ދިވެހި ސިނަމާ

"މީ ލޯތްބަކީ"ގެ ވަދާއީ ޝޯތައް 11 އިން 13 އަށް

ހައުސްފުލް 14 ޝޯ އަދި ހައުސްފުލް ނޫން ހަ ޝޯ ދެއްކުމަށްފަހު ޑާކްރެއިން އެންޓަޓެއިންމަންޓުން "މީ ލޯތްބަކީ" ގެ ވަދާއީ ޝޯތަކަށް ތައްޔާރުވެއްޖެ އެވެ. މިހަފްތާގެ ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހު މާލޭގައި ވަދާއީ ޝޯތައް ދައްކާއިރު މިމަހު 10 އަކުން 13 އަށް އައްޑޫގައި އަދި ކުޅުދުއްފުށީގައި އަދި 12، 13 ގައި ނައިފަރު އާއި، ޑަބްލިއު މޯލްޑިވްސް ރިސޯޓުގައިވެސް ފިލްމު އަޅުވާނެ އެވެ.

އަތޮޅު ތެރޭގެ ޝޯތަކުގެ ޓިކެޓު ވިއްކަން ފަށާފައިވާއިރު ގިނަ ރަށްތަކުގައި އަޅުވާނީ ފުރަތަމަ ޝޯގެ ޓިކެޓު މިހާރުވަނީ ވިކި ހުސްވެފަ އެވެ. "މީ ލޯތްބަކީ" ސްރީލަންކާ އަދި މެލޭޝިޔާގައިވެސް އަޅުވާނެ އެވެ. ރޯދަމަހަށް ފަހު ފިލްމު އަޅުވާއިރު އަދި ތާރީހެއް ނުނިންމަ އެވެ.

ފިލްމުގެ ވަދާއީ ޝޯތަކަށް ތައްޔާރުވުމަށްފަހު ޑާކްރެއިން އެންޓަޓެއިންމަންޓުން މިވަނީ އިތުރު ޓްރެއިލާއެއްވެސް ދޫކޮށްލާފަ އެވެ. ޕްރޮމޯޝަނަލް ލަވަތަކުގެ ގޮތުގަ ދެ ލަވައެއްވެސް ބެލުންތެރިންނަށް ވަނީ ދޫކޮށްލާފަ އެވެ. ފުރަތަމަ ލަވައިގެ ގޮތުގައި ޑީޓިއުން ބޭންޑުން ހުށަަހަޅައިދީފައިވާ "ހީލާ ހަދާލަން" ދޫކޮށްލާފައިވާއިރު ފިލްމު އެޅުވުމަށްފަހު "އެންމެ މަލެއް" އަދި "ނިންޖެއް" ވަނީ ޕްރޮމޯޝަނަލް ލަވަތަކެއްގެ ގޮތުގައި ދޫކޮށްލާފަ އެވެ. މި ލަވަތަކަށް ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ.

މުހައްމަދު ޖުމައްޔިލް އަދި މަރިޔަމް އައްޒަ ލީޑް ރޯލުން ފެނިގެންދާ މި ފިލްމަކީ ރޮމޭންޓިކް ކޮމެޑީ އެކެވެ. މި ފިލްމުން އާ ގިނަ ތަރިންތަކެއް ފެނިގެންދެ އެވެ.

"މީ ލޯތްބަކީ" އަށް ފަހު ޑާކްރެއިނުން މިހާރު ތައްޔާރު ވަމުންދަނީ މުޅިން ތަފާތު ދިމާލަކަށެވެ. ޑާކްރެއިނުން މިހާރު ތައްޔާރުވަނީ ތްރިލާ ފިލްމެއް ކަމަށްވާ "ގޮށްރާޅު" އަށެވެ. މި ފިލްމު ބެލުންތެރިންނާ ހަމައަށް އަންނާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ފެބްރުއަރީ ހިސާބުގަ އެވެ.