ދިވެހި ސިނަމާ

މުންކޮގެ "އިލް ނޮއިސް" މިރޭ ސްކްރީން އަށް

ތަފާތު ފިލްމޭ ފިލްމު ޕްރޮޑިއުސަރުން މި ކިޔާ ކެޓަގަރީއަށް މި ފިލްމު ވަންނާނެ އެވެ. ދިވެހި ފިލްމު ޕްރޮޑިއުސަރުން އާންމުކޮށް އުފައްދާ ފިލްމު ތަކާއި ތަފާތުުކޮށް މުހައްމަދު މުންތަސިރު (މުންކޮ) މި ފަހަރު މި ގެނެސްދެނީ "އިލް ނޮއިސް" އެވެ. ނަމަށް އެކަނި ވިސްނާލިއަސް މިއީ ތަފާތ ފިލްމެއްކަން އެނގިގެންދެ އެވެ.

"އިލް ނޮއިސް" އަކީ މުޅިން އާ ކޮންސެޕްޓެއް ނޫނެވެ. ދެހާސް ބާރަ ވަނަ އަހަރު ހަމަ އެނަމުގައި ތިއޭޓާ މިޒާޖުން ގެނެސްދީފައިވާ ތިއޭޓާ ޕްލޭ އެެކެވެ. މިއީ ސައިކޮލޮޖިކަލް ތްރިލާ އެކެވެ. ގޮތް ނޭނގޭ ބައްޔެއް ޖެހިފައިވާ މައިކްރޮބައިލޮޖިސްޓެއްގެ ވާހަކަ ކިޔައިދޭ މި ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ މުންކޮ އެވެ. މުންކޮ އާ އެކު އަހުމަދު އަލަމް އަދި ޝަމްއަތު އިބްރާހީމް ފެނިގެންދާނެ އެވެ.

މި ފިލްމު މިރޭ ޝްވެކް ސިނަމާގައި ރަސްމީކޮށް ޕްރިމިއާ ކުރަން ވަނީ ހަމަޖެހިފަ އެވެ. އަންނަ ހަފްތާގެ ބުރަސްފަތި ދުވަހާއި ހަމައަށް ޝްވެކް ސިނަމާގައި މި ފިލްމު އަޅުވާނެ އެވެ. އިތުރު ޝޯތައް އެޅުވުމާމެދު އަދި ވަކި ގޮތެއް ނުނިންމަ އެވެ.

އިސްމާއިލް ނިހާދު ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ސްކްރީން ޕްލޭ ލިޔެފައިވަނީ އަހުމަދު މައުރޫފް ޖަމީލެވެެ. މި ފިލްމު ސިނަމާ އާ ހަމައަށް ގެންނަން ހަމަޖެހިފައިވަނީ އޮކޭޒް އާ ގުޅިގެންނެވެ.

ބޮޑުބައި އިނގިރޭސި ބަހުން ގެެނެސްދޭ މި ފިލްމު މި ފިލްމް މާލޭގައި ޕްރިމިއާ ކުރުމަށް ފަހު އަވަށްޓެރި ސްރީ ލަންކާ، ބަންގްލަދޭޝް، ބޫޓާން އަދި ނޭޕާލް ގައި އަޅުވަން ވަނީ ނިންމާފަ އެވެ.