ދިވެހި ސިނަމާ

"ބޮސް"ގެ ފޮޓޯތަކުންވެސް އަސަރުކުރާނެކަން ޔަގީން

އޮލިމްޕަހަށް ވަންނަ އިރު ކޮންމެހެންވެސް ޓިޝޫ ޕެކެޓެއް ގެންދަން ޖެހޭނެ ފިލްމުތަކަކީ ޕްރޮޑިއުސަރު / ޑައިރެކްޓަރު ފާތިމަތު ނަހުލާގެ ފިލްމުތަކެވެ. ނުރޯން އެންމެ ހިތްވަރުކޮށް ރައްޓެހިންގެ ތެރޭގައި ގަދަ ބަސް ބުނާ މީހާވެސް ނަހުލާގެ ފިލްމެއް ބަލާފައި ނުރޮއެއް ނާންނާނެ އެވެ. ސިނަމާގައި މީހުން ރޮއްވާލަން އެންމެ މޮޅީ ނަހުލާ އެވެ. އެހާ އަސަރު ނަހުލާގެ ފިލްމުތަކުގައި ހުންނާނެ އެވެ. އެ ފިލްމަކީ ނަހުލާގެ ފިލްމެކޭ ބުނާ ހިސާބުން އިތުރު ތަފްސީލެއްވެސް ބޭނުމެއް ނުވާނެ އެވެ.

ލޯބީގެ އަސަރު ގަދަ ފިލްމުތަކެއް ގެނެސްދިނުމަށްފަހު މިދިޔަ އަހަރު ނަހުލާ ގެނެސްދިނީ ބިރުވެރިކަމުގެ އިންތިހާ އެވެ. އެއަށްފަހު އަނެއްކާވެސް ތައްޔާރުވާން ފެށީ ލޯބީގެ އަސަރު ގަދަ ފިލްމަކަށެވެ. "ބޮސް" ގެ ޝޫޓިންގެ ބޮޑުބައެއް މިހާރު ނިންމާލާފައިވާއިރު ފޭސްބުކް މެދުވެރިކޮށް ޝޫޓިންގެ މަންޒަރުތަކާއި ފިލްމުގެ މަންޒަރުތައް އައީ އާންމުންނަށް ހިއްސާކުރަމުންނެވެ. ފިލްމުގެ ގިނަ މަންޒަރުތަކެއް ހިއްސާކުރި އިރު ފާހަގަކުރެވޭ އެއް ކަމެއް އެބަ އޮތެވެ. ނަހުލާ ބުނިހެން މިއީ އަސަރު ގަދަ ފިލްމަކަށް ވާނެ އެވެ. ފޮޓޯތަކުން ފިލްމުގެ އަސަރުގަދަކަން މިހާރުވެސް ފެނިގެން އެބަދެ އެވެ. ޑައިރެކްޓަރު އައިޝަތު ރިޝްމީގެ މަސައްކަތާއެކު މި ފިލްމު ބަލާފައިވެސް އެންމެން ނުކުންނާނީ ރޮއެފަ އެވެ.

ބޮސް ގެ ފޮޓޯތަކުގެ ތެރެއިން މިހާތަނަށް އެންމެ އަސަރުގަދަ ފޮޓޯއެއްގެ ގޮތުގައި ފެނިގެން ގޮސްފައިވަނީ ފިލްމުގެ ލީޑު ދެ ތަރިން ކަމަށްވާ މުހައްމަދު ޔުނާނު އަދި މަރިޔަމް އައްޒަ އެކަކު އަނެކަކަށް ބަލަހައްޓައިގެން ހުންނަ ފޮޓޯ އެކެވެ. ހީވާ ގޮތުގައި އެއީ އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވެ، އެހެން ނަމަވެސް މަޖުބޫރީއެއްގެ ސަބަބުން އެ ލޯބި ނުލިބޭނެކަން އެނގިހުރެ އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބެނީ ހެންނެވެ. އެ ފޮޓޯގެ ކެޕްޝަނެއްގެ ގޮތުގައިވެސް ޖަހާފައިވަނީ އަސަރު ގަދަ ޖުމްލަ އެކެވެ. "އަހަރެން ތިބާ ދެކެ ލޯބިވުމުގެ އެއްވެސް ގަސްތެއް ނެތެވެ. އެހެން ނަމަވެސް ވަރަށް ބޮޑަށް ލޯބި ވެވިއްޖެ އެވެ."

އެ ފޮޓޯ އިން އިތުރު ކަމެއްވެސް ދޭހަވެ އެވެ. އައްޒަ އަދި ޔުނާނުގެ ކެމިސްޓްރީ އެވެ. އެދެ ތަރިންގެ ކެމިސްޓްރީ ވަރުގަދަވެ އެއީ ވަރަށް ގުޅޭ ޖޯޑަކަށް ވެގެންދާނެ ކަމަށް ބެލެވެ އެވެ.

ފިލްމުގެ އަސަރު ގަދަކަން ފެނިގެންދާ އިތުރު ފޮޓޯއަކަށް ބަލައިލާއިރު އައްޒަ އެކަނި މާއެކަނި ފޮއްޓެއް ހިފައިގެން އެނދުގައި އިށީނދެގެން އިންނަ ފޮޓޯ އެކެެވެ. އެ ފޮޓޯގައިވެސް އިންތިހާ ވޭނާއި ކެކުޅުން އައްޒަގެ މޫނުން ފެނިގެންދެ އެވެ. އެއިނީ ވަރަށް ބޮޑަށް ހިތުގައި ޖެހިފައިކަން ޔަގީނެވެ. މީގެއިތުރުން އިމޯޝަނަލް ސީން އަކަށް ތައްޔާރުވުމަށް އައްޒަ އިންނަ ފޮޓޯއެއްވެސް ވަނީ ޕޯސްޓުކޮށްފަ އެވެ. އެ ފޮޓޯއަކީވެސް އަސަރުގަދަ ފޮޓޯ އެކެވެ.

މީގެއިތުރުން ފިލްމުން ފެނިގެންދާ އެހެން ދެ ތަރިން ކަމަށްފާ އިބްރާހިމް ޖިހާދު (ޖިމީ) އަދި ފާތިމަތު އާޒިފާ (އަޒޫ) ފެނިގެންދާ ފޮޓޯއެއްވެސް ވަނީ ޕޯސްޓުކޮށްފަ އެވެ. އެ ފޮޓޯއިން ފެންނަ ގޮތުގައި އަޒޫ އަދި ޖިމީވެސް އެހުރީ ކޮންމެވެސް ކަމަކާ ވަރަށް ބޮޑަށް ދެރަވެފަ އެވެ. އަސަރުން ފުރިގެންވާ މަންޒަރެކެވެ.

އަލީ އާޒިމް (ދޮން އައްޔަ) އަދި އަލީ ޝަމީލްވެސް އެ ފިލްމުން ފެނިގެންދާނެ އެވެ. ސިނެމްސްޓޯން އިން ސިނެމެޓޮގްރަފީ ހަދައިދޭ އެ ފިލްމަކީ ފޯކޭ ކޮލިޓީގައި އުފައްދާ ފިލްމެކެވެ. މި ފިލްމުގައި ބޮސް ސިފަ ކުރަނީ ބޮސް ދިނުމުގެ ގޮތުގަ އެވެ.

ފިލްމުގެ ލަވަތައް ކިޔާފައިވަނީ މުހައްމަދު އަބްދުލް ގަނީ (ތޭރަވާ)، އައިޝަތު މާއިން ރަޝީދު، ޝަލަބީ އިބްރާހީމް، މަރިޔަމް އަޝްފާ، އިބްރާހިމް އަލީ (ކުޑަ އިއްބެ)، ކޮމަންޑޫ އައްޔަ އަދި އަހުމަދު ނަބީލް އެވެ. ބޮސް ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ އޮކްޓޫބަރު 24 ގަ އެވެ.