެ ހިންގުން ފައްތާލުމެވެ.

"އަމިއްލަ އަށް ފައިސާ ހޯދައިގެން އެކަން ކުރެވޭނެ ވަރުގެ ބަޖެޓެއް ކުލަބު ތަކަށް ހަމަ ޖެނަރޭޓް ކުރެވޭނެ ރަނގަޅު ޕްލޭނެއްގެ ދަށުން މަސައްކަތް ކޮށްފިއްޔާ، އަޅުގަނޑުގެ ޓާގެޓަކީ އެކަހަލަ ވިސްނުމަކަށް މިއަހަރު ނިއުރޭޑިއަންޓްވެސް ފައްތާލުން،" ޒިޔާދު ވިދާޅުވި އެވެ.

ކުއްލި ހައްލެއް ހޯދައިގެން ކުރިއަށް ދެވިދާނެ އެވެ. ނަމަވެސް ނިކަން އަވަހަށް ބިންދައިގެން ވެއްޓި ޖެހިދާނެ ކަން، ރާއްޖޭގެ ފުޓްބޯޅައިން އެކަނިވެސް ތަރުޖަމާ ކޮށްދެ އެވެ. ޒިޔާދުގެ ވިސްނުން ހުރީ އަވަސް އަރުވާލައިގެން ހައްލު ތަކެއް ހޯދުމަށް ވުރެ ކުރިމަގަށް އަމާޒު ކޮށްގެން ރޭވުންތަކެއް ރޭވު މެވެ.

"އިމީޑިއެޓްލީ ހައްލު ތަކެއް ހޯދާލައިގެން ކުރާކަށް ނޫން، އަޅުގަނޑުމެން ހަވާލުވި އިރު ވެސް ބައިވަރު ލޯވަޅު ތަކެއް ހުރީމަ، އެ ލޯވަޅުތައް ބެއްދުމާ މިހުރިހާ މަސައްކަތެއްވެސް އަޅުގަނޑުމެން ކުރަން ޖެހޭ އެބަ، އެހެންނަމަވެސް އަޅުގަނޑުގެ ފޯކަސް މިއިނީ ކުރިމަގަށް،"

ކުރިމަގަށް އަމާޒު ކޮށްގެން ޒިޔާދު ވަނީ ބައެއް މަޝްރޫތައް މިހާރު ވެސް އިއުލާން ކޮށްފަ އެވެ. އެގޮތުން ނިއުގެ ކުލަބު ހައުސް އެއް ގާއިމު ކުރުމާއި ސަޕޯޓަރުން ޖަމާ ވެވޭނެ ގޮތަށް ކެފިޓޭރިއާއެއް ހިންގުން ހިމެނެ އެވެ. މިހުރިހާ ކަމެއް ގުޅޭނީ ޓީމަށް ފައިސާ ވަންނާނެ ގޮތްތައް ގާއިމު ކުރުމަށެވެ. ކުރިއަށް އޮތް ދޮޅު އަހަރެއް ނުވަތަ ދެ އަހަރު ތެރޭ، ކުލަބަށް ފައިސާ ވަންނާނެ ދޮރުތައް ހުޅުވާނެ ކަމުގެ ޔަގީންކަން ޒިޔާދު ދެއްވި އެވެ.

"އަޅުގަނޑުމެން ބޭނުމެއް ނުވޭ އަޅުގަނޑުމެންގެ ދައުރު ނިމިގެން ދާއިރު، އެހާ ބޮޑު ގެޕެއް ދެން އަންނާނެ ބަޔަކާ ހަވާލު ކޮށްފައި ދާކަށް، (އެކަމަކު) އެހެން ނުވާތީ ރާއްޖޭގެ ކުލަބު ތައް ފައިނޭންޝިއަލީ ކުރިވެސް ނާރަނީ، ދަނޑު މަތިގައި ކުޅުންތެރިން ތަށި ހޯދަން ކުރާ މަސައްކަތުގެ އިތުރަށް މެނޭޖްމެންޓް ތިއްބެވި ބޭފުޅުން ވެސް އެބަޖެހޭ ކުލަބު ހިންގެވުމުގައި ސަސްޓެއިނަބަލް ފޯމިއުލާ ތަކެއް ތާރަފު ކުރަން،" ޒިޔާދު ވިދާޅުވި އެވެ.

އެންމެ ފުރަތަމަ ފަށަން ޖެހޭ މަސައްކަތް ނިއުއިން މިފެށުނީ މާފަހުން ނެވެ. ނަމަވެސް ފަސް ވިޔަސް، އެމަސައްކަތުގެ ކާމިޔާބު މާ ބަރެވެ. އެހުރިހާ މަސައްކަތެއް ފުރިހަމަ ކޮށް ނިމޭއިރު، ނިއު އަކީ އަމިއްލަ ފައި މައްޗަށް ކޮޅަށް ތެދުވެފައި އޮތް ކުލަބަކަށް ވެގެންދާނެ ކަމުގެ ފެހި ސިގުނަލް ޒިޔާދު ދެއްވަ އެވެ.