އަންނަ މަހު ޔާރާ ޕްރޮޑަކްޝަން އިން ނެރުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ވިޝްކާ" އޭގެ ރެޑްކާޕެޓަށް ފަރިކުރަމުން އަންނައިރު ފިލްމުގެ ބަތަލާ އަދި ޕްރޮޑިއުސަރު އައިޝަތު ރިޝްމީއާ އެކު މި ކުލަގަދަ ހަފުލާ އަށް ދިއުމުގެ ބަދަލުގައި އެއް ބަޔަކު ތައްޔާރުވަމުން ދަނީ ކޯޓަށް ދިއުމަށެވެ. -- ފިލްމުގެ މިލްކުވެރިކަމުގެ މައްސަލާގައި ރިޝްމީ ގޮވައިގެން ކޯޓަށް ދާނެ ކަމުގެ އިންޒާރު ކޮކޯ ހަސަން ހަލީމު މި ވަނީ ދީފަ އެވެ.
ފިލްމީ ދާއިރާގައި 25 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކޮށް ޔާރާ ޕްރޮޑަކްޝަންގެ ގިނަ އުފެއްދުންތަކެއްގައި ވެސް މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ކެމެރާމަން، ކޮކޯ ހަސަން ބުނަނީ "ވިޝްކާ" އަކީ އޭނާގެ ހިޔާލަކުން އުފަންކުރުވި ވާހަކައެއް ކަމަށެވެ. އޭގެ އޮރިޖިނަލް ކުރު ވާހަކަ އާއި އެ ވާހަކަ އަށް މަހުދީ އަހުމަދު ތައްޔާރުކުރި ސްކްރީންޕްލޭގެ ހުރިހާ ރައިޓްސްއެއް ވެސް އޮތީ އޭނާގެ އަތުގައި ކަމަށް ކޮކޯ ހަސަން ބުނެ އެވެ.
ކޮކޯ ހަސަން ބުނާ ގޮތުން ނަމަ "ވިޝްކާ" އެއް އުފެއްދުމުގެ ހިޔާލު ރިޝްމީއާ ހަމަ އަށް އެންމެ ފުރަތަމަ ގެންގޮސްދިން މީހަކީ ވެސް އޭނާ އެވެ. މި ވާހަކަތަކަށް ރިޝްމީ ދެކޮޅުހެެދި ނަމަވެސް ސާބިތުކުރެވޭ ވަރަށް ހެކި އެބަހުރި ކަމަށް ވެސް ކޮކޯ ހަސަން ބުންޏެވެ.
"ރިޝްމީ ގާތު އަޅުގަނޑު ބުނީ ފިލްމެއް ހަދަން. އެއީ ރައްޓެއްސަކު ބުނީ ޕްރޮޑިއުސްކޮށްދީފާނަމޭ. ދެން އަޅުގަނޑު ބުނީ ރާއްޖޭގައި ނަހަދައެއް ނޫން ހެއްޔޭ އަންހެނަކު ވަރުގަދަ ރޯލެއް ކުޅެފައިވާ ފިލްމެއް،" އަވަސް އަށް ދިން އިންޓަވިއުއެއްގައި ހަސަން ބުންޏެވެ.
"ވަރަށް ކުރީގެ ހިންދީ ފިލްމަކުން ފެނުނު އަންހެން ކެރެކްޓާއަކުން އަޅުގަނޑަށް އިންސްޕަޔާވި ހިޔާލެއް އަޅުގަނޑު ރިޝްމީ އަށް ކިޔައިދިނީ. އެކަމަކު ވިޝްކާއަކީ އޭގެ ކޮޕީއެއް ނޫން. މި ވާހަކަ ލިޔުއްވީ ރިޝްމީ އަމިއްލަ އަށް. އެއީ ވަރަށް ރަނގަޅު ވާހަކައެއް."
ކޮކޯ ހަސަން ބުނަނީ އޭނާގެ ހިޔާލަކުން "ވިޝްކާ" އުފަންވުމަށް ފަހު ފިލްމެއް އުފެއްދުމަށް ރިޝްމީއާ އެކު ފެށި މަސައްކަތް މާލީ ނުތަވަސްކަމެއްގެ ތެރެއިން ހުއްޓިގެންދިޔައިރު ވާހަކައިގެ ހުރިހާ ރައިޓްސްއެއް ވެސް ވާހަކަ ލިޔުނު ވިޝާމް ސޮއިކޮށްފައިވާ ސިޓީއަކުން އޭނާ އަށް މިލްކުކޮށްދީފައިވާ ކަމަށެވެ.
"އެ ލެޓާގައި އޮތީ، އަޅުގަނޑު (ވާހަކަ ލިޔުނު މީހާ) ލިޔެފައިވާ ވާހަކަ، ވިޝްކާގެ ހުރިހާ ރައިޓްސްއެއް މއ. ކޮކޯގޭ ހުސެން ހަލީމު (އައިޑީކާޑު ނަމްބަރު ވެސް ހިމަނައިގެން) އަށް ހުރިހާ ރައިޓްސްއެއް އަޅުގަނޑު ދީފީމެވެ. އަޅުގަނޑުގެ އަތުގައި އެ ސިޓީގެ ކޮޕީއެއް ވެސް އެބައޮތް." ކޮކޯ ހަސަން ކިޔައިދިނެވެ.
ރިޝްމީ ބުނަނީ ކޮކޯ ހަސަން ހަދަނީ ހުސް ދޮގު ކަމަށް!
"ވިޝްކާ" ގެ ހުރިހާ ރައިޓްސްއެއް ލިބެނީ ކޮކޯ ހަސަނަށް ކަމަށް ބުނެ ކޯޓަށް ދާން އޭނާ ތައްޔާރުވަމުން ދިނަ ނަމަވެސް ފިލްމުގެ ރެޑް ކާޕެޓުގައި ޖެހިލުމެއް ނެތި ހިނގަން ރިޝްމީ ދަނީ ތައްޔާރުވަމުންނެވެ. އޭނާ ބުނަނީ ކޮކޯ ހަސަންގެ ވާހަކަތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއްކަން ސާބިތުކޮށްދެވޭ ވަރުގެ ހެކި އަތުގައި ހުރީމަ ކަމަށެވެ.
"ކޯޓަށް ދިޔަޔަސް ރިޝްމީ އަށް ވެސް އެބައޮތް ޕްރޫވްކޮށްދެވެން މިއީ ރިޝްމީގެ އެއްޗެއްކަން. ރިޝްމީ ބިރެއް ނުގަނޭ އޭނަ ކޯޓަށް ދިޔަޔަސް. ރިޝްމީ އަތުގައި އެބަހުއްޓޭ ފުލް ޕްރޫފް ވިތު އެވިޑެންސް އެންޑް ވިޓްނެސްވެސް،" ފޯނުން ދިން އިންޓަވިއުއެއްގައި ކޮކޯ ހަސަންގެ ވާހަކަތައް ދޮގުކޮށް ރައްދު ދެމުން ރިޝްމީ ބުންޏެވެ.
"ހުރިހާ މުއާމަލާތްތަކެއް އަޅުގަނޑުގެ އަތުގައި އެބަހުރި. އެހެންވެއްޖެއްޔާމު ރިޝްމީ އަށް ފުލް ގެރެންޓީ އެބައޮތޭ މާދަމާ ލީގަލީ އޭނަ ފައިޓްކުރި ކަމުގައި ވިޔަސް ވިޝްކާ އަކީ ރިޝްމީގެ އެއްޗެއްކަން. ފުލްކޮށް ޕޭއިނުކުރާ އެއްޗެއްގެ ރައިޓްސް އޭނައަށް ލިބޭނީ ކިހިނެތް؟"
"ވިޝްކާ" ގެ މިލްކުވެރިކަމަށް ދައުވާކުރާ ކޮކޯ ހަސަނަށް ރިޝްމީގެ އަތުގައި މި ނޫނަސް ބައިވަރު ސުވާލު އެބަހުއްޓެވެ. އެކަމަކު އޭގެ ކުރިން، "ވިޝްކާ" އަށް އެއްކޮށް ޕޭމަންޓް ނެހެދީ ކީއްވެގެންތޯ ކޮކޯ ހަސަނާ ސުވާލުކޮށްލަމާ ހިނގާށެވެ.
"ފުލް ޕޭމަންޓް ހަދާކަށް އަޅުގަނޑު ނުޖެހޭނެ. އަޅުގަނޑު ގާތަކު ނުބުނޭ ފުލް ޕޭމަންޓް ހަދާކަށް. އަޅުގަނޑަށް ގުޅާފައި (މަހުދީ) ބުނީ ވިޝްކާގެ ފިފްޓީ ޕަސެންޓް އަޅުގަނޑަށް ލިބޭނެ ގޮތް ހަދައިދޭންވީ ނޫން ހެއްޔޭ،" ކޮކޯ ހަސަން ކިޔައިދިނެވެ.
"ސިޓީއަކުން ހުރިހާ ރައިޓްސްއެއް ކޮކޯގޭ ހުސެން ހަލީމަށް ދިނީމައޭ އަޅުގަނޑު ގޮސް މަހުދީ އަށް (އެޑްވާންސްގެ ގޮތުގައި) 6500ރ. ޕޭއިކުރީ."
ނަމަވެސް ރިޝްމީ ބުނަނީ އަގު ނުދޭ އެއްޗެއްގެ މިލްކުވެރިޔަކަށް ކޮކޯ ހަސަންވާނެ ގޮތެއް ނެތް ކަމަށާއި "ވިޝްކާ" ގެ ހިޔާލަކީ އޭނާ އުފަންކުރުވި ހިޔާލެއް ކަމަށް ބުނާ ވާހަކައިގައި ވެސް ހަގީގަތެއް ނެތް ކަމަށެވެ.
"ހަތިމުގައި އަތްލާފަ ހުވާކޮށްފާނަން، ވިޝްކާ ކަހަލަ ވުމެން އޮރިއެންޓެޑް، ފީމޭލް ބޭސްޑް އެއްޗެއް ހަދަން އެ އައިޑިއާއާ އެކު އޭނަ ކައިރިއަށް ދިޔައީ ރިޝްމީ (ފިލްމެއް) ހަދަން ބޭނުންވެގެންކަން. އޭނަ ކައިރިއަށް ދިޔައީކީއެއް ވެސް ނޫން. (ދެ މީހުން ތިބި) ކޮފީ މޭޒެއްގައި އަޅުގަނޑު ބުނީ ރިޝްމީ ބޭނުމޭ ރިޝްމީ އަށް އެކްޓިން ދައްކާލެވޭ ފެންވަރުގެ ފިލްމެއް ރިޝްމީ ޑައިރެކްޓްކޮށްފައި ކުޅެން،" ރިޝްމީ ބުންޏެވެ.
"ހެއްދެވި ފަރާތް ދެކެ ބިރު ގަންނަނަ ނަމަ އޭނައަކަށް ނުކެރޭނެ ހަތިމެއްގައި އަތްލާފަ އެހެން ބުނާކަށް. ހަމަގައިމު ވެސް ރިޝްމީ އަށް ކެރިދާނެ އެހިސާބަށް ވެސް ދާން"
"(ވާހަކަ ލިޔުނު) ވިޝާމް އަކީ ރިޝްމީގެ ފްރެންޑެއް. ރިޝްމީ އާއި އޭނައާ ދެ މީހުން ވެގެން ވިޝްކާ ލިޔުނީ. އޭނަ ކައިރީގައި ބުނީ ރިޝްމީ އަށް އެކްޓް ދެއްކޭ ކަހަލަ، ފީމޭލް ބޭސްޑް ފިލްމެކޭ ބޭނުންވަނީ. އޭނަ އޭތި ލިޔަމުން ދިޔައިރު އޭގެ ހުރިހާ އެއްޗެއް ޑިސްކަސްކުރަމުން ދިޔައީ ވެސް ރިޝްމީއާ"
"ކާކު އޭނައާ ހަވާލުކުރި މަސައްކަތެއް؟ ރިޝްމީ އޭނައާ ހަވާލުކުރި މަސައްކަތެއް."
ކޮކޯ ހަސަނަށް ވިޝްކާ ލަނޑު ދިނީތަ؟
ރިޝްމީ ބުނަނީ ވީ އެހެނެއް ނޫން ކަމަށެވެ. މީގެ ތިން ވަރަކަށް އަހަރުކުރިން "ވިޝްކާ" ގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ އޭގެ ފައިދާ ރިޝްމީ އާއި ކޮކޯ ހަސަނަށް ހަމަ އަށް ލިބޭ ގޮތަށް އެއްބަސްވެގެންނެވެ. އެގޮތުގެ މަތިން ރިޝްމީގެ ރައްޓެއްސަކު ލައްވައި ވާހަކަ ލިޔެގެން މަހުދީގެ ގާތަށް ސްކްރިޕްޓެއް ލިޔުމަށް މި ވާހަކަ ގެންގޮސްދިނީ ކޮކޯ ހަސަން އިސްކޮށް ހުރެގެންނެވެ.
އޭރު އެއްބަސްވެފައި އޮތް ގޮތުން މި ފިލްމެއްގައި ލީޑްރޯލު ކުޅެ ޑައިރެކްޓްކުރާނީ ވެސް ރިޝްމީ އެވެ. އަދި ކެމެރާކޮށް ޕްރޮޑަކްޝްގައި ކޮކޯ ހަސަން މަސައްކަތްކުރާނެ އެވެ. ނަމަވެސް އެންމެ ފުރަތަމަ ފިލްމަށް ހޯދަން މަސައްކަތްކުރި ޕްރޮޑިއުސަރު ނުލިބި ފިލްމުގެ މަސައްކަތް ވަޅުޖެހިގެން ގޮސްފައި އޮތްވައި މަހުދީ އަށް ސްކްރިޕްޓްގެ އަގު ދޭން ޖެހިއްޖެ އެވެ.
ކޮކޯ ހަސަން ބުނާ ގޮތުން އެ އަގުގެ ދެ ބައިކުޅަ އެއްބައި އޭނާ ދޭން އެއްބަސްވީ ވާހަކައިގެ ހުރިހާ ރައިޓްސްއެއް ދިނުމުންނެވެ. ނަމަވެސް ރިޝްމީ ބުނަނީ ރައިޓްސް އެގޮތަށް ގަނެފައޭ ބުނުމަކީ ދޮގެއް ކަމަށެވެ.
"ރިޝްމީ ބުނީ މިވަގުތަކު ނެތޭ (މަހުދީ އަށް ދޭނެ އަގު). ޕްރޮޑިއުސަރެއް އަދި ނުލިބެއެއް ނޫން ހެއްޔޭ. (ކޮކޯ ހަސަން) ގެ އަތުން ޕޭއިކޮށްލަންވީ ނޫން ހެއްޔޭ. ދެން ބުނެފި ތިމަންނައަކަށް ޕޭއިއެއް ނުކުރެވޭނެ ނޫން ހެއްޔޯ ތިމަންނަ އަތުގައި ލިޔުމެއް ކަހަލަ އެއްޗެއް ނެތިއްޔާމު. ތިމަންނަގެ އެއްޗެއްކަން އެނގޭ ކަހަލަ ލިޔުމެއް ނެތި،" ރިޝްމީ ކިޔައިދިނެވެ.
"ދެން އަޅުގަނޑު ބުނިން ހިނގާށޭ ފޮ ދަ މޯމެންޓް ލިޔުމެއް ތައްޔާރުކޮށްލަން. ރިޝްމީ ބުނި ބުނުމަކަށް ވިޝާމް ދެ ސެންޓެންސްގެ ލެޓާއެއް ދިނީ. ވިޝާމަކަށް އޭނަ ޕޭއިއެއް ނުކުރޭ. ރިޝްމީ ޕާސަނަލީ ވިޝާމަށް ޔަގީންކަން ދިނިން ޕޭއިކުރާނެ ކަމުގެ."
މި ސިޓީއަކުން ހަސަން އަށް "ވިޝްކާ" ގެ ރައިޓްސް ދިނުމަށް ފަހު އޭގެ މަސް ދުވަސްތަކެއް ފަހުން ރިޝްމީ އަށް ޕްރޮޑިއުސަރަކު ލިބި ފިލްމުގެ ޕްރޮޖެކްޓުން ކޮކޯ ހަސަން ބާކީވެގެން ދިޔައީ އެވެ. އެހިސާބުން "ވިޝްކާ" ގެ ރައިޓްސް ރިޝްމީ އަށް ވިއްކަން އޭނާ ކީ އަގަކީ 20،000ރ. އެވެ.
"ދެން ބުނީ 20،000ރ. ދީފަ ސްކްރިޕްޓް ހަދާށޭ. އެވަރު ދޭންވީ ކީއްވެހޭ ސުވާލުކުރީމަ ބުނީ ތިމަންނަ ހުންނާނީ މަހުދީ އަށް އެއްކޮށް ޕޭއިކޮށްފައޭ. ޕޭއިކުރި ކަމަށް ބުނި ސީދާ އަދަދެއް ހަނދާނެއް ނެތް. ޔަގީނަށް ވެސް 15،000ރ އަށް ވުރެ ބޮޑުކޮށްކީ،" ރިޝްމީ ބުންޏެވެ.
މި ޔަގީންކަމުގައި "ވިޝްކާ" ގެ ވާހަކަ ކިޔައިދިނުމަށް ފަހު ރިޝްމީ ބުނަނީ ކޮކޯ ހަސަން ކޯޓަށް ދިޔަޔަސް އޭނާގެ ބިރެއް ނެތް ކަމަށެވެ. ނަމަވެސް ކުރިން މައްސަލަ ނުޖައްސައި މިހާރު މިކަން މައްސަލައަކަށް ހަދާތީ ރިޝްމީ ސުވާލު އުފެއްދި އެވެ.
އެކަމަކު ކޮކޯ ހަސަން ބުނަނީ މިހެންނެވެ.
"އަހަރެން ފުލުސް އޮފީހަށް ދާނީ ނުވަތަ ކޯޓަށް ދާނީ އަހަރެން ބޭނުންވީމަ ދޯ. އެމީހުން ބޭނުންވީމަ އެމީހުން އެ ފިލްމު ހެދީ. އަހަރެން ބޭނުންވީމަތާ އަހަރެން ކޯޓަށް ދާނީ. ފިލްމު ހަދައިގެން ފިލްމު އަޅުވާކަން ޔަގީންވީމަތާ މަ ދާނީ"
"އަޅުގަނޑު އޮޅުންފިލުވަން ބޭނުންވަނީ އެއީ ރިޝްމީގެ އެއްޗެއްތޯ ނުވަތަ އަޅުގަނޑުގެ އެއްޗެއްތޯ؟ އަޅުގަނޑަށް ސަތޭކަ ޕަސެންޓް ޔަގީން އެއީ އަޅުގަނޑުގެ އެއްޗެއްކަން"
"މިއީ ޕާސަނަލް މައްސަލައެއް ނޫން. މީހަކަށް ލަޑެއް ދޭކަށެއް ނުވަތަ ބޮނޑިއެއް ދޭކަށެއް ކުރާ ކަމެއް ނޫން މިއީ. މި މައްސަލަ ދޫކޮށެއް ނުލެވޭނެ."