ހަބަރު

ބަންދުކުރީ ބަންގަލޯއެއްގައި، އެތަނަށް ގެންދިޔައީ ނުރުހުމުގައި: ރައީސް

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނު ހައްޔަރުކުރީ ގަދަކަމުން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ. ރައީސް ޔާމީން ހައްޔަރުކުރީ 2010 ވަނަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހު އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު މި މައްސަލާގައި ރައީސް ޔާމީން ދެއްވި ބަޔާނުގައި ވަނީ އެ ހާދިސާ ހިނގާދިޔަ ގޮތް ވަރަށް ތަފްސީލްކޮށް ކިޔައިދެއްވާފަ އެވެ. އެމަނިކުފާނު ބަޔާނުގައި ވިދާޅުވެފައިވަނީ، ޖުލައި މަހުގެ 14 ވަނަ ދުވަހުގެ ރޭ އޭރުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ދިރިއުޅުއްވި ގ. އާބިން ގެއަށް ވަޑައިގެން އޭނައާ ބައްދަލު ކުރެއްވި ކަމަށެވެ. އޭރު އެމްޑީޕީގެ ޖަލްސާއެއް ޓީވީއިން ދައްކަމުންދިޔަ ކަމަށް ވިދާޅުވި އެވެ. އެ ޖަލްސާގައި ރައީސް ޔާމީން ހުންނަން ޖެހޭނީ ޖަލުގައި ކަމަށް ގޮވަމުން ދިޔަ ކަމަށް ވެސް ވިދާޅުވި އެވެ.

އޭގެއިތުރުން އެމަނިކުފާނު ދިރިއުޅުއްވާ ގ. ދޫވެހި ކައިރިއަށް ބަޔަކު އެއްވެ، އަޑުގަދަކޮށް ހަޅޭއްލަވައި ގެއަށް ގަލާއި ފުޅިފަދަ ތަކެތި އުކާފައިވާ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ. އޭގެ އިރުކޮޅެއް ފަހުން އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލު ގުޅުއްވި ކަމަށާއި ހިމާޔަތްދޭން ބޭނުންވާ ކަމަށް ޖަލީލު ވިދާޅުވި ކަމަށް ރައީސް ވިދާޅުވި އެވެ.

ޖަލީލު އެހެން ވިދާޅުވުމުން ހިމާޔަތް ބޭނުންނުވާ ކަމަށާއި ހިމާޔަތް ދޭން ބޭނުންނަމަ ގޭގައި ތިބި އަނބި ދަރިންނަށް ހިމާޔަތް ދިނުމަށް އެދުނިން ކަމަށް ރައީސްގެ ބަޔާނުގައިވެ އެވެ.

"އެގޮތަށް އަޅުގަނޑު މޫސާ އަލީ ޖަލީލު ގާތު ބުނި ނަމަވެސް ތަކުރާރުކޮށް އަޅުގަނޑު ގާތު ބުނަމުން ދިޔައީ އިތުރު ގޮތެއް ނެތް ކަމަށާއި މިހާރުން މިހާރަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯސްގެ ހެޑްކުއާޓާސްއަށް އައުމަށެވެ،" ރައީސް ވިދާޅުވި އެވެ.

ނަމަވެސް މޫސާ ޖަލީލު ތަކުރާރުކޮށް ގުޅުއްވި ކަމަށާއި އަދި އިތުރު ގޮތެއް ނެތްކަން ވެސް އެންގެވި ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ހުރިތަނަކަށްގޮސް ދޮރުވައްޓާލާފައި ގަދަކަމުން ވަދެގެން ވެސް އަޅުގަނޑު ގެންދަން މަޖުބޫރުވާ ކަމަށް ދެންނެވުމުން، މީހެއްގެ ގެއަށް ގެއްލުންލިބެން އަޅުގަނޑު ބޭނުންނުވާތީ އެމްއެންޑީއެފްއަށް ދާނެ ކަމަށް ބުނިން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އެ ގެ ކައިރިއަށް ސިފައިން އައިސް އެމަނިކުފާނު ބަންޑާރަކޮށްޓަށް ގެންދިޔަ ކަމަށެވެ. އާ ރަށަށް އެމަނިކުފާނު ގެންދިޔައީ ފަތިސްވަންދެން އެތަނުގައި ބެއިންދުމަށްފަހުގަ ކަމަށެވެ. އާ ރަށަށް ގެންދިޔައީ ހިމާޔަތް ދިނުމަށް ބޭނުންވާ ކަމަށާއި އެ ނޫން އެހެން ގޮތެއް ނެތް ކަމަށް ބުނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ނުދާން ގަދަހަދާނަމަ ގަދަކަމުން ވެސް ގެންދާނެ ކަމަށް މޫސާ އަލީ ޖަލީލު އެތަނަށް އައިސް ބުންޏެވެ،" ރައީސް ތަހުގީގު ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނު އާ ރަށުގައި ބެހެއްޓީ ބަންގަލޯއެއްގަ ކަމަށެވެ. ނަމަވެސް އެއީ 100 ފޫޓަށްވުރެ ދުރަށް ނުދެވޭ ގޮތަށް ކަމަށެވެ. ބަންދުކޮށްފައި ބެހެއްޓި ނަމަވެސް ފޯނު އަތުނުލާ ކަމަށް ވިދާޅުވި އެވެ. އެތަނުގައި ހުންނަވާ އެކި ގައުމުތަކުގެ ޑިޕްލޮމޭޓުންނަށާއި އެކި ގައުމުތަކުގެ ސަފީރުންނަށް ގުޅުއްވި ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ. އެ ތަނުގައި ނުވަ ދުވަސް ވަންދެން އެމަނިކުފާނު ބަންދުކޮށްފައި ބެހެއްޓި އެވެ.

އެ ނުވަ ދުވަހުގެ ތެރޭގައި އާއިލާއާ ބައްދަލުކުރަން އެއް ގަޑިއިރު ނޫނީ ދެ ގަޑިއރު ދީފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ވަކީލުންނާ ބައްދަލުކުރަން ވެސް 45 މިނެޓް ދިން ކަމަށެވެ. އެމަނިކުފާނުން ބަންދުން ދޫކޮށްލީ ޔޫއެސް ޑިޕްލޮމޭޓް އެކަމަށް ސަރުކާރުގައި އެދިވަޑައިގަތުމުން ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވީ އެމްއެންޑީއެފްގެ ހިމާޔަތުގައި ކަމަށް ބުނެ ނުރުހުމުގައި އާރަށުގައި ބަހައްޓާ މިނިވަންކަމެއް ނެތި އެއްވެސް ކަމެއް ނުކުރެވޭ ގޮތަށް އަދި އެއްވެސް ތަނަކަށް ނުދެވޭ ގޮތަށް ބަހައްޓާފައިވާ ބެހެއްޓުމަކީ ހައްޔަރެއް ކަމަށެވެ. އެހެންކަމުން އެ މައްސަލާގައި ދައުވާކުރަން ބޭނުންފުޅުވާ ކަމަށެވެ.

މި މައްސަލާގައި ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލްގެ މައްޗަށް ވަނީ ދައުވާކޮށް، ޝަރީއަތް ވެސް ފަށާފަ އެވެ. އަދި ރައީސް ނަޝީދާ ދެކޮޅަށް މި މައްސަލާގައި ދައުވާކުރުމަށް ވަނީ ފޮނުވާފަ އެވެ.